ދިރާގު ދިވެހި ލީގު 2012

އައްމަޑޭގެ ދެ ލަނޑުން އީގަލްސް އަތުން މާޒިޔާ އަށް މޮޅެއް

މުހައްމަދު ހަމްދޫން
06 މެއި 2012 20:13 2 ކޮމެންޓު
 • މާޒިޔާގެ އަސަދުﷲ )ވ( ބޯޅައިގައި ބޮލުން ޖަހާއިރު އެ ބޯޅަ ދިފާއުކުރަން އީގަލްސް ކީޕަރު ޔަމާން މަސައްކަތްކުރަނީ. --ހަވީރު ފޮޓޯ: މުހައްމަދު ވަހީދު

އަހުމަދު ރަޝީދު (އައްމަޑޭ) ޖެހި ދެ ލަނޑާއެކު، ދިރާގު ދިވެހި ލީގުގައި މިއަދު ހަވީރު ކްލަބް އީގަލްސް އަތުން 2- 1 އިން މާޒިޔާ މޮޅުވެއްޖެ އެވެ.

މާޒިޔާ އިން ދެ ލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް އީގަލްސްގެ ސުން ކަނޑުވާލަދިނީ ކެޕްޓަން އަދި ތަޖުރިބާކާރު ޑިފެންޑަރު އައްސަދު އަބްދުލް ގަނީ އެވެ. މެޗުގެ 66 ވަނަ މިނެޓުގައި މާޒިޔާގެ ކެޕްޓަން އަލީ ނިޔާޒް (އައްޔަ) އަށް ދެއްކި ރަތްކާޑާއެކު ފަހު ބައިގައި އެ ޓީމުން ކުޅުނީ އެކަކު މަދުކޮށެވެ.

މާޒިޔާގެ ކޯޗު އިސްމާއިލް މަހެފޫޒް (އިންމަ) ބުނީ މިއީ އޭނާގެ ޓީމަށް މުހިއްމު މޮޅެއް ކަމަށެވެ.

"މިއަދު އަޅުގަނޑުމެން މެޗާ ކުރިމަތިލީ ވެސް މެޗުން މޮޅެއް މުހިއްމު ކަން ދަނެގެން އެކަމަށް ޓާގެޓް ކޮށްގެން. އެކަން މިއޮތީ ހާސިލްވެފައި،" އިންމަ ބުންޏެވެ. "އަޅުގަނޑުމެންގެ ފޯވާޑުންގެ ލަނޑު ޖެހުމުގެ ފޯމް ރަނގަޅުވުމަކީ ލިބޭ ބޮޑު ހިތްހަމަޖެހުމެއް."

އޭނާ ބުނީ އައްޔަގެ ރަތްކާޑާއެކު ޕްރެޝަރަށް ދިޔަ ކަމަށާއި ނަމަވެސް ޕްރެޝަރުގައި ވެސް ޓީމުން ޓެކްޓިކަލް ޑިސިޕްލިން ހިފެހެއްޓި ކަމަށެވެ.

"އަޅުގަނޑުމެންގެ ކުޅުންތެރިޔަކަށް ދެއްކި ރަތްކާޑާއެކު ޕްރެޝަރަށް ދިޔަ. އެ ވަގުތު އަޅުގަނޑުމެން ޓެކްޓިކަލް ބަދަލުތަކެއް ގެނެސް ޑިފެންސިވް ގޭމަކަށް ބަދަލުކޮށްލީ. ޕްރެޝަރުގައި ވެސް ކުޅުންތެރިން ވަރަށް ރަނގަޅަށް ކުޅުނު،" އިންމަ ބުންޏެވެ.

އީގަލްސްގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ބުނީ މިއަދަކީ އޭނާގެ ޓީމުގެ ދުވަހެއް ނޫން ކަމަށާއި މާޒިޔާ އިން ބުރަ މަސައްކަތް ކުރި ކަމަށެވެ.

"ހަގީގަތުގައި މިއަދަކީ އަޅުގަނޑުމެންގެ ދުވަހެއް ނޫން. މާޒިޔާ އިން ފުރަތަމަ ހާފުގައި ވަރަށް ބޮޑަށް މަސައްކަތްކުރި. ނަމަވެސް އެ ވަގުތު އަޅުގަނޑުމެންގެ ފޯވާޑުންނަށް ފަސޭހަކޮށްލެވުނީ. ފުރަތަމަ ހާފުގައި މިޑްފީލްޑް ޑޮމިނޭޓްކުރެވުނު ނަމަ ނަތީޖާ ތަފާތުވީސް،" ސާންތީ ބުންޏެވެ.

މެޗުގެ ފުރަތަމަ ހާފުގައި އީގަލްސް އިން ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ތަނަވަސްނުވިއިރު، މާޒިޔާ އިން ވަނީ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. ދިހަ ވަނަ މިނެޓުގައި ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ) އަށް އޭރިއާ ތެރެއިން ހުސްކޮށް ލިބުނު ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިންނެވެ. އޭގެ 10 މިނެޓު ފަހުން އަސަދުﷲ އަބްދުﷲ އަށް އޭރިއާ ތެރެއިން ލިބުނު ބޯޅައިގައި ބާރެއް ނެތްއިރު އެ ބޯޅަ އަމާޒުވީ އީގަލްސްގެ ގޯލްކީޕަރު އަބްދުﷲ ޔަމާން އަތަށެވެ. މާޒިޔާ އިން ލީޑު ނެގީ 25 ވަނަ މިނެޓުގައި އައްމަޑޭ އޭރިއާ ބޭރުން ޖެހި ބޯޅައެއް ގޯލަށް ވައްދައިގެންނެވެ. އެ ޓީމު ލީޑު އޭނާ ފުޅާކޮށްދިނީ 41 ވަނަ މިނެޓުގައި އޭރިއާ ތެރެއިން ފޮނުވާލި ބާރު ބޯޅައެއް ގޯލާ އަމާޒުކޮށްގެންނެވެ.

ދެ ވަނަ ހާފު ފަށައިގެން 55 ވަނަ މިނެޓުގައި އީގަލްސްގެ ޔާމީން އިބްރާހިމް (ޔާންބެ) އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ތަނަވަސްވި ނަމަވެސް އޭރިއާ ތެރެއިން ފޮނުވާލި ބޯޅަ ގޯލާ އަމާޒެއް ނުވި އެވެ. އޭގެ އެއް މިނެޓު ފަހުން މާޒިޔާގެ ބޮކުރީ ފޮނުވާލި ބޯޅަ އީގަލްސް ކީޕަރު ދިފާއުކުރީ އެވެ.

އީގަލްސްގެ ލަނޑު ފެނިގެން ދިޔައީ 66 ވަނަ މިނެޓުގަ އެވެ. އެ ޓީމުގެ އަހުމަދު އިމާޒް (އާއްކޮ) އަށް އޭރިއާ ތެރެއިން ހުރަސް އަޅައި ވައްޓާލުމުން މާޒިޔާގެ އައްޔަ އަށް ރަތްކާޑެއް ދައްކައި އީގަލްސް އަށް ރެފްރީ އަހުމަދު ޝިފާން ދިން ޕެނަލްޓީ އައްސަދު އިތުބާރާއެކު ކާމިޔާބުކުރި އެވެ. އޭގެ ފަހުން މާޒިޔާ ފަހަތަށް ޖެހުނުއިރު އީގަލްސް އިން އޯލް އައުޓް އެޓޭކަކަށް ދިޔަ އެވެ. އެ ޓީމަށް ނަތީޖާ ހަމަހަމަކުރަން ރަނުގެ ފުރުސަތެއް ލިބުނީ 90 ވަނަ މިނެޓުގަ އެވެ. މުހައްމަދު އާރިފް (ބަކާ) ހުރަސްކުރި ބޯޅަ އާއްކޮ އޭރިއާ ތެރެއިން ފޮނުވާލުމުން މާޒިޔާގެ ގޯލްކީޕަރު އަހުމަދު އިމްރާން ދިފާއުކުރީ ގޯލް ރޮނގު މަތިންނެވެ.

ލީގުގެ ތިން ވަނަ ހަފުތާގެ ކުޅުން ނިމުނުއިރު މާޒިޔާ އޮތީ ހަ ޕޮއިންޓާއެކު ތިން ވަނައިގަ އެވެ. އީގަލްސް އޮތީ ހަތަރު ޕޮއިންޓާއެކު ހަތަރު ވަނައިގަ އެވެ. ނުވަ ޕޮއިންޓާއެކު ނިއު ރޭޑިއަންޓަށް އެއް ވަނަ ލިބޭއިރު ވިކްޓަރީ އޮތީ ދެ ވަނައިގައި ހަތް ޕޮއިންޓާއެކު އެވެ. ތިން ޕޮއިންޓް ލިބިގެން ވެލެންސިއާ ފަސް ވަނައިގައި އޮތްއިރު ވީބީ އައްޑޫ އެފްސީ އޮތީ ދެ ޕޮއިންޓާއެކު ހަ ވަނައިގަ އެވެ. އެއް ޕޮއިންޓާ ގޯލް ތަފާތުން އޭވައިއެލް ހަތް ވަނައިގައި އޮތްއިރު ފުލުގައި އެއް ޕޮއިންޓާއެކު އޮތީ ވިޔަންސާ އެވެ.

ކިޔުންތެރިންގެ އިހުސާސް: މިއާޓިކަލް ކިޔާލުމުން ކުރެވުނީ ކޮން އިހުސާސެއް؟

 • 0%
  ދެރަވި
 • 0%
  އުފާވި
 • 0%
  ރުޅިއައި
 • 0%
  މައުލޫމާތު މުއްސަނދިވި

2 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait