ދިރާގު ދިވެހި ލީގު

އޭވައިއެލް އަތުން ނިއު އަށް މޮޅެއް

މުހައްމަދު ހަމްދޫން
ހަވީރު ނިއުސް ސާވިސް، 28 އެޕްރީލް 2012 21:11 4 ކޮމެންޓު
  • ނިއުގެ ދަގަނޑޭ (މ) އަތުން ހޯދަން އޭވައިއެލްގެ ޔާމީން (ކ) މަސައްކަތްކުރާއިރު އެ ޓީމުގެ ނަސްރު ސަމާލުވެގެން. --ހަވީރު ފޮޓޯ: މުހައްމަދު ވަހީދު

  • ނިއުގެ މެސީ (ވ) އޭވައިއެލްގެ ގޯލަށް ބޮލުން ހަމަލާއެއް ފޮނުވާލާއިރު އޭވައިއެލްގެ ގޯލްކީޕަރު ސިޔާދު (މ) އެ ބޯޅަ ދިފާއުކުރަން މަސައްކަތްކުރަނީ. --ހަވީރު ފޮޓޯ: މުހައްމަދު ވަހީދު

  • ނިއުގެ ދަގަނޑޭ (މ) އަތުން ބޯޅަ ހޯދަން އޭވައިއެލްގެ ދެ ކުޅުންތެރިން މަސައްކަތްކުރަނީ. --ހަވީރު ފޮޓޯ: މުހައްމަދު ވަހީދު

ދިރާގު ދިވެހި ލީގުގައި އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އަތުން މިއަދު ހަވީރު 3-0 އިން ނިއު ރޭޑިއަންޓް މޮޅުވެއްޖެ އެވެ.

ލީގުގައި ނިއު ކުޅުނު ދެ ވަނަ މެޗުން މޮޅުވިއިރު އޭވައިއެލް ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިވެފަ އެވެ.

މެޗު ފަށައިގެން އޭވައިއެލް އިން ޑިފެންސިވް ކުޅުމެއް ކުޅުނު އިރު ނިއު އަށް އެ ޓީމުގެ ގޯލް ފޫއަޅުވާލެވުނީ 33 ވަނަ މިނެޓުގަ އެވެ. ކޯނަރަކުން ހުރަސްވި ބޯޅައެއް އޭވައިއެލް އަށް ސާފުކޮށްނުލެވުމުގެ ފައިދާ ނަގައި އެ ބޯޅަ ގޯލަށް ވައްދާލީ ޑިފެންޑަރު އަހުމަދު އަބްދުﷲ (ލިލީ) އެވެ. ނިއުގެ ދެ ވަނަ ލަނޑު އޭގެ 10 މިނެޓު ފަހުން ކާމިޔާބުކޮށްދިނީ އަލީ އަޝްފާގު (ދަގަނޑޭ) އެވެ. އިބްރާހިމް ފަޒީލް (އޮއްޕޮ) ތަނަވަސްކޮށްދިން ފުރުސަތެއްގައި ދަގަނޑޭ ގޯލަށް ބޯޅަ ވައްދާލީ އޭވައިއެލްގެ ތިން ޑިފެންޑަރުން ކައިރިން ނައްޓައި އޭރިއާ ތެރެއަށް ވަދެ އެވެ. މިއީ ގައުމީ ޓީމުގެ ކެޕްޓަން ދެ މެޗުގައި ޖެހި ހަތަރު ވަނަ ލަނޑެވެ.

ދެ ވަނަ ހާފު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ނިއުގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޕެނަލްޓީއަކުން އޮއްޕޮ އެވެ. މިއީ ދަގަނޑޭ އަށް އޭވައިއެލްގެ ގޯލްކީޕަރު އިބްރާހިމް ސިޔާދު، އޭރިއާ ތެރެއިން ކުރި ފައުލަކަށް ރެފްރީ އަލީ ސަލީމް ދިން ޕެނަލްޓީއެކެވެ.

ދެ ވަނަ ހާފުގައި އޭވައިއެލް އިން ކޮންމެވެސް ވަރަކަށް ކުރިއަށް ޖެހުނުއިރު 54 ވަނަ މިނެޓުގައި އެ ޓީމުގެ އަހުމަދު އަޝްރަފް ޔޫސުފް އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބުނެވެ. ނަމަވެސް ގޯލް ކުރިމަތީ ހުހަށް ހުރެ ފޮނުވާލި ބޯޅަ ކުޑަތަންކޮޅެއް މަތިވީ އެވެ. އޭގެ ފަހުން 84 ވަނަ މިނެޓުގައި އެ ޓީމަށް ޕެނަލްޓީއެއް ލިބުނެވެ. ނަމަވެސް ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އާދަމް ލަރީފް (ރޮނާ) ޖެހި ޕެނަލްޓީ ނިއުގެ ކީޕަރު އިމްރާން މަތަކުރި އެވެ. އޭވައިއެލްގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ތަޖުރިބާކާރު ފޯވާޑަށް މެޗުގައި ދެއްކި ރީނދޫ ކާޑާ އެކު، ކުރިއަށް އޮތް ވީބީ އައްޑޫ އެފްސީ މެޗުގައި ނުކުޅެވޭނެ އެވެ.

މެޗުގެ ފަހު ބައިގައި ނިއުގެ ގޭމުގެ ސްޕީޑް ލަސްވެގެން ދިޔައިރު ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ ވެސް ބޭނުމެއް ނުކުރެވުނެވެ.
ނިއުގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ އެންމެ ބޭނުންވި ކަހަލަ ގޭމެއް ނުކުޅެވުނު ކަމަށާއި ނަމަވެސް ނަތީޖާއާ މެދު ހިތްހަމަޖެހޭ ކަމަށެވެ.

"އެންމެ ބޭނުންވާ ކަހަލަ ގޭމެއް ނުކުޅެވުނު. ހަގީގަތުގައި އުނދަގޫ ވެސް ވާނެ (އިދިކޮޅު ޓީމުގެ) އެހާ ގިނަ ކުޅުންތެރިން ފަހަތުގައި ތިބޭއިރު ކްރިއޭޓްކުރަން. އަށް ކުޅުންތެރިން އޭރިއާ މަތީ ތިބި. ގަބޫލުކުރަން އެ ޓީމުން ވެސް ރާވާނީ އިދިކޮޅު ޓީމު ހުއްޓުވަންކަން. އެއަކު މައްސަލައެއް ނެތް. ނަމަވެސް އަޅުގަނޑުމެންނަށް ކްރިއޭޓްކުރަން އުނދަގޫވެގެން ދިޔައީ،" މޯހަން ބުންޏެވެ. "އެކަމަކު މިގޮތަށް ނަތީޖާ ނުކުތީމާ ހިތްހަމަޖެހޭ."
މޯހަން ބުނީ މި އަވީގައި 90 މިނެޓު އެއް ސްޕީޑެއްގައި ކުޅުމަކީ ފަސޭހަކަމެއް ނޫން ކަމަށާއި މެޗުގެ ފަހުކޮޅަށް ދިޔައިރު ސްޕީޑް ދަށްވެގެން ދިޔައީ އެހެންވެ ކަމަށެވެ. އަދި މެޗުގެ ފަހުބައިގައި އެންމެ ޑިފެންސިވް މިޑްފީލްޑަރެއް ލައިގެން ކުޅުނީ ގިނަ ގޯލްތަކެއް ޖެހުމުގެ ބޭނުމުގައި ގިނަ ކުޅުންތެރިން ކުރިއަށް އަރުވަން ކަމަށެވެ.

"ފަހު ހާފުގައި ބަދަލުތަކެއް ގެނެސްގެން ކުޅުނީ. އެގޮތުން އެންމެ ޑިފެންސިވް މިޑްފީލްޑަރެއް ލައިގެން ކުޅުނީ ވެސް ގިނަ ގޯލްޖަހަން ކުރިއަށް އިތުރު ކުޅުންތެރިން ލުމުގެ ބޭނުމުގައި. އޭރު ވެސް އެނގޭ ދޭތެރެ އަކުން ފަހަތަށް ބޯޅަތައް ދާނެ ކަން. ނަމަވެސް ގިނަ ގޯލްތަކެއް ޖަހަން ބޭނުންވާތީ އެގޮތަށް ބަދަލުކުރީ،" މޯހަން ބުންޏެވެ. "ފުރަތަމަ އަމާޒަށް އޮތީ އެއް ލަނޑުން ވެސް މޮޅުވުން. ނަމަވެސް މެޗު ކުރިއަށް ދިޔަ ވަރަކަށް އިދިކޮޅު ޓީމުގެ ކުޅުމަށް ބަލާފައި ބަދަލުތަކެއް ގެނައީ."

އޭވައިއެލްގެ ކޯޗު އަހުމަދު އާތިފް (އާތީ) ބުނީ ފުރަތަމަ 25 މިނެޓުގައި އެ ޓީމުން ރާވާފައި އޮތް ގޮތަށް ކުޅުނު ކަމަށާއި ނަމަވެސް ފުރަތަމަ ގޯލާއެކު ބަދަލުތަކެއް އައީ ކަމަށެވެ.

"ފުރަތަމަ 25 މިނެޓުގައި ވަރަށް ކޮންސްޓްރަކްޓިވް ޑިފެންސިވް ގޭމެއް ކުޅެ ކައުންޓާގައި އެޓޭކްކުރީ. ނަމަވެސް ގޯލްކީޕަރާއި ޑިފެންޑަރަކަށް ހެދުނު މިސްޓޭކަކުން ގޯލް ވަނީމާ ކުޅުންތެރިންގެ ވިސްނުން ބަދަލުވީ އެޓޭކިން އަށް ދާން. އެހެންވެ އެހާ ފަސޭހައިން ދެ ވަނަ ގޯލް ވަނީ. ހަގީގަތުގައި އެބަޖެހޭ ކުޅުންތެރިން ގޭމުގެ ޑިސިޕްލިން ހިފަހައްޓަން،" އާތީ ބުންޏެވެ.

އޭނާ ބުނީ ތިން ލަނޑުން ބަލިވިޔަސް ޓީމުގެ ކުޅުން ރަނގަޅު ކަމަށާއި އިތުރު ކުރިއެރުން އަންނާނެ ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ ޓީމުގެ ކެޕްޓަން ރޮނާ އަހުލާގު ރަނގަޅު ކުރަން ޖެހޭ ކަމަށާ ދެ މެޗުގައި ވެސް އެއް ކަންތައްތަކެއް ތަކުރާރުވެގެން ދިޔަ ކަމަށެވެ.

"ރޮނާ އަށް ފުރަތަމަ މެޗުގައި ވެސް ރީނދޫ ކާޑެއް ދެއްކީ ރެފްރީއާ އާގިއުމަންޓެއް ގޮސްގެން. އެ ދުވަހު ވެސް ނަސޭހަތްތެރިވިން. މިއަދު ވެސް އެކަންތައް ތަކުރާރުވެގެން ދިޔައީ. އޭގެ ސަބަބުން ވީބީ މެޗަށް އޭނާ ސަސްޕެންޑްވީ. އޭނާ އަކީ ޓީމުގައި ހުރި އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ. އެހެންކަމުން އޭނާ އެބަޖެހޭ އެއަށް ވުރެ ޑިސިޕްލިން ރަނގަޅުކުރަން،" އާތީ ބުންޏެވެ.

ލީގުގައި އާދީއްތަ ދުވަހު ހަވީރު ވާދަކުރާނީ ވީބީ އައްޑޫ އެފްސީ އާއި ވިޔަންސާ އެވެ. ހޯމަ ދުވަހު ކުޅޭނީ ވިކްޓަރީ އާއި އީގަލްސް އެވެ.

4 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait