ދިރާގު ދިވެހި ލީގު 2012

އޭވައިއެލް އަތުން ވެސް ވީބީ އަށް މޮޅެއް ނުވެވުނު

މުހައްމަދު ހަމްދޫން
03 މެއި 2012 20:04 6 ކޮމެންޓު
  • ދިރާގު ދިވެހި ލީގުގައި ބުރާސްފަތި ދުވަހު އޭވައިއެލްއާ 1- 1 އިން އެއްވަރުވި މެޗަށް ފަހު ވީބީގެ ކޯޗު ޖޭން ވަންލީ އާއި އެ ޓީމުގެ ކުޅުންތެރިން މާޔޫސްވެފައި. --ހަވީރު ފޮޓޯ: މުހައްމަދު ވަހީދު

  • ދިރާގު ދިވެހި ލީގުގައި ބުރާސްފަތި ދުވަހު އޭވައިއެލްއާ 1- 1 އިން އެއްވަރުވި މެޗަށް ފަހު ވީބީގެ ކޯޗު ޖޭން ވަންލީ މާޔޫސްވެފައި. --ހަވީރު ފޮޓޯ: މުހައްމަދު ވަހީދު

  • ދިރާގު ދިވެހި ލީގުގައި ބުރާސްފަތި ދުވަހު އޭވައިއެލްއާ 1- 1 އިން އެއްވަރުވި މެޗު. --ހަވީރު ފޮޓޯ: މުހައްމަދު ވަހީދު

  • ދިރާގު ދިވެހި ލީގުގައި ބުރާސްފަތި ދުވަހު އޭވައިއެލްއާ 1- 1 އިން އެއްވަރުވި މެޗު. --ހަވީރު ފޮޓޯ: މުހައްމަދު ވަހީދު

ދިރާގުގައި ދިވެހި ލީގުގައި ބުރާސްފަތި ދުވަހު ހަވީރު އޭވައިއެލްއާ 1- 1 އިން އެއްވަރުވެ، އެންމެ ފަހު ތިން އަހަރުގެ ޗެމްޕިއަން، ވީބީ އައްޑޫ އެފްސީ ކުޅުނު ތިން ވަނަ މެޗު ވެސް މޮޅެއް ނުލިބި ނިންމާލައިފި އެވެ.

ވީބީގެ އައްސަދު އަލީ (އަޑުބަރޭ) ލަނޑެއް ޖަހާފައިވަނިކޮށް އޭވައިއެލްގެ މޫސާ ހަސަން ޕެނަލްޓީއަކުން ނަތީޖާ ހަމަހަމަ ވެގެން މެޗު ނިމުމުން ވީބީގެ ކޯޗު ޖޭން ވަންލީ އާއި އޮފިޝަލުން އަދި ކުޅުންތެރިން ބަސް ހުއްޓިފައި އެތައް އިރަކު ތިއްބެވެ. މި އަހަރުގެ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުން ކަޓާފައިވާ ޓީމު، ލީގުގެ ފުރަތަމަ މެޗުގައި ނިއު ރޭޑިއަންޓް އަތުން 4- 0 އިން ބަލިވިއިރު ދެ ވަނަ މެޗުގައި ވިޔަންސާއާ އެއްވަރުވީ ލަނޑެއް ނުޖެހި އެވެ. ތިން މެޗުން ދެ ޕޮއިންޓް ލިބިފައިވުމުން، މިއީ ލީގު ދިފާއުކުރަން ވީބީ އަށް ކުރިމަތިވި ބޮޑު ހުރަހެކެވެ.

"މުހިއްމު ޕޮއިންޓްތަކެއް ގެއްލުމަކީ ވަރަށް ބޮޑު ދެރައެއް،" ނޫސްވެރިންގެ ބައްދަލުވުމުގައި ވީބީގެ ކޯޗު ވަންލީ ބުންޏެވެ. "އަހަރެމެން ޓީމުގައި ބޯޅަތައް ނިންމާލުމުގެ މައްސަލަތަކެއް އުޅޭ. އެކަމަކު މިއަދު ބޮޑަށް ފާހަގަކުރެވުނީ މިސް ޕާސްތައް ގިނަކަން. އެއީ އަހަންނަށް ގަބޫލުކުރެވޭނެ ކަމެއް ނޫން. އޭވައިއެލް އަށް ޕެނަލްޓީއެއް ލިބުނީ ވެސް އަހަރެމެންގެ ކޮންސެންޓްރޭޝަން ދަށްވެގެން ކުރި ފައުލަކަށް."

އޭނާ ބުނީ އެ ޓީމުގެ ޕްލޭމޭކަރު ހޮލެންޑުގެ ސެންގިޒް ހުސެއިން ނެތްތަން ވަރަށް ބޮޑަށް ދެއްކި ކަމަށާއި އަދި އަނިޔާގައި ހުރި ތަޖުރިބާކާރު މިޑްފީލްޑަރު އިސްމާއިލް މުހައްމަދު (އިއްސޭ) ނެތުމަކީ ވެސް ބޮޑު ގެއްލުމެއް ކަމަށެވެ.

ވީބީގެ ފޯވާޑަކަށް މިއަދު ކުޅުނީ ކެޕްޓަން އައްސަދު އަލީ (އަޑުބަރޭ) އެވެ. ވަންލީ ބުނީ މިއަދު ފެނުނީ އޭނާ ދަންނަ ފޯވާޑް އަޑުބަރޭ ނޫން ކަމަށެވެ.

"އައްސަދަށް ކުރިން ފޯވާޑަކަށް ކުޅުނު ގޮތަކަށް ނުކުޅެވޭ. ހަގީގަތުގައި މިއަދު އޭނާ ފޯވާޑަކަށް ލީ ވެސް އެންމެ ފަހުން ކުޅުނު މެޗުތަކުގެ ނަތީޖާ ރަނގަޅު ނޫންވީމާ. އެހެންވެ އައްސަދު އެބަޖެހޭ ކުރީގައި މެނޭޖްކުރަން. އެކަމަކު އޭނާ އަށް ވެސް ވަގުތު ބޭނުންވޭ،" ވަންލީ ބުންޏެވެ.

އޭނާ ބުނީ މިގޮތަށް ޓީމު ކުޅޭ ނަމަ ޓްރާންސްފާގައި އިތުރު އެކެއް ނޫނީ ދެ ކުޅުންތެރިން ގެންނަން މަޖުބޫރުވާނެ ކަމަށާއި އަދި މިހާރު ވިސްނަނީ އަޑިގަނޑުން އަރައިގަނެ ޓީމު ކޮންޓްރޯލުގެ ދަށަށް ގެނައުމަށް ކަމަށެވެ.

އޭވައިއެލްގެ ކޯޗު އަހުމަދު އާތިފް (އާތީ) ބުނީ އޭނާގެ ޓީމުގެ ކުޅުންތެރިންގެ މަސައްކަތާ ދޭތެރޭ ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށާއި މި ނަތީޖާ އިން އަދި "ގިރުވާން ކޮޅަށް" ޖަހާލެވެން ނެތް ކަމަށެވެ.

"މެޗަކަށް ވުރެ މެޗެއް މި އަންނަނީ ރަނގަޅުވަމުން. އަދި ވެސް ރަނގަޅު ކުރަން ޖެހޭ ކަންތައްތައް އެބަހުރި. އެގޮތުން އެޓޭކަށް ދާއިރު ކޮމްބިނޭޝަން އެބަ ގެއްލޭ. އެކަން ހައްލުކުރަން ޖެހޭ. އެހެންވެ އަދި މި ނަތީޖާ އިން ގިރުވާން ކޮޅަށް ޖަހާލެވޭކަށް ނެތް. އަހަރެމެން ގަބޫލުކުރަންވީ ދެން ހުރި މެޗުތަކުން ވެސް މޮޅުވެވޭނީ ބުރަ މަސައްކަތްކޮށްގެންކަން،" އާތީ ބުންޏެވެ.

އޭނާ ބުނީ ޓީމުގައި ގިނައީ އާ ކުޅުންތެރިން ކަމަށާއި މި ފެންވަރުގައި އެންމެ ރަނގަޅު ކުޅުމަށް އެ ކުޅުންތެރިންނަށް ވަގުތު ބޭނުންވާ ކަމަށެވެ.

މިއަދުގެ މެޗު ފަށައިގެން 13 ވަނަ މިނެޓުގައި ގޯލް ހުޅުވާލަން އަޑުބަރޭ އަށް ހުސް ފުރުސަތެއް ލިބުނެވެ. އެކަމަކު އޭރިއާ ތެރެއިން އޭނާ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ބޭރަށެވެ. އޭގެ ފަހުން 28 ވަނަ މިނެޓުގައި އޭވައިއެލްގެ މޫސަ ނެގި ހުރަސް ގޯލުގެ ކަނަށް ވަންނަން ދަނިކޮށް ދިފާއުކުރީ ވީބީގެ ގޯލްކީޕަރު އަބްދުﷲ ޒިޔަޒަން އެވެ. އޭގެ ފަހުން އޭރިއާ ތެރެއިން އޭވައިއެލްގެ ހަސަން ނިމާލް ފޮނުވާލި ބޯޅަ ވެސް ޒިޔަޒަން ދިފާއުކުރި އެވެ. ލީގުގައި ވީބީގެ ފުރަތަމަ ގޯލް އަޑުބަރޭ ކާމިޔާބުކުރީ ޗާލްސް ރައިޓް ގަޔޭ ދިން ޕާހަކުން 46 ވަނަ މިނެޓުގަ އެވެ. އޭވައިއެލް ނަތީޖާ ހަމަހަމަވި ޕެނަލްޓީ ލިބުނީ 67 ވަނަ މިނެޓުގައި އެ ޓީމުގެ ނިމާލަށް ވީބީގެ ހަސަން ފައިރޫޒް ކުރި ފައުލަކަށެވެ. މި ޕެނަލްޓީ 68 ވަނަ މިނެޓުގައި ކާމިޔާބުކޮށް މާޒިޔާގެ ކުރީގެ ޑިފެންޑަރު މޫސަ އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. މެޗުގެ ފަހު 10 މިނެޓުގެ ތެރޭގައި ވީބީގެ އަލީ ނާފިއު (ކަޅޭ) އަށް ލިބުނު ދެ ބޯޅަ ވެސް މަތަކުރީ އޭވައިއެލްގެ ކީޕަރު އިބްރާހިމް ސިޔާދެވެ. މެޗުގެ ފަހު ސިކުންތުގައި ވީބީގެ ޝަމްވީލް ގާސިމް (ބޮންޑާ) ޖެހި ހިލޭ ޖެހުން ވެސް އަމާޒުވީ ސިޔާދުގެ އަތަށެވެ.

ތިން މެޗަށް ފަހު ވީބީ އޮތީ ދެ ޕޮއިންޓާއެކު ހަ ވަނައިގަ އެވެ. އޭވައިއެލް އޮތީ އެއް ޕޮއިންޓާ އެކު ފުލުގަ އެވެ. އެއް ވަނައިގައި އޮތީ ހަ ޕޮއިންޓާއެކު ނިއު ރޭޑިއަންޓެވެ.

ލީގުގައި ހުކުރު ދުވަހު ހަވީރު ވިކްޓަރީ އާއި ވިޔަންސާ ކުޅޭއިރު ހޮނިހިރު ދުވަހު އޮންނާނީ ނިއު އާއި ވެލެންސިއާގެ މެޗެވެ. އާދީއްތަ ދުވަހު ކުޅޭނީ އީގަލްސް އާއި މާޒިޔާ އެވެ.

6 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait