ދިރާގު ދިވެހި ލީގު

ވިޔަންސާ ބަލިކޮށް އީގަލްސް އަށް ރަނގަޅު ފެށުމެއް

މުހައްމަދު ހަމްދޫން
20 އެޕްރީލް 2012 19:22 4 ކޮމެންޓު
 • އީގަލްސް އަށް ލަނޑު ޖަހައިދިން ޝިނާޒް (ވ) އަށް ހުރަސް އެޅުމަށް ވިޔަންސާ ކުޅުންތެރިއަކު މިއަދު މަސައްކަތް ކުރަނީ. --ހަވީރު ފޮޓޯ/މުހައްމަދު ވަހީދު

ވިޔަންސާ އަތުން 1- 0 އިން މޮޅުވެ ދިރާގު ދިވެހި ލީގުގައި ކްލަބް އީގަލްސްގެ ފެށުން ރަނގަޅު ކޮށްފި އެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި އީގަލްސްގެ ހަމައެކަނި ލަނޑު 75 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޝިނާޒް ހިލްމީ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި އީގަލްސްގެ އަހުމަދު އިމާޒް (އާއްކޮ) އަށް ވަނީ ލަނޑު ޖަހަން ރަނގަޅު ދެ ފުރުސަތު ލިބިފަ އެވެ. އެގޮތުން 25 ވަނަ މިނެޓުގައި ހުރަހަކުން ތަނަވަސްވި ބޯޅަ ހުހަށް ހުރެ ގޯލަށް ފޮނުވާލަން ފުރުސަތު ލިބުނެވެ. އަދި 41 ވަނަ މިނެޓުގައި އޭރިއާ ތެރެއިން އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދާގަނޑަށެވެ.

ދެ ވަނަ ހާފު ފަށައިގެން 52 ވަނަ މިނެޓުގައި އީގަލްސްގެ ރިލުވާން އަހުމަދު (ރިލޭ) އަށް ވެސް ރަނގަޅު ފުރުސަތެއް ލިބުނެވެ. ނަމަވެސް ވިޔަންސާގެ ކުރީގެ ކުޅުންތެރިޔާ އެކަނިމާއެކަނި ހުރެ ފޮނުވާލި ބޯޅަ އަމާޒުވީ ވިޔަންސާ ގޯލްކީޕަރު ގާނާގެ އެލެކްސެންޑާ އޮސެއީ އަތަށެވެ. އޭގެ ފަހުން އީގަލްސްގެ ކެޕްޓަން އަދި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އައްސަދު އަބްދުލް ގަނީ އަށް ވެސް ލީޑު ނަގަން ފުރުސަތު ލިބުނެވެ. އޭގެ ތެރެއިން އެއް ފުރުސަތުގައި 70 ވަނަ މިނެޓުގައި އޭނާ ބޮލުން ފޮނުވާލި ބޯޅަ ގޯލް ލައިން މަތިން ދިފާއުކުރީ ވިޔަންސާ ޑިފެންޑަރެކެވެ. އޭގެ ހަތަރު މިނެޓު ފަހުން އޭނާ ބޮލުން ފޮނުވާލި ބޯޅަ ދިފާއުކުރީ ވިޔަންސާ ކީޕަރެވެ. އޭގެ އެއް މިނެޓު ފަހުން ޝިނާޒް އެ ޓީމަށް ލީޑު ނަގައިދިނެވެ. މުޅި މެޗުގައި ވެސް ވިޔަންސާ އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ތަނަވަހެއް ނުކުރެވުނެވެ.

މެޗަށް ފަހު ފަހު އީގަލްސްގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ބުނީ ރަނގަޅު ފެށުމަކުން ފެށުނީތީ ވަރަށް ހިތްހަމަޖެހޭ ކަމަށާއި ކުޅުންތެރިން ދަނޑުމަތީ ކުރި މަސައްކަތް ފާހަގަކުރާ ކަމަށެވެ.

"ރަނގަޅު ފެށުމަކުން ފެށުނީތީ ވަރަށް ހިތްހަމަޖެހޭ. ހަގީގަތުގައި އެކަން އެހެންވީ ކުޅުންތެރިން ކުރި ބުރަ މަސައްކަތުން. އަޅުގަނޑުމެންގެ ޕްލޭނާ އެއްގޮތަށް ޓީމުކުޅުނު،" ގައުމީ ޓީމުގެ ކުރީގެ އެސިސްޓެންޓް ކޯޗު ބުންޏެވެ.

އޭނާ ބުނީ ޓީމަށް ދިމާވެފައިވާ މައްސަލައަކީ ގޯލް ނުޖެހުން ކަމަށާއި އެ ޓީމުގެ ފޯވާޑް އާއްކޮ އަކީ ޅަ ކުޅުންތެރިއަކަށް ވުމުން އޭނާ އަށް ވަގުތު ދޭން ޖެހޭ ކަމަށެވެ. މީގެ އިތުރުން ޓީމުގައި ހިމެނޭ ތަޖުރިބާކާރު ކުޅުންތެރިންގެ ފަރާތުން ދަނޑު ބޭރުގައި ވެސް ބޮޑު އެއްބާރުލުމެއް ލިބެމުން އަންނަ ކަމަށް ސާންތީ ބުންޏެވެ.

އައްސަދުގެ އިތުރުން، އީގަލްސް ޓީމުގައި ގައުމީ ޓީމުގައި ހިމެނޭ މުހުތާރު ނަސީރު (ޓޫކިލޯ) އާއި މުހައްމަދު އާރިފް (ބަކާ) އަދި ވީބީގެ ކުރީގެ ކެޕްޓަން އަބްދުﷲ ހަނީފް (ބެންޖޯ) ހިމެނެ އެވެ.

ވިޔަންސާގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނީ ދަނޑުގެ އެއް ހާފުގައި ޕްރެކްޓިސް ކުރުމަށް ފަހު އަވީގައި 90 މިނެޓުގެ މެޗަކަށް ނުކުތުމުން ދެ ޓީމަށް ވެސް މައްސަލަތަކެއް ދިމާވި ކަމަށެވެ. އަދި ބަލިވިޔަސް އޭނާގެ ޓީމުގެ ކުޅުންތެރިން ކުރި ހިތްވަރާއި ދެއްކި ކުޅުމަށް ސާބަސްދޭ ކަމަށް ފެސްކޯ ބުންޏެވެ.

ކިޔުންތެރިންގެ އިހުސާސް: މިއާޓިކަލް ކިޔާލުމުން ކުރެވުނީ ކޮން އިހުސާސެއް؟

 • 0%
  ދެރަވި
 • 0%
  އުފާވި
 • 0%
  ރުޅިއައި
 • 0%
  މައުލޫމާތު މުއްސަނދިވި

4 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait