ދިރާގު ދިވެހި ލީގު 2012

ފަހު ވަގުތު ކުޑައްޓޭ ޖެހި ލަނޑުން އީގަލްސް އަތުން ވިކްޓަރީ ސަލާމަތްވެއްޖެ

ހަސަން ޝިފާން
01 މެއި 2012 00:10 3 ކޮމެންޓު
 • ވިކްޓްރީ އާއި އީގަލްސް މިއަދު ހަވީރު ކުޅުނު މެޗު.--ހަވީރު ފޮޓޯ: މުހައްމަދު ވަހީދު

ނުވަ މީހުންނާ އެކު ކުޅެމުންދިޔަ އީގަލްސް ކޮޅަށް މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ވިކްޓަރީގެ ޑިފެންޑަރު މުހައްމަދު ޝިފާން (ކުޑައްޓޭ) ކާމިޔާބުކުރި ލަނޑާ އެކު ދިރާގު ދިވެހި ލީގުގައި މިއަދު ހަވީރު އީގަލްސް އަތުން 1- 1 އިން ވިކްޓަރީ އެއްވަރުވެއްޖެ އެވެ.

މެޗުގެ ދެވަނަ ހާފުގައި ރެފްރީ އަހުމަދު އަފްސަހާ ދިމާލަށް ބުނި އެއްޗަކާ ގުޅިގެން އީގަލްސަށް ކުޅޭ ގައުމީ ޓީމުގެ މިޑްފީލްޑަރު މުހުތާރު ނަސީރު (ޓޫކިލޯ) އަށް ރަތް ކާޑު ދައްކައިފައިވަނިކޮށް، އީގަލްސް އިން ލީޑު ނެގީ 79 ވަނަ މިނިޓުގައި ޒުވާން ފޯވަޑް އަހުމަދު އިމާޒް (އާއްކޮ) ކާމިޔާބުކުރި ލަނޑުންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ކައިރިވެފައިވަނިކޮށް އީގަލްސްގެ ޒުވާން މިޑްފީލްޑަރު ހުސެއިން އާތިފަށް ވަނީ މެޗު ލަސްކުރުމުގެ ސަބަބުން ރެފްރީ އަހުމަދު އަފްސަހު ދެވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކައިފަ އެވެ. އީގަލްސްގެ ޓީމު ނުވަ ކުޅުންތެރިންނަށް މަދުވެފައިވަނިކޮށް، އިތުރު ވަގުތުގެ ތެރޭގައި ކުޑައްޓޭ އަށް އީގަލްސްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ލިބުނު ބޯޅަ އޭނާ ވަނީ ގޯލުގެ ތެރެއަށް ވައްދާލައިފަ އެވެ.

އެފްއޭއެމްގެ ކޯޑް އޮފް އެތިކްސްއާ ހިލާފަށް މީޑިއާގައި ވާހަކަދެއްކުމުގެ ސަބަބުން ސަސްޕެންޑްކޮށްފައި ހުރި ވިކްޓަރީގެ ކޯޗު އަލީ ސުޒޭންގެ ބަދަލުގައި އެ ޓީމަށް އިރުޝާދުދިން އެސިސްޓެންޓް ކޯޗު މުހައްމަދު ނަޒީހު މިއަދު ބުނީ "މިއީ ވިކްޓަރީ އަށް ގޯސް ދުވަހެއް" ކަމަށެވެ.

"މިއީ ވިކްޓަރީ އަށް ވަރަށް ދަތި ދުވަސްކޮޅެއް. ނުބައި ގޮތެއް ދިމާވެގެން މި އުޅެނީ،" ސުޒޭންގެ ސަސްޕެންޝަށް އިޝާރާތްކުރަމުން ނަޒީހު ބުންޏެވެ. "މި ކަހަލަ ދުވަސްކޮޅެއްގައި ވެސް ކުޅުންތެރިންގެ އެބަހުރި މޮޅުވުމުގެ ރޫހު. އެ ރޫހު މިއަދު ފެނިގެން ދިޔައީ. މެޗުން ބަލިނުވެ ނިންމާލުމަކީ ވަރަށް ބޮޑު ރަނގަޅެއް. ބައިވަރު ފަރިތަކުރުންތަކެއްކޮށްފަ މި އަންނަނީ ވަކިގޮތަކަށް މަސައްކަތްކުރަން. އެކަމަކު މިތަނަށް އައިސް އެ މަސައްކަތްނުކުރެވޭ ދުވަސްދާނެ. ކޯޗެއް ވެއްޖެއްޔާ އެކަން ގަބޫލްކުރަންޖެހޭނެ. އެކަން ގަބޫލްނުކުރަންޏާ އެއީ ފުރިހަމަ ކޯޗަކަށް ނުވާނެ. މިއީ ވިކްޓަރީގެ ގޯސް ދުވަހެއް ކަމަށް މި ބަލަނީ."

އީގަލްސްގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ބުނީ މެޗުގައި އީގަލްސް އިން ދެއްކި ކުޅުމާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި މި މެޗުގައި އީގަލްސަށް "ތިން ޕޮއިންޓް ފެނިފައި އެ ގެއްލުނީ،" ކަމަށެވެ.

"މެޗުގެ ކުރިން ވެސް އަޅުގަނޑު ބުނިން ޕޮއިންޓަކާ އެކު ނިންމާލެވުމަކީ ކާމިޔާބެކޭ. އެ މަގްސަދު ހާސިލްވެއްޖެ. އެކަމަކު އަޅުގަނޑު ފާހަގަކޮށްލަން އީގަލްސް އަށް ތިން ޕޮއިންޓް ފެނިފައި އެ ގެއްލުނީ،" ފުރަތަމަ ޑިވިޝަންގެ ކްލަބެއްގެ ކޯޗެއްގެ ގޮތުގައި ފުރަތަމަ ތަޖުރިބާކުރަމުންދާ ސާންތީ ބުންޏެވެ. "ކުޅުމާމެދު ވަރަށް ހިތްހަމަޖެހިފައި މި ހުރީ. ހަގީގަތުގައި ވިޔަންސާއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ދެއްކި ކުޅުމަށްވުރެ ރަނގަޅު މި މެޗުގައި ކުޅުނުލެއް."

ސާންތީ ބުނީ ވިކްޓަރީން މެޗުގެ ނަތީޖާ އެއްވަރުކުރީ ނުވަ މީހުންނާ އެކު ކުޅެންޖެހުމުން އީގަލްސްގެ ކޮންސަންޓްރޭޝަން ގެއްލިފައި އޮތް ވަގުތެއްގައި ކަމަށެވެ. އެކަމަކު ދެ ރަތްކާޑާ ގުޅިގެން ރެފްރީގެ ނިންމުމަށް ފާޑުކިޔަން ސާންތީ ބޭނުމެއް ނުވި އެވެ.

"ދެ ކުޅުންތެރިން މަދުވީމަ އެންމެ ފަހު ވަގުތު އަޅުގަނޑުމެންގެ ކޮންސަންޓްރޭޝަން ދިޔަ ވަގުތު އެއީ (ލަނޑުޖެހީ). އަޅުގަނޑުމެންނަށް ވެސް ތަންކޮޅެއް ބޮޑަށް ތެޅިގަތީ. ކޮންމެ ގޮތެއްވިޔަސް ހަމަޖެހިލަން ވަގުތުކޮޅެއް ބޭނުންވާނެ. ސިކުންތުކޮޅެއް ނަމަވެސް،" ސާންތީ ބުންޏެވެ. "ރަތްކާޑާ ބެހޭ ވާހަކައެއް ދައްކަން އަޅުގަނޑު ބޭނުމެއް ނޫން. ރެފްރީގެ ނިންމުމަށް ފާޑުކިޔަން ވެސް ބޭނުމެއް ނޫން. އެ ދައްކަންޖެހޭތީ އެ ދެއްކީ."

ދެ ޓީމަށް ވެސް ލަނޑުޖަހާނެ މާގިނަ ފުރުސަތެއް ތަނަވަސްނުކުރެވުނު މެޗުގައި އީގަލްސް އިން ލީޑު ނެގީ އާއްކޮ ކާމިޔާބުކުރި ލަނޑުންނެވެ. ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި އާތިފް ދިން ޕާހަކަށް އަރައި، އާއްކޮ ވަނީ ބޯޅަ ހޯދުމަށް އެރި ވިކްޓަރީގެ ތުރުކީ ގޯލްކީޕަރު ލެވެންޓް ވަންލީގެ ބޯ މަތިން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. މި ލަނޑު އީގަލްސް އިން ޖެހީ ޓޫކިލޯ އަށް ރަތްކާޑު ދައްކައިފައިވަނިކޮށެވެ. ޓޫކިލޯ އަށް ފުރަތަމަ ރީނދޫ ކާޑު ދެއްކީ ފުރަތަމަ ހާފުގައި ރެފްރީއާ ދިމާލަށް ބުނި އެއްޗަކާ ގުޅިގެނެވެ. އަދި މެޗުގެ 59 ވަނަ މިނިޓުގައި ދެވަނަ ރީނދޫ ކާޑާއެކު ދަނޑުން ފޮނުވާލީ ވެސް ރެފްރީއާ ދިމާލަށް ބުނި އެއްޗަކާ ގުޅިގެނެވެ.

އީގަލްސް އިން 10 މީހުންނާ އެކު ވެސް ވިކްޓަރީ ހިފަހައްޓަމުން ދަނިކޮށް އިތުރު ހުރަހެއްކުރިމަތިވީ އަތީފަށް ރަތްކާޑު ދެއްކުމުންނެވެ. އަތީފަށް ދެވަނަ ރީނދޫ ކާޑު ދެއްކީ ބޯޅަ އެއްލަން ގޮސް ބޯޅަ ނަގައި، އެހެން ކުޅުންތެރިއެއް ލައްވައި ބޯޅަ އެއްލަން ދޫކޮށްލުމުން މެޗު ލަސްކުރަން އޭނާ މަސައްކަތްކުރި ކަމަށް ރެފްރީ އަށް ފެނިގެންނެވެ.

މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އީގަލްސްގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ކޮންޓުްރޯލްކުރުމަށް ފަހު، ކުޑައްޓޭ ވަނީ އެ ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިފަ އެވެ.

ކިޔުންތެރިންގެ އިހުސާސް: މިއާޓިކަލް ކިޔާލުމުން ކުރެވުނީ ކޮން އިހުސާސެއް؟

 • 0%
  ދެރަވި
 • 0%
  އުފާވި
 • 0%
  ރުޅިއައި
 • 0%
  މައުލޫމާތު މުއްސަނދިވި

3 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait