ދިރާގު ދިވެހިލީގު 2011

ވިޔަންސާ އިން ޗެމްޕިއަން ވީބީ ހިފަހައްޓައިފި

މުހައްމަދު ހަމްދޫން
29 އެޕްރީލް 2012 20:56 3 ކޮމެންޓު
  • ވީބީގެ އަބޫ )މ( ގޯލަށް ބޯޅަ ފޮނުވާލަން މަސައްކަތްކުރާއިރު ވިޔަންސާގެ ގޯލްކީޕަރު އެލެކްސެންޑާ )ވ( އާއި އެ ޓީމުގެ ޑިފެންޑަރަކު އެ ބޯޅަ ސަލާމަތްކުރަން މަސައްކަތްކުރަނީ. --ހަވީރު ފޮޓޯ: މުހައްމަދު ވަހީދު

ދިރާގު ދިވެހި ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ވީބީ އައްޑޫ އެފްސީ އާއި ވިޔަންސާ މިއަދު ހަވީރު ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވެއްޖެ އެވެ.

ލީގުގައި ވީބީ ދެ މެޗު ކުޅެފައިވާއިރު ލިބިފައިވަނީ އެންމެ ޕޮއިންޓެވެ. ފުރަތަމަ މެޗުގައި ނިއު ރޭޑިއަންޓް އަތުން އެ ޓީމު ވަނީ 4- 0 އިން ބަލިވެފަ އެވެ.

މެޗުގެ 38 ވަނަ މިނެޓުގައި ވީބީގެ ޑިފެންޑަރު ސޮބާހު މުހައްމަދު އިބްރާހިމް އަށް ދެއްކި ރަތްކާޑާ ގުޅިގެން މެޗުގެ އެއް ހާފަށް ވުރެ ގިނަ ވަގުތު އެ ޓީމުން ކުޅުނީ އެކަކު މަދުކޮށެވެ. ސޮބާ އަށް ރެފްރީ އަހުމަދު އަސްލަމް ސީދާ ރަތްކާޑެއް ދެއްކީ ވިޔަންސާގެ ހުސެއިން ސުޖާ އަށް ކުރި ނުރައްކާތެރި ފައުލަކަށެވެ. ސުޖާއު އާއި ސޮބާ ބޯޅަ އަށް މަސައްކަތްކުރި ވަގުތު ސޮބާގެ ފައިގެ ދަށްފުށް އެރީ ސުޖާގެ މޫނަށެވެ.

އޭގެ ކުރިން ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ފުރުސަތު ލިބުނެވެ. އެގޮތުން 16 ވަނަ މިނެޓުގައި ވިޔަންސާގެ ކެޕްޓަން އަބްދުލް މުހައިމިން އޭރިއާ ބޭރުން ލިބުނު ހުސް ފުރުސަތުގައި ޖެހި ބޯޅަ ދިޔައީ ގޯލް މަތިންނެވެ. އަދި 27 ވަނަ މިނެޓުގައި ވީބީގެ އަހުމަދު ނާޝިދު (ނާއްޓޭ) ކުރި ހުރަސް އަބޫ ޑެސްމޮންޑް މަންސާރޭ ހުހަށް ހުރެ ފޮނުވާލުމުން ވިޔަންސާގެ ގާނާ ގޯލްކީޕަރު އެލެކްސެންޑާ އޮސޭއީ ދިފާއުކުރި އެވެ.

ދެ ވަނަ ހާފު ފަށައިގެން 56 ވަނަ މިނެޓުގައި އޭރިއާ ތެރެއިން ވީބީގެ ކެޕްޓަން އައްސަދު އަލީ (އަޑުބަރޭ) އަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް ކީޕަރު ބޯ މަތިން ފޮނުވާލަން އުޅުނު ބޯޅަ ކީޕަރު ދިފާއުކުރި އެވެ. އަދި 66 ވަނަ މިނެޓުގައި އަޑުބަރޭ އަށް ރަނުގެ ފުރުސަތެއް ލިބި ބޭކާރުވި އެވެ. ޗާލްސް ރައިޓް ގަޔޭ ހުރަސްކުރި ބޯޅަ އަޑުބަރޭ ގޯލްކުރިމަތީ އެކަނިމާއެކަނި ހުރެ ކީޕަރު ވެސް ނެތީން ފޮނުވާލުމުން ދިޔައީ ގޯލް މައްޗަށެވެ.

ވިޔަންސާ އިން ވެސް ކުރިއަރައި ހަމަލާތައް އުފައްދަން މަސައްކަތްކުރި އިރު އެ ޓީމަށް މެޗުގެ ފަހު ހާފުގައި ރަނގަޅު ތިން ފުރުސަތު ލިބުނެވެ. އެގޮތުން 57 ވަނަ މިނެޓުގައި އިބްރާހިމް ރިޒްވާން އޭރިއާ ތެރެއިން ބޮލުން ފޮނުވާލި ބޯޅަ ވީބީ ކީޕަރު އިބްރާހިމް ޝިނާން (ނާނި) ދިފާއުކުރި އިރު 80 ވަނަ މިނެޓުގައި ސުޖާއު ކުރި ހުރަސް އޭރިއާ ތެރޭ ހުހަށް ހުރި ހައިދަރު އަކްރަމް އަށް ބޭނުމެއް ނުކުރެވުނެވެ. އަދި 87 ވަނަ މިނެޓުގައި ހައިދަރަށް އޭރިއާ ތެރެއިން ލިބުނު ބޯޅަ ވެސް ގޯލަށް އަމާޒެއް ނުކުރެވުނެވެ.

ވީބީގެ ކޯޗު ޖޭން ވަންލީ ބުނީ އޭނާގެ ޓީމަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ނިންމާނުލެވުން ކަމަށެވެ.

"އެންމެ ބޮޑު މައްސަލައަކީ ނިންމާނުލެވުމުގެ މައްސަލަ. ޗެރިޓީ ޝީލްޑް މެޗުގައި ވިކްޓަރީއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް މި މައްސަލަ ދިމާވި. އެ މެޗުގައި ވެސް ފުރުސަތު ތަނަވަސްކުރިން. އެކަމަކު ނިންމާނުލެވުނު. މިއަދު ވެސް ރަނގަޅު ބައެއް ފުރުސަތު ތަނަވަސްވި."

އޭނާ ބުނީ ޓީމުގެ މެދުތެރެ އަށް ވެސް އެންމެ ރަނގަޅަށް ނުކުޅެވުނު ކަމަށާއި އެގޮތުން ބައެއް ކުޅުންތެރިންގެ ކުޅުން ރަނގަޅު ނޫން ކަމަށެވެ. ސޮބާގެ ރަތްކާޑާ ބެހޭ ގޮތުން ވަންލީ ބުނީ އެއީ ސޮބާ ގަސްދުގައި ކުރި ކަމެއް ނޫން ކަމަށާއި އެހެންކަމުން އެއީ ރަތްކާޑެއް ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.

"ސޮބާގެ އަތުގައި ބޯޅައިގެ ކޮންޓްރޯލް އޮއްވާ އިދިކޮޅު ކުޅުންތެރިޔާ ފަހަތުން އައީ. ސޮބާ ގަސްދުގައި ކުރި ކަމެއް ނޫން. އަހަރެން ގަބޫލެއް ނުކުރަން އެއީ ރަތްކާޑެއް ކަމަށް. މައްސަލައެއް ނެތް. ރީނދޫ ކާޑެއް ދެއްކިދާނެ،" ވަންލީ ބުންޏެވެ.

އޭނާ ބުނީ ލީގުގައި އެންމެ ޕޮއިންޓެއް ގެއްލުނަސް އެއީ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި ދެ މެޗުން ފަސް ޕޮއިންޓް ގެއްލުމުން ޓީމަށް އަސަރުކުރާނެ ކަމަށެވެ.

"މީގެން ވަރަށް ބޮޑު އަސަރެއް ކުރާނެ. ދެން އޮތީ ކުރިއަށް ހުރި މެޗުތަކަށް އިތުރު ސަމާލުކަމެއް ދިނުން،" ވަންލީ ބުންޏެވެ.

ވިޔަންސާގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނީ މުޅި ޓީމުގެ ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށާއި ކުޅުންތެރިން ކުރި ހިތްވަރަށް މަރުހަބާ ކިޔާކަމަށެވެ.

"ކުޅުންތެރިން ވަރަށް ހިތްވަރު ކުރި. އެކަމަށް މަރުހަބާ ކިޔަން. އިދިކޮޅު ޓީމަށް ވެސް މަރުހަބާ ކިޔަން. މިއަދު މުޅި ޓީމުގެ ޕާފޯމަންސް ވަރަށް ރަނގަޅު. އަޅުގަނޑުމެންގެ ގޭމްޕްލޭން ކާމިޔާބުވެގެން މިދިޔައީ،" ފެސްކޯ ބުންޏެވެ. "ލިބުނު ފުރުސަތުކަށް ބަލާއިރު މޮޅުވެވޭނެ މެޗެއް މިއީ."

އޭނާ ބުނީ އިދިކޮޅަށް ނުކުތީ އެންމެ ފަހުގެ ޗެމްޕިއަނުން ކަމަށް ވިޔަސް ވިޔަންސާ އަށް ތަފާތެއް ނާންނާނެ ކަމަށާއި ކޮންމެ ޓީމެއްގެ އަތުން ރަނގަޅު ނަތީޖާއެއް ލިބުނަސް އެއީ ލިބޭ ހިތްހަމަޖެހުމެއް ކަމަށެވެ.

ލީގުގެ ދެ ވަނަ ހަފުތާގެ ފަހު މެޗުގައި މާދަމާ ހަވީރު ވާދަކުރާނީ ވިކްޓަރީ އާއި އީގަލްސް އެވެ.

3 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait