ދިރާގު ދިވެހި ލީގު

ދިރާގު ދިވެހި ލީގު: އޭވައިއެލް ބަލިކޮށް ވެލެންސިއާ ވެސް ފެށުން ރަނގަޅުކޮށްފި

ހަސަން ޝިފާން
22 އެޕްރީލް 2012 12:11 2 ކޮމެންޓު
  • ވެލެންސިއާގެ ބެނިން ފޯވާޑް ސަލޮމޮން ބޮލުން އިއްޔެ ޖަހަނީ: މެޗުގެ ހަމައެކަނި ލަނޑު ޖެހީ އޭނާ. --ހަވީރު ފޮޓޯ/މުހައްމަދު ވަހީދު

ދިރާގު ދިވެހި ލީގުގައި އިއްޔެ ކުޅުނު މެޗުގައި އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އަތުން 1- 0 އިން ކްލަބު ވެލެންސިއާ މޮޅުވެއްޖެ އެވެ.

ލީގުގައި މި ދެ ޓީމު ކުޅުނު ފުރަތަމަ މެޗުގެ ހަމައެކަނި ލަނޑު މެޗުގެ 70 ވަނަ މިނިޓުގައި ވެލެންސިއާ އަށް ކާމިޔާބުކޮށްދިނީ ބެނިންގެ ފޯވަޑް އަކާ މިޝެލް ވިސްޑަމް ސަލޮމޮން އެވެ.

މެޗަށް ފަހު ވެލެންސިއާގެ ކޯޗު މުހައްމަދު އިގުބާލް ބުނީ ވެލެންސިއާ މި މޮޅުވީ "ވަރަށް ޕްރެޝަރު މެޗަކުން" ކަމަށާއި މިއީ ވެލެންސިއާ އަށް މުހިންމު މޮޅެއް ކަމަށެވެ. އަދި މެޗުގައި ކުޅުނު ވެލެންސިއާގެ ބިދޭސީ ތިން ކުޅުންތެރިން ކުޅުން ކުރިއަށް އޮތް ތަނުގައި ރަނގަޅުވާނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ.

"ބޭރު ކުޅުންތެރިން ވެސް މިއީ ދިވެހި ފުޓްބޯޅައިގެ ފުރަތަމަ އެކްސްޕީރިއަންސް މިކުރީ. އަދި އެ ކުޅުންތެރިންގެ ފަރާތުން ފެންނަންޖެހޭ ހުރިހާ ކަމެއް ނުފެނޭ. ކުރިއަށް އޮތް ތަނުގައި ޕްރެކްޓިސް ކޮށްގެން ރަނގަޅުވާނެ ކަމަށް މި ބަލަނީ،" ވެލެންސިއާގެ ކުރީގެ ގޯލްކީޕަރު ބުންޏެވެ.

އޭވައިއެލްގެ ކޯޗު މުހައްމަދު އާތިފް (އާތީ) ބުނީ މެޗުގައި އޭވައިއެލް ކުޅުންތެރިންނަށް ވުރެ ވެލެންސިއާގެ ކުޅުންތެރިން ރަނގަޅަށް ކުޅުނު ކަމަށާއި އޭވައިއެލްގެ ކުޅުންތެރިންގެ ފިޓްނަސް އަދި ތަންކޮޅެއް ދަށް ކަމަށެވެ.

"ފިޒިކަލް ފިޓްނަސްގެ މައްސަލަ އުޅޭހެން ހީވަނީ. ތަންކޮޅެއް ފިޓްނަސް ދަށްކޮށް މި މެޗުން ފެނުނީ. ޖުމްލަކޮށް ބުނަންޏާ ވެލެންސިއާ އަށްވުރެ ތަންކޮޅެއް ވީކުކޮށް ޓީމު ދެއްކީ،" އާތީ ބުންޏެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު ދެ ޓީމު ލަނޑެއް ނުޖެހި އެއްވަރުވެފައި އޮތް ނަމަވެސް، ދެ ޓީމަށް ވެސް ލަނޑުޖަހާނެ ފުރުސަތުތައް ލިބުނެވެ. މެޗުގެ ތިން ވަނަ މިނިޓުގައި ވެލެންސިއާގެ މުހައްމަދު ފުހެއިދު (ޓޯޑް) އަށް އޭވައިއެލްގެ ގޯލަށް ބޯޅަ ފޮނުވާލަން ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ މަތިންނެވެ. މެޗުގެ 38 ވަނަ މިނިޓުގައި ޓޯޑް އޭވައިއެލްގެ ގޯލަށް ހުރަސްކޮށްލި ނުރައްކާތެރި ބޯޅަ އަށް ވެލެންސިއާގެ ފޯވަޑް ސަލޮމޮން އެރި ނަމަވެސް އޭނާ އަށް ބޯޅައިގައި ރަނގަޅަށް ޖައްސާލެވޭ ގޮތެއް ނުވި އެވެ. އަދި ފުރަތަމަ ހާފު ނިމެނިކޮށް ސަލޮމޮން ފޮނުވާލި ޝޮޓް އަމާޒުވީ ހުރަސް ދަނޑިއަށެވެ. ދަނޑީގައި ޖެހި ޕެނަލްޓީ އޭރިޔާ ތެރެއަށް ނިކުތް ބޯޅަ ވެލެންސިއާގެ މިޑްފީލްޑަރު އިބްރާހިމް ހަމްދާން ބޮލުން ފޮނުވާލި ނަމަވެސް އޭވައިއެލްގެ ގޯލްކީޕަރު ވަނީ އެ ބޯޅަ ދިފާއުކޮށްފަ އެވެ.

ދެވަނަ ހާފުގައި ވެސް ދެ ޓީމަށް ލިބުނު ފުރުސަތުތައް ބޭކާރުވެ ދެ ޓީމު ލަނޑެއް ނުޖެހި އެއްވަރުވެފައި ވަނިކޮށް، ސަލޮމޮން ވަނީ ވެލެންސިއާ އަށް ލީޑު ނަގައިދީފަ އެވެ. ވެލެންސިއާގެ ޑިފެންޑަރު އާދިލް އަބްދުލް ރަހުމާން ދިން ޕާހަކަށް ޕެނަލްޓީ އޭރިޔާ ތެރެއަށްވަދެ، ސަލޮމޮން ވަނީ ވަރަށް ރީތިކޮށް ބޯޅަ ގޯލުގެ ތެރެއަށް އަމާޒުކޮށްލައިފަ އެވެ.

2 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait