ކުޅިވަރު

ދިރާގު ދިވެހި ލީގު: އަސަދުﷲގެ ދެ ލަނޑާ އެކު ވެލެންސިއާ އަތުން މާޒިޔާ މޮޅުވެއްޖެ

ހަސަން ޝިފާން
27 އެޕްރީލް 2012 23:29
  • މާޒިޔާގެ އަސަދުﷲ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. -- ހަވީރު ފޮޓޯ / މުހައްމަދު ވަހީދު

ވެލެންސިއާގެ ކުރީގެ ފޯވަޑް އަސަދުﷲ އަބްދުﷲ ކާމިޔާބުކުރި ދެ ލަނޑާ އެކު ދިރާގު ދިވެހި ލީގުގައި މިއަދު ހަވީރު ވެލެންސިއާ އަތުން 3- 0 އިން މާޒިޔާ މޮޅުވެއްޖެ އެވެ.

މެޗުގެ ފުރަތަމަ ލަނޑު 18 ވަނަ މިނިޓުގައި ވެލެންސިއާގެ ގޯލްކީޕަރު އިބްރާހިމް އިފްރާހަށް ހެދުނު ގޯހެއްގެ ފައިދާނަގައި، މާޒިޔާ އަށް ލީޑު ހޯދައިދިނީ ފޯވަޑް އަހުމަދު ރަޝީދު (އައްމަޑޭ) އެވެ. ވެލެންސިއާގެ ޕެނަލްޓީ އޭރިޔާ ތެރެއިން ތިރިތިރިން އައި ބޯޅައަކަށް އިފްރާހު އަރައި، ބޯޅަ ހިފި ނަމަވެސް އޭނާ އަތުން ބޯޅަ ދޫވި ވަގުތު އައްމަޑޭ ވަނީ ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައިފަ އެވެ.

ފާއިތުވި ދެ އަހަރު ވެލެންސިއާ އަށް ކުޅުނު ޒުވާން ފޯވަޑް އަސަދުﷲ، މެޗުގެ 30 ވަނަ މިނިޓުގައި ވަނީ މާޒިޔާގެ ލީޑު ފުޅާކޮށްފަ އެވެ. އައްމަޑޭ ހުރަސްކޮށްލި ބޯޅަ އަސަދުﷲ ގޯލުގެ ތެރެއަށް އަމާޒުކޮށްލީ ބޮލުންނެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ވެލެންސިއާގެ ބެނިން ފޯވަޑް މިކޭލް ވިސްޑޮމް ސަލޮމޮން އަށް ވަނީ ލަނޑުޖަހަން ރަނުގެ ފުރުސަތެއް ލިބިފަ އެވެ. މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުސްކޮށްހުރި ސަލަމޮން މާޒިޔާގެ ގޯލްކީޕަރު މުހައްމަދު އިމްރާންގެ ބޯ މަތިން ފޮނުވާލަން އުޅުނު ބޯޅަ ދިޔައީ ބޭރަށެވެ.

މެޗުގެ 61 ވަނަ މިނިޓުގައި އަސަދުﷲ ވަނީ މާޒިޔާގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްދީފަ އެވެ. ވެލެންސިއާގެ ދެ ޑިފެންޑަރުން ކައިރިން، އަސަދުﷲ ވަނީ ތިރިތިރިން ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.

މެޗަށް ފަހު މާޒިޔާގެ ކޯޗު އިސްމާއިލް މަހެފޫޒް (އިންމަ) ބުނީ މެޗަށް ނިކުތްއިރު މާޒިޔާ އޮތީ ޕްރެޝަރުގައި ކަމަށާއި މެޗުން މޮޅުވުމުން ވަރަށް ހިތްހަމަޖެހިއްޖެ ކަމަށެވެ.

"ވަރަށް ޕްރެޝަރު މެޗެއް މިއީ. ތިން ޕޮއިންޓް ހޯދަން މަޖުބޫރުވެފައި އޮތް މެޗެއް މިއީ. މާޒިޔާގެ ޓާގެޓް ހާސިލްވެއްޖެ. މާޒިޔާގެ ކުޅުން ވެސް މިއަދު ގޯހެއް ނޫން،" ވެލެންސިއާ އަށް ކުރިން ކުޅުނު އިންމަ ބުންޏެވެ.

ވެލެންސިއާގެ ކޯޗު މުހައްމަދު އިގުބާލް ބުނީ މެޗުގައި ވެލެންސިއާ އަށް އެހާ ރަނގަޅު ކުޅުމެއް ނުދެއްކުނު ކަމަށާއި ވެލެންސިއާގެ ޓީމު ރަނގަޅަށް އެކުލަވާލުމަށް ވަގުތު ނަގާނެ ކަމަށެވެ.

"ކުޅުން އެހާ ރަނގަޅެއް ނޫން. އެކަމަކު ޗާންސްތަކެއް ވެސް ލިބުނު. ޗާންސްތަކުގެ ބޭނުން ނުހިފުނީ. ވެލެންސިއާގެ ހުރިހާ ކުޅުންތެރިން ހަމަވެގެން ހަފުތާއެއްހާ ދުވަހު ޕްރެކްޓިސްކުރީ. އެހެންވީމަ ކޮމްބިނޭޝަންގެ މައްސަލަ އަދި އުޅޭނެ. އެތަން މި މެޗުގައި ވެސް ފެނުނު،" އިގުބާލް ބުންޏެވެ.

ދިވެހި ލީގުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އާ ދެކޮޅަށް ނުކުންނާނީ ނިއު ރޭޑިއަންޓެވެ.

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި