ދިރާގު ދިވެހި ލީގު

ވިޔަންސާ އަތުން މޮޅުވެ ވިކްޓަރީ ހިތްހަމަޖެހުމެއް ހޯދައިފި

ހަސަން ޝިފާން
ހަވީރު ނިއުސް ސާވިސް، 04 މެއި 2012 22:23 8 ކޮމެންޓު
 • ވިޔަންސާ ކޮޅަށް ލަނޑުޖެހުމަށް ފަހު އުމެއިރު (ވ) އަދުހަމްއާ އެކު އުފާފާޅުކުރަނީ: ވިކްޓަރީ 3-0 އިން މޮޅުވިއިރު މި ދެ ކުޅުންތެރިން ވެސް ވަނީ ލަނޑުޖަހައިފައި. -- ހަވީރު ފޮޓޯ / މުހައްމަދު ވަހީދު

ދިރާގު ދިވެހި ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ވިޔަންސާ އަތުން 3- 0 އިން ވިކްޓަރީ މޮޅުވެ ހިތްހަމަޖެހުން ހޯދައިފި އެވެ.

މި އަހަރުގެ ދިވެހި ލީގުގައި ވިކްޓަރީން ދެވަނަ މޮޅު ހޯދީ ހުސެއިން ޝިމާޒް (ކޮކީ) އާއި ހަސަން އަދުހަމް (ސަޑޭ) އަދި މުހައްމަދު އުމެއިރު ކާމިޔާބުކުރި ލަނޑުތަކުންނެވެ.

މެޗަށް ފަހު ވިކްޓަރީގެ ވަގުތީ ކޯޗު މުހައްމަދު ނަޒީހު ބުނީ އެފްއޭއެމްގެ ކޯޑް އެތިކްސްއާ ހިލާފަށް ވާހަކަދެއްކުމުގެ ސަބަބުން ތިން މަހަށް ކޯޗު އަލީ ސުޒޭން ސަސްޕެންޑްކުރުމުން، ރަސްމީކޮށް ހެޑް ކޯޗުގެ ޒިންމާތައް އޭނައާ ހަވާލުކޮށްގެން ކުޅުނު ފުރަތަމަ މެޗުން މޮޅުވުމުން ވަރަށް ހިތްހަމަޖެހިއްޖެ ކަމަށެވެ.

"ވިކްޓަރީގެ ކުޅުން ވަރަށް ރަނގަޅޭ ބުނެވޭނީ. ރޭގައި ކްލަބުގެ ހެޑް ކޯޗަކީ ކާކުތޯ އެސިސްޓެންޓަކީ ކާކުތޯ ނިންމީ. ސުޒޭންގެ ސަސްޕެންޝަން ނިމެންދެން މަޑުކުރާނީ. މިހާރު ހަމަ ހެޑްކޯޗުގެ ސީދާ އަމިއްލަ ޕްލޭނަކާ އެކީ މި މަސައްކަތްކުރަނީ. އެހެންވީމަ ރަސްގެފާނުގެ ގޮނޑީގައި މި އިނދެވެނީ ދިވެހިރާއްޖޭގެ. ވަރަށް އުފާވެރި މިއަދު މޮޅުވުމާއި މި ގޮނޑި ލިބުމާ. މިއީ އަނެއްހެން ބަލާއިރު ދިވެހި ކޯޗެއް އައިސް ވިކްޓަރީގެ ބެންޗުގައި އިށީނދެލުން އެއީ ގާތްގަނޑަކަށް އިނގިރޭސިވިލާތުގެ މެންޗެސްޓާ (ޔުނައިޓެޑް)ގެ ބެންޗުގައި އިށީނދެލުން ކަހަލަ ކަމެއް،" ނަޒީހު ބުންޏެވެ.

މެޗަށް ވިޔަންސާގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނީ މެޗުގެ ދެވަނަ ހާފުގައި ވިޔަންސާ އިން ދެއްކި ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށެވެ. އަދި ވިކްޓަރީ 1- 0 ގެ ލީޑެއް ހޯދައިފައިވަނިކޮށް ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޒުވާން ފޯވަޑް ހައިދަރު އަކުރަމަށް ލިބުނު ރަނގަޅު ފުރުސަތުގެ ބޭނުން ހިފުނ ަމަ މި ނަތީޖާ ނުނިކުތީސް ކަމަށެވެ.

"ފަހު ހާފުގައި ލިބުނު ވަރަށް އޯޕަން ޗާންސެއް ހައިދަރު 14 ނަމްބަރު އަރުވައިގެން އެ ލިބުނު ފުރުސަތު ބޭނުން ނުކުރެވުން އެއީ މި ނަތީޖާ މިގޮތަށް ނިކުތް އެއް ސަބަބު ކަމަށް އަޅުގަނޑު ގަބޫލްކުރަނީ. ވަން އެގެއިންސްޓް ވަން ވަރަށް ކައިރިން ޖައްސާލި ބޯޅަ ދަނޑިކައިރިން ބޭރަށް ދިޔައީ. އެ ވައްދާލި ނަމަ ނަތީޖާ 1- 1 އަށް ބަދަލުވާނެ. އެހެންވި ނަމަ ގޭމުގެ މޫނުމަތި ވަރަށް ބޮޑަށް ބަދަލުވެގެން ދާނެ ކަމަށް ގަބޫލްކުރެވެނީ،" ފެސްކޯ ބުންޏެވެ.

މެޗުގެ ހަ ވަނަ މިނިޓުގައި ވިކްޓަރީ އަށް ލީޑު ހޯދައިދިނީ ފޯވަޑް ކޮކީ އެވެ. ވިޔަންސާގެ ޕެނަލްޓީ އޭރިޔާ ބޭރުން ކޮކީ ތިރިތިރިން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ. ވިކްޓަރީގެ ލީޑު ފުޅާކޮށްލުމަށް ފުރަތަމަ ހާފުގައި ކޮކީ އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އެކަމަކު ވިޔަންސާގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެ އޭނާ ފޮނުވާލި ބޯޅަ ވިޔަންސާގެ ގާނާ ގޯލްކީޕަރު އެލެކްޒެންޑާ އޮސޭއީ ވަނީ ދިފާއުކޮށްފަ އެވެ.

ވިކްޓަރީގެ ދެވަނަ ލަނޑު މެޗުގެ 62 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އަދުހަމް އެވެ. ކުޅެން އަރައި ލިބުނު ފުރަތަމަ ބޯޅަ ހިފައިގެން ވިޔަންސާގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެ، ޑިފެންޑަރެއް ކައިރިން ނައްޓާލުމަށް ފަހު ހަނި އޭންގަލަކުން އަދުހަމް ވަނީ ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައިފަ އެވެ. ވިކްޓަރީ އަށް ދެ ލަނޑުގެ ލީޑެއް ނެގުމުގެ ކުރިން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ވިޔަންސާގެ ހައިދަރަށް ވަނީ ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. ވިކްޓަރީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ހައިދަރު ފޮނުވާލި ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.

މެޗުގެ 72 ވަނަ މިނިޓުގައި އަދުހަމް ޕެނަލްޓީ އޭރިޔާ ތެރެއިން ފޮނުވާލި ބޯޅައެއް ހުރަސް ދަނޑީގައި ޖެހިފައި ނިކުތް ވަގުތު ވިކްޓަރީގެ ކެމަރޫން ފޯވަޑް ހަންސްލޭ އަވީލޯ ގޯލާ ދިމާލަށް ފޮނުވާލި ނަމަވެސް ވިޔަންސާގެ ކީޕަރު ވަނީ ބޯޅަ ދިފާއުކޮށްފަ އެވެ.

ވިކްޓަރީގެ ތިން ވަނަ ލަނޑު 72 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު އުމެއިރެވެ. ކައުންޓާ އެޓޭކެއްގައި އަދުހަމް ޕެނަލްޓީ އޭރިޔާ ތެރެއިން ގޯލުގެ ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ އުމެއިރު ވަނީ ގޯލުގެ ތެރެއަށް އަމާޒުކޮށްލައިފަ އެވެ.

ކިޔުންތެރިންގެ އިހުސާސް: މިއާޓިކަލް ކިޔާލުމުން ކުރެވުނީ ކޮން އިހުސާސެއް؟

 • 0%
  ދެރަވި
 • 0%
  އުފާވި
 • 0%
  ރުޅިއައި
 • 0%
  މައުލޫމާތު މުއްސަނދިވި

8 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait