ދިރާގު ދިވެހި ލީގު

ދިރާގު ދިވެހި ލީގުގެ ފެށުން ނިއު އާއި ވީބީގެ ބޮޑު މެޗުން

މުހައްމަދު ހަމްދޫން
12 އެޕްރީލް 2012 13:44 4 ކޮމެންޓު
  • ނިއު އާއި ވީބީ މިދިޔަ ސީޒަނުގައި ކުޅުނު މެޗުގައި ވީބީގެ ދަގަނޑޭ (ވ) އަތުން ބޯޅަ ހޯދަން ނިއުގެ އާސިފް މަސައްކަތްކުރަނީ: ދަގަނޑޭ މި އަހަރު ކުޅޭނީ ނިއު އަށް. --ހަވީރު ފައިލް ފޮޓޯ

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު މުބާރާތް ކަމަށްވާ ދިރާގު ދިވެހި ލީގު އަންނަ ހަފުތާގެ ބުދަ ދުވަހުގެރޭ ފަށާނީ މިހާރު ރާއްޖޭގެ އެންމެ ވާދަވެރި ދެ ކްލަބް ކަމަށްވާ ނިއު ރޭޑިއަންޓާއި ވީބީ އައްޑޫ އެފްސީގެ މެޗުންނެވެ.

ދެ ވަނަ މެޗުގައި 19 ވަނަ ދުވަހު ހަވީރު ވިކްޓަރީ އާއި މާޒިޔާ ކުޅޭއިރު ތިން ވަނަ މެޗުގައި 20 ވަނަ ދުވަހު ހަވީރު ނުކުންނާނީ ކްލަބް އީގަލްސް އާއި ވިޔަންސާގެ އެވެ. ފުރަތަމަ ހަފުތާގެ ފަހު މެޗުގައި 21 ވަނަ ދުވަހު ހަވީރު ވާދަކުރާނީ ވެލެންސިއާ އާއި އޭވައިއެލް އެވެ.

މި ފަހަރުގެ ލީގުގެ ހުޅުވާ މެޗާއި ރޯދަ މަހު ކުޅޭ މެޗުތަކުގެ އިތުރުން ތިން ވަނަ ބުރުގެ ފަހު ތިން މެޗު ފިޔަވައި ހުރިހާ މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ ހަވީރެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ޝާހު އިސްމާއިލް މިއަދު ވިދާޅުވީ ގިނަ މެޗުތައް ހަވީރު ކުޅޭ ގޮތަށް ހަމަޖެއްސީ ޓީވީއެމް އިން މެޗު ލައިވްކުރުމަށް ބަލާއިރު ރޭގަނޑު ވަގުތު ދެވެން ނެތުމުން ކަމަށެވެ.

"ޓީވީއެމް އަށް ރޭގަނޑު ލައިވް ކުރަން ވަގުތު ވަރަށް ދަތިކޮށް އުޅެނީ. އެ ފަރާތުން ބުނަނީ 81 މެޗުގެ ތެރެއިން 31 މެޗު ލައިވްކޮށްދޭނަމޭ ހަވީރު ކުޅެންޏާ. ދެން ސްޕޮންސާކުރާ ފަރާތްތަކުން ބޮޑު ހޭދައެއް ކުރާއިރު އެ ފަރާތުން ބޭނުންވޭ ލައިވްކުރަން. އެގޮތަށް ބަލާފައި ހަވީރު ކުޅޭ ގޮތަށް ހަމަޖެއްސީ،" ޝާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރުގެ އޮފީސްތައް ނިމޭ ވަގުތު މިހާރު 3 އަށް ބަދަލުކޮށްފައި އޮތުމަކީ ވެސް މެޗުތައް ހަވީރަށް ބަދަލުކުރުމުގައި ވިސްނި ކަމެއް ކަމަށާއި އަދި ރޭގަނޑު ކުޅުނަސް މެޗަށް ވަންނަ މީހުންގެ އަދަދަށް މާބޮޑު ތަފާތެއް އަންނަކަން ފާހަގަކުރެވިފައި ނެތް ކަމަށެވެ.

ދިވެހި ލީގުގެ ފުރަތަމަ ބުރު ޖޫން އެއް ވަނަ ދުވަހު ނިމޭއިރު ދެ ވަނަ ބުރު ކުރިއަށްދާނީ 5 ޖުލައި އިން ފެށިގެން 17 އޮގަސްޓަށެވެ. އަދި ތިން ވަނަ ބުރު އޮންނާނީ ސެޕްޓެމްބަރު 1 އިން ފެށިގެން 27 ސެޕްޓެމްބަރަށެވެ.

ލީގު ހުޅުވަން ނިއު އާއި ވީބީ ކުޅޭ މެޗުގެ ފޯރިގަދަވާނެ ކަމަށް ބެލެވެ އެވެ. އޭގެ އެއް ސަބަބަކީ ދެ ޓީމަށް މި އަހަރު އައިސްފައިވާ ބަދަލެވެ. އެގޮތުން މިދިޔަ އަހަރު ނިއު އަށް ކުޅުނު ޗާލްސް ރައިޓް ގަޔޭ އާއި ސޮބާހް މުހައްމަދާއި މުހައްމަދު ޖަމީލް އަދި ގޯލްކީޕަރު އަބްދުﷲ ޒިޔަޒަން ކުޅޭނީ ވީބީ އަށެވެ. އަދި މިދިޔަ އަހަރު ވީބީ އަށް ކުޅުނު ގޯލްކީޕަރު އިމްރާން މުހައްމަދާއި އަލީ އަޝްފާގް (ދަގަނޑޭ) އަދި އަލީ އުމަރު ކުޅޭނީ ނިއުއަށެވެ. މީގެ އިތުރުން މި ދެ ޓީމުގެ ފާއިތުވި ތިން އަހަރުގެ ކުރިމަތިލުންތަކުގެ ނަތީޖާ ނުކުތް ގޮތުން މެޗު ފޯރިގަދަވާނެ ކަމަށް ލަފާކުރެވެ އެވެ.

ވިކްޓަރީ އާއި ވީބީ އައްޑޫ އެފްސީގެ ޗެރިޓީ ޝީލްޑް މެޗުން މާޗު 27 ގައި ސީޒަން ވަނީ ފަށައިފަ އެވެ.

4 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait