ދިރާގު ދިވެހި ލީގު

ވެލެންސިއާ އަތުން ވެސް ނިއު މޮޅުވެއްޖެ

ހަސަން ޝިފާން
05 މެއި 2012 22:51 9 ކޮމެންޓު
  • ނިއުގެ ދަގަނޑޭ (ކ) އަތުން ބޯޅަ ހޯދުމަށް ވެލެންސިއާގެ ކުޅުންތެރިއެއް ޓެކަލްކުރަނީ. -- ފޮޓޯ / މުހައްމަދު ވަހީދު

ދިރާގު ދިވެހި ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ކްލަބް ވެލެންސިއާ އަތުން 3- 0 އިން މޮޅުވެ، ނިއު ރޭޑިއަންޓް ލީގުގައި ޖެހިޖެހިގެން ތިން ވަނަ މޮޅު ހޯދައިފި އެވެ.

މެޗުގެ ކުރީކޮޅު ނިއު އަށް ލީޑު ހޯދައިދިނީ މި ސީޒަނުގައި ވީބީ އައްޑޫ އެފްސީ އިން ނިއު އަށް ބަދަލުވި ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އެވެ. އަދި ދެވަނަ ހާފުގައި ނިއުގެ ޑިފެންޑަރު އަހުމަދު އަބްދުﷲ ލިލީ އާއި އިބްރާހިމް ފަޒީލް (އޮއްޕޮ) ވަނީ ލަނޑު ޖަހައިފަ އެވެ.

ނިއު އިން ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުން ވެސް މޮޅުވެ، ނުވަ ޕޮއިންޓާ އެކު ތާވަލްގެ ކުރީގައި އޮތްއިރު، އެ ޓީމު ވަނީ ތިން މެޗުން 10 ލަނޑު ޖަހައިފަ އެވެ. ނިއު ކޮޅަށް އަދި ލަނޑެއް ނުވަދެ އެވެ.

ނިއުގެ ކޯޗު މުހައްމަދު ސިޔާޒް (މޯހަން) ބުނީ މެޗުން ނިއު މޮޅުވިޔަސް މިއީ ވެލެންސިއާ އަށް މޮޅެއް ހައްގު މެޗެއް ކަމަށާއި ނިއު އަށް މޮޅުވެވުނީ ވަކިވަކި ކުޅުންތެރިންގެ ހުނަރު ވެސް ބޭނުންކުރެވިގެން ކަމަށެވެ.

"ވެލެންސިއާ ހަގީގަތުގައި ވަރަށް ރަނގަޅު ގޭމެއް ފެނިގެންދިޔަ ދުވަހެއް. ﷲ އިރާދަކުރެއްވީތީ އަޅުގަނޑުގެ ޓީމު މޮޅުވީ. ހަގީގަތުގައި ވެލެންސިއާ އަޅުގަނޑު ދަންނަވާނީ މިއީ މޮޅެއް ހައްގު ދުވަހެކޭ. އެހެން ނަމަވެސް އިންޑިވިޖުއަލީ މޮޅު ކުޅުންތެރިންތަކެއް ތިބީމައާ އެކު ނަތީޖާ އެނބުރިގެންދިޔައީ،" މޯހަން ބުންޏެވެ. "އެ މީހުންނަށް ލިބުނު ޗާންސްތަކުގެ ބޭނުންނުކުރެވި ދިއުމާ އެކީ ގާތްގަނޑަށް މެޗުގެ 75 މިނިޓުހެން ޑޮމިނޭޓްކުރީ ވެލެންސިއާ. އެތިބި ކުޅުންތެރިންނާ އެކީ ވަރަށް ވެސް ތަފާތު ގޭމެއް ފެނިގެންދިޔައީ. ނަތީޖާ 3- 0 އަކީ މެޗުގައި ކުޅުނު ކުޅުމަށް ހައިލައިޓްކޮށްދޭ އެއްވެސް އެއްޗެއް ނޫނޭ އަޅުގަނޑު ދަންނަވާނީ."

މޯހަން ބުނީ މެޗުގައި ނިއުގެ ފަރާތުން ވަރަށް ގިނަ މިސްޓޭކްތަކެއް ފެނުނު ކަމަށާއި ރަނގަޅު ގޭމެއް ނިއުއަށް ނުކުޅެވުނު ކަމަށެވެ. އަދި މި ސީޒަނުގައި ނިއުއާ ގުޅުމަށް ފަހު މިއަދު ފުރަތަމަ ފަހަރަށް އެ ޓީމަށް ކުޅުނު ނައިޖީރިއާގެ ޑިފެންޑަރު ކޫޑަސް އޮމޮލާޑޭގެ ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށެވެ.

މެޗަށް ފަހު ވެލެންސިއާގެ ކޯޗު މުހައްމަދު އިގްބާލް ބުނީ މެޗުން ބަލިވި ނަމަވެސް ވެލެންސިއާގެ ކުޅުމާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

"ބަލިޔަކަސް ޓީމު ވަރަށް ރަނގަޅަށް ކުޅުނު. ހާއްސަކޮށް ފުރަތަމަ ހާފުގައި. ކުދިކުދި މިސްޓޭކްތަކެއް އައިސްގެން ލަނޑު ވަންނާތީ ތަންކޮޅެއް އުނދަގޫ ވަނީ. އެހެން ނަމަވެސް ޖެނެރަލީ ސްޕީކިން ވަރަށް ރަނގަޅަށް ޓީމު ކުޅުނު،" ވެލެންސިއާގެ ކުރީގެ ކީޕަރު، އިގްބާލް ބުންޏެވެ. "ނިއުއަކީ ލީގުގައި އެންމެ ވަރުގަދަ އެއް ޓީމު. މިހާރު ނުވަ ޕޮއިންޓް އެ ލިބުނީ. އަނެއްހެން ބަލާއިރު ފޯވަޑް ލައިނަށް ބަލާއިރު މި ތިބީ ގައުމީ ޓީމުގެ އެންމެ އެކްސްޕީރިއަންސް ހަތަރު ކުޅުންތެރިން. ދަގަނޑޭމެން މީހުންނަކީ އެކަނި ނަތީޖާ ބަދަލުކޮށްލާނެ ފަދަ ކުޅުންތެރިން."

މެޗުގެ ހަ ވަނަ މިނިޓުގައި ނިއު އަށް ލީޑު ހޯދައިދިނީ ދަގަނޑޭ އެވެ. ވެލެންސިއާގެ ޑިފެންޑަރު ކެމަރޫންގެ ފެއިތު މޮކީ ކައިރީގައި ވިއްދާފައި ހުއްޓައި ދަގަނޑޭ އަށް ވެލެންސިއާގެ ހާފުގެ މެދުތެރެއިން ލިބުނު ބޯޅަ ކޮންޓްރޯލްކުރުމަށް ފަހު، ފެއިތު ކައިރިން ނައްޓާލާ، ބޯޅަ ހިފައިގެން އޭރިޔާ ތެރެއަށްވަދެ އޭނާ ވަނީ ގޯލުގެ ކަނަށް ބޯޅަ ވައްދާލައިފަ އެވެ.

ނިއު އިން ލީޑު ހޯދި ފަހުން ވެލެންސިއާ އަށް ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. އެކަމަކު ވެލެންސިއާގެ ގާނާ މިޑްފީލްޑަރު ކުއިންސީ އޮސޭއީ ނިއުގެ ޕެނަލްޓީ އޭރިޔާ ތެރެއިން ފޮނުވާލި ބާރު ޝޮޓް އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

ފުރަތަމަ ހާފުގައި ނިއުގެ ލީޑު ފުޅާކޮށްލަން އޮއްޕޮ އަށް ވަނީ ރަނގަޅު ދެ ފުރުސަތު ލިބިފަ އެވެ. މެޗުގެ 24 ވަނަ މިނިޓުގައި ވެލެންސިއާގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުސްކޮށް ހުރި އޮއްޕޮ އަށް ލިބުނު ބޯޅަ ވެލެންސިއާގެ ގޯލްކީޕަރު އިބްރާހިމް އިފްރާހް އަރީފް ކައިރިން ނައްޓާލުމަށް ފަހު ގޯލަށް ފޮނުވާލަން މަސައްކަތްކުރި ނަމަވެސް، އިފްރާހް ކައިރިން ނައްޓާލަން ޖައްސާލި ބޯޅަ އިފްރާހް ވަނީ ހިފައިފަ އެވެ. އަދި އޭގެ ދެ މިނިޓު ފަހުން އޮއްޕޮ އަށް އިފްރާހް ކުރި ފައުލަކާ ގުޅިގެން ނިއު އަށް ޕެނަލްޓީއެއް ލިބުނެވެ. އޮއްޕޮ ފޮނުވާލި ޕެނަލްޓީ ހުރަސްދަނޑިއަށް އަމާޒުވި ނަމަވެސް ރެފްރީ އަހުމަދު އަސްލަމް އެންގީ އަލުން ޕެނަލްޓީ ޖެހުމަށެވެ. ދެވަނަ ފަހަރަށް އޮއްޕޮ ފޮނުވާލި ޕެނަލްޓީ އިފްރާހް މަތަކުރި އެވެ. ކީޕަރު މަތަކުރި ބޯޅަ ގޯލަށް ފޮނުވާލަން އޮއްޕޮ އަށް ލިބުނު ނަމަވެސް އޭނާ ޖެހި ބޯޅަ އަމާޒުވީ ހުރަސް ދަނޑިއަށެވެ.

މެޗުގެ 49 ވަނަ މިނިޓުގައި ނިއުގެ ދެވަނަ ލަނޑު ކާމިޔާބުކުރީ ލިލީ އެވެ. ވެލެންސިއާގެ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅައަކަށް ގޯލްކީޕަރު އިފްރާހް ފުންމައިގެން އެރި ނަމަވެސް، އެ ބޯޅަ ދިފާއުނުކުރެވުމުން އެ ބޯޅަ ލިބުނީ ލިލީއަށެވެ. ލިލީ ވަނީ ހުހަށް އޮތް ގޯލަށް އެ ބޯޅަ އަމާޒުކޮށްލައިފަ އެވެ.

ނުރައްކާތެރި ހަމަލާތަކަކަށް ފަހު ނިއުގެ ތިން ވަނަ ލަނޑު މެޗުގެ 89 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ އޮއްޕޮ އެވެ. ދަގަނޑޭ އަށް އޭރިޔާ ރޮނގުމަތިން ކަހަލަ ގޮތަކަށް ލިބުނު ބޯޅަ އޭރިޔާ ތެރެއަށް ވަންނަން ދިޔަ އޮއްޕޮ އަށް ޖައްސާލުމުން އޮއްޕޮ ވަނީ ގޯލުގެ ތެރެއަށް ބާރު ޝޮޓެއް ފޮނުވާލައިފަ އެވެ.

9 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait