ދިރާގު ދިވެހި ލީގު

ދަގަނޑޭގެ ހެޓްރިކާ އެކު ނިއުގެ ފެށުން ރަނގަޅުކޮށްފި

ހަސަން ޝިފާން
19 އެޕްރީލް 2012 08:55 7 ކޮމެންޓު
 • ރޭގެ މެޗުގައި ދަގަނޑޭ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ: މި ސީޒަނުގައި ނިއު އަށް ކުޅުނު ފުރަތަމަ މެޗުގައި އޭނާ ހެޓްރިކް ހެދި. --ހަވީރު ފޮޓޯ: މުހައްމަދު ވަހީދު

ނިއު ރޭޑިއަންޓަށް މި ސީޒަނުގައި ބަދަލުވި ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ)ގެ ހެޓްރިކާ އެކު ދިރާގު ދިވެހި ލީގުގެ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ވީބީ އަތުން 4- 0 އިން ނިއު ރޭ މޮޅުވެއްޖެ އެވެ.

ހަތަރު އަހަރު ވީބީ އަށް ކުޅުމަށް ފަހު މި ސީޒަނުގައި ނިއު އަށް ބަދަލުވި ދަގަނޑޭގެ އިތުރުން ރޭގެ މެޗުގައި ނިއު އަށް ލަނޑު ޖަހައިދިނީ ކެޕްޓަން އަހުމަދު ތޯރިގް (ޓޮމް) އެވެ.

މެޗުގައި ދަގަނޑޭގެ ފުރަތަމަ ލަނޑު ފެނުނީ މެޗުގެ 18 ވަނަ މިނިޓުގަ އެވެ. ވީބީގެ ގޯލާ ދިމާލަށް ދަގަނޑޭ ހުރަސްކޮށްލި ބޯޅަ ގޯލުގެ ތެރެއަށް ވަނީ ވީބީގެ ޑިފެންޑަރެއްގެ ބޮލުގައި ޖެހިފަ އެވެ.

ނިއު އިން ލީޑު ނެގިތާ ދެ މިނިޓު ފަހުން ވީބީގެ ޝަމްވީލް ގާސިމް (ބޮންޑާ) ނިއުގެ ޕެނަލްޓީ އޭރިޔާ ބޭރުން ފޮނުވާލި ބާރު ޝޮޓު ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.

ދެވަނަ ހާފުގެ ކުރީކޮޅު މެޗުގެ ނަތީޖާ އެއްވަރުކުރަން ވީބީގެ ސިއެރަލިއޯން ފޯވަޑް އަބޫ ޑެސްމޮން އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ނިއުގެ ޕެނަލްޓީ އޭރިޔާ ތެރެއިން ގޯލްކީޕަރު އިމްރާން ކައިރިން ނައްޓާލުމަށް ފަހު އަބޫ ގޯލާ ދިމާލަށް ބޯޅަ ފޮނުވާލި ނަމަވެސް، ނިއުގެ ނައިޖީރިއާ ޑިފެންޑަރު ކިންގްސްލީ ޗުކްވުޑީ ވަނީ ގޯލު ރޮނގު މަތިން އެ ބޯޅަ ދިފާއުކޮށްފަ އެވެ.

މެޗުގެ 67 ވަނަ މިނިޓުގައި ދަގަނޑޭ ވަނީ ނިއުގެ ލީޑު ފުޅާކޮށްދީފަ އެވެ. ނިއުގެ މިޑްފީލްޑަރު އަހުމަދު ނިޔާޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި ވީބީގެ ޕެނަލްޓީ އޭރިޔާ ތެރެއިން އެ ޓީމުގެ ތަޖުރިބާކާރު ޑިފެންޑަރު މުހައްމަދު ޖަމީލް (ޖަމްބޭ) ކައިރިން ނައްޓާލުމަށް ފަހު ދަގަނޑޭ ވަނީ ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައިފަ އެވެ.

ނިއުގެ ނުރައްކާތެރި ހަމަލާތަކަކަށް ފަހު އެ ޓީމުގެ ތިން ވަނަ ލަނޑު މެޗުގެ ފަހު މިނިޓުގައި ކާމިޔާބުކޮށްދިނީ ކެޕްޓަން ޓޮމް އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް ޝަހީމް އަބްދުލް ގާދިރު ވީބީގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ޓޮމް ބޮލުން ގޯލުގެ ތެރެއަށް ވައްދާލިއިރު، އޭރިޔާގެ ތެރޭގައި ތިބި ވީބީގެ ޑިފެންޑަރުންނަށް ތިބެވުނީ އޭނާ ދޫކޮށްލައިގެންނެވެ.

ދަގަނޑޭ ހެޓްރިކް ހެދީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކުރި ލަނޑުންނެވެ. ވީބީގެ ޕެނަލްޓީ އޭރިޔާ ތެރެއިން އެ ޓީމުގެ ގޯލްކީޕަރު ހުސެއިން ހަބީބް ކައިރިން ނައްޓާލުމަށް ފަހު ދަގަނޑޭ ވަނީ ގޯލުގެ ތެރެ އަށް ބޯޅަ ވައްދާލައިފަ އެވެ.

ކިޔުންތެރިންގެ އިހުސާސް: މިއާޓިކަލް ކިޔާލުމުން ކުރެވުނީ ކޮން އިހުސާސެއް؟

 • 0%
  ދެރަވި
 • 0%
  އުފާވި
 • 0%
  ރުޅިއައި
 • 0%
  މައުލޫމާތު މުއްސަނދިވި

7 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait