ދިރާގު ދިވެހި ލީގު 2012

އީގަލްސްގެ އަތްދަށުން އޮއްޕޮ ނިއު ސަލާމަތްކޮށްދީފި

ހަސަން ޝިފާން
11 މެއި 2012 20:15 10 ކޮމެންޓު
 • އީގަލްސް އާއި ނިއު ރޭޑިއެންޓް މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅެނީ.--ހަވީރު ފޮޓޯ: މުހައްމަދު ވަހީދު

 • އީގަލްސް އާއި ނިއު ރޭޑިއެންޓް މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅެނީ.--ހަވީރު ފޮޓޯ: މުހައްމަދު ވަހީދު

 • އީގަލްސް އާއި ނިއު ރޭޑިއެންޓް މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅެނީ.--ހަވީރު ފޮޓޯ: މުހައްމަދު ވަހީދު

މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ފޯވަޑް އިބްރާހިމް ފަޒީލް (އޮއްޕޮ) ކާމިޔާބުކުރި ލަނޑާ އެކު ދިރާގު ދިވެހި ލީގުގައި މިއަދު 10 މީހުންނާ އެކު މެޗު ނިންމާލި ނިއު ރޭޑިއެންޓް، އީގަލްސް އަތުން 1- 1 އިން އެއްވަރުވެއްޖެ އެވެ.

މެޗުގެ 52 ވަނަ މިނިޓުގައި އީގަލްސް އަށް ލިބުނު ޕެނަލްޓީއަކުން އެ ޓީމަށް ލީޑު ހޯދައިދިނީ ކެޕްޓަން އައްސަދު އަބްދުލް ގަނީ އެވެ. މިއީ މި ސީޒަނުގައި ނިއު ކޮޅަށް ވަތް ފުރަތަމަ ލަނޑެވެ. މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަތް މިނިޓުގެ ތެރޭގައި ނިއުގެ އަލީ އުމަރު އީގަލްސްގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ފޮނުވާލި ބޯޅަ އޮއްޕޮ ގޯލުގެ ތެރެއަށް ވައްދާލީ ބޮލުންނެވެ.

އީގަލްސް އަށް ޕެނަލްޓީ ލިބުނީ މެޗުގެ 50 ވަނަ މިނިޓުގެ ތެރޭގައި ވިންގާ ޝިނާޒް ހިލްމީ އަށް ނިއުގެ ޕެނަލްޓީ އޭރިޔާ ތެރެއިން އެ ޓީމުގެ އަހުމަދު ފައްރާހް (ފައްރަ) ކުރި ފައުލަކާ ގުޅިގެނެވެ. އަދި މި ފައުލާ ގުޅިގެން ރެފްރީ އަހުމަދު އަސްލަމް ވަނީ ފައްރަ އަށް ދެވަނަ ރީނދޫ ކާޑަކާ އެކު ރަތް ކާޑު ދައްކައިފަ އެވެ.

ލީގުގައި މިހާތަނަށް ނިއު ކުޅުނު ހަތަރު މެޗަށް ފަހު ތާވަލްގެ އެއްވަނައިގައި އެ ޓީމު އޮތީ 10 ޕޮއިންޓާ އެކު އެވެ. އީގަލްސް އަށް ފަސް މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ.

މެޗަށް ފަހު ވާހަކަދައްކަމުން ނިއުގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ އަނިޔާގެ ސަބަބުން މެޗުގައި ނުކުޅެވުނު ނިއުގެ ކެޕްޓަން އަހުމަދު ތޯރިގް (ޓޮމް) ނެތް ތަން މެޗުގައި ފެނުނު ނަމަވެސް، މެޗުގައި ނިއު އަށް ބޮޑަށް ދިމާވި މައްސަލައަކީ އީގަލްސްގެ ޑިފެންސިވް ގޭމް ވަރަށް ރަނގަޅަށް އެ ޓީމުން ކުޅުން ކަމަށެވެ. އެކަމަކު 10 މީހުންނާ އެކު ކުޅެ މެޗުން ޕޮއިންޓެއް ލިބުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް މޯހަން ބުންޏެވެ.

"އީގަލްސްގެ ޑިފެންސިވް ގޭމް ހަމަ ވަރަށް ޑިސިޕްލިންކޮށް އެ ކުޅުންތެރިން ކުޅުނީމަ ހަގީގަތުގައި ވަރަށް ބޮޑަށް އުނދަގޫވެގެން ދިޔައީ. ޗާންސެއް ވެސް ކްރިއޭޓް ނުކުރެވިދިޔަ ދުވަހެއް. ވަރަށް މިސް ދުވަހެއް ހުރިހާ ގޮތަކުން. އޯވަރޯލްކޮށް ބަލައިފިއްޔާ ހުރިހާ ކުޅުންތެރިންގެ ވެސް ދަށް ދުވަހެއް މިއަދު މިއީ،" މޯހަން ބުންޏެވެ. "ގާތްގަނޑަކަށް އިން މެޗެއް މިއީ. ތިން ޕޮއިންޓް ގެއްލިފައި އިން މެޗަކުން ޕޮއިންޓެއް ލިބުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް."

މިއީ މި ސީޒަނުގެ ލީގުގައި މޮޅުވާން ދަނިކޮށް ފަހު ވަގުތު އީގަލްސް ކޮޅަށް ލަނޑެއް ވަދެގެން ޕޮއިންޓަކާ އެކު ފުއްދާލަން ޖެހުނު ދެވަނަ މެޗެވެ. ލީގުގައި މިދިޔަ މަހު ވިކްޓަރީ އަތުން 1- 1 އިން އީގަލްސް އެއްވަރުވީ އިތުރު ވަގުތުގެ ތެރޭގައި ވިކްޓަރީ ކާމިޔާބުކުރި ލަނޑަކުންނެވެ.

"މިއަދު ވެސް އެ ދިޔައީ އަޅުގަނޑުމެންނަށް އެޑްވާންޓޭޖް ވެސް އޮވެފައި މިއަދު ނިމެންދިޔަ އިރު. އެއް ކުޅުންތެރިއެއް މަދުކޮށް ނިއު ރޭޑިއަންޓް ކުޅެފަ. ކޮންސަންޓްރޭޝަންގެ އިތުރުން ދަނޑުމަތީގައި ތިބި ސީނިއާ ކުޅުންތެރިންގެ ފަރާތުން ތަންކޮޅެއް ބޮޑަށް (ލީޑަޝިޕް) ފެންނަން ޖެހޭ،" މެޗަށް ފަހު ވާހަކަދައްކަމުން އީގަލްސްގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ބުންޏެވެ. "އެއީ މިއަދު ފަހުން ޅަ ކުޅުންތެރިންތަކެއް ވެސް ލީ. (އެ ކުޅުންތެރިން) ލީ ގަޑީގައި ކުރީގައި ބޯޅަ ނުހިފެއްޓުނީމަ އަސްލު މި މައްސަލަ މި ދިމާވީ. ފުޓްބޯޅައަކީ މި ކަހަލަ އެއްޗެއް. ބައެއް ދުވަސް ދުވަހު ރާވާފައި އޮތް ގޮތަށް މަސައްކަތްކުރާނެ، އަނެއް ދުވަހު ނުކުރާނެ. ހިތްހަމައެއް ނުޖެހޭ. އެކަމަކު މިއަދު ޕޮއިންޓަކާއެކު ހިތްހަމަ ޖައްސާލަން ޖެހޭނީ."

ސާންތީ ބުނީ އީގަލްސް އިން ބޮޑަށް ބެލީ އެ ޓީމުގެ މިޑްފީލްޑާއި ޑިފެންސްގެ ތެރެއިން ނިއު އަށް ވީހާ ވެސް ބޮޑަށް ޖާގައެއް ނުދީ ކުޅެން ކަމަށާއި މެޗުގައި ނިއުގެ މިޑްފީލްޑަރުން އެގޮތަށް ވަރަށް ރަނގަޅަށް ކުޅުނު ކަމަށެވެ.

މެޗުގެ ފުރަތަމަ ހަމަލާ ތިން ވަނަ މިނިޓުގައި ފޮނުވާލީ ނިއުގެ ފޯވަޑް އަލީ އަޝްފާގް (ދަގަނޑޭ) އެވެ. އީގަލްސްގެ ޕެނަލްޓީ އޭރިޔާ ބޭރުން ދަގަނޑޭ ފޮނުވާލި ބާރު ޝޮޓް އީގަލްސްގެ ގޯލްކީޕަރު މުހައްމަދު ޔަމާން ވަނީ ދިފާއުކޮށްފަ އެވެ. އަދި މެޗުގެ 10 ވަނަ މިނިޓުގައި ދަގަނޑޭ އީގަލްސްގެ ގޯލާ ދިމާލަށް ފޮނުވާލި ބޯޅަ ވެސް ޔަމާން ވަނީ ދިފާއުކޮށްފަ އެވެ.

ފުރަތަމަ ހާފު ނިމެނިކޮށް ނިއު އަށް ލިބުނު ކޯނަރަކުން އެ ޓީމުގެ ނައިޖީރިއާ ޑިފެންޑަރު ކޫޑަސް އޮމޮލާޑޭ ގޯލަށް ފޮނުވާލި ބޯޅަ ގޯލު ރޮނގު މަތީގައި ހުރި އީގަލްސްގެ ޑިފެންޑަރު އަހުމަދު ސައީދު ވަނީ ސާފުކޮށްލައިފަ އެވެ.

މެޗުގެ 50 ވަނަ މިނިޓުގައި ފައްރަ ކައިރިން ނައްޓާލުމަށް ފަހު އީގަލްސްގެ ޝިނާޒް ޕެނަލްޓީ އޭރިޔާ ތެރެއިން ދެމިގަތުމުން، ފައްރަ ވަނީ ޝިނާޒް އޭރިޔާ ތެރެއަށް ވައްޓާލައިފަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި ފައްރަ އަށް ރީނދޫ ކާޑެއް ދައްކައިފައި އޮތުމުން ރެފްރީ އަސްލަމަށް ޖެހުނީ ދެވަނަ ރީނދުލާ އެކު ފައްރަ އަށް ރަތްކާޑު ދައްކައިފަ އެވެ. މި މެޗަކީ މި ސީޒަނުގައި ނިއު އަށް ބަދަލުވުމަށް ފަހު ފައްރަ ކުޅުނު ފުރަތަމަ މެޗެވެ. އީގަލްސް އަށް ލިބުނު ޕެނަލްޓީ އައްސަދު ވަނީ ހާސްކަމެއް ނެތި ގޯލުގެ ތެރެއަށް ވައްދާލައިފަ އެވެ.

އީގަލްސް އިން ލީޑު ނެގިތާ މާގިނައިރުތަކެއް ނުވެ ދަގަނޑޭ ވަނީ އީގަލްސްގެ ގޯލަށް ނުރައްކާކޮށްފަ އެވެ. އީގަލްސްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ތިން ޑިފެންޑަރުން ދަގަނޑޭ ވަށާލައިގެން ތިބި ނަމަވެސް، ތިން ކުޅުންތެރިންގެ ތެރެއިން ދެމިގަނެ ދަގަނޑޭ ފޮނުވާލި ބޯޅަ އީގަލްސްގެ ކުޅުންތެރިއެއް ފައިޖައި ޖެހިފައި ދިޔައީ ބޭރަށެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރު ވަގުތުގެ ގޮތުގައި ހަތް މިނިޓު ދެއްކި ހިސާބުން އީގަލްސްގެ ސަޕޯޓަރުން އުންމީދު ބޮޑުވެ، ޓީމަށް ދިން ތަރުހީބުގެ އަޑު ގަދަކޮށްލި އެވެ. އެކަމަކު އީގަލްސްގެ ސަޕޯޓަރުން ހަމަހިމޭންވީ އިތުރު ވަގުތުގެ ތެރޭގައި ނިއުގެ ތަޖުރިބާކާރު ފޯވަޑް އަލީ އުމަރު އީގަލްސްގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ އޮއްޕޮ ގޯލުގެ ތެރެއަށް ފޮނުވާލުމުންނެވެ.

ކިޔުންތެރިންގެ އިހުސާސް: މިއާޓިކަލް ކިޔާލުމުން ކުރެވުނީ ކޮން އިހުސާސެއް؟

 • 0%
  ދެރަވި
 • 0%
  އުފާވި
 • 0%
  ރުޅިއައި
 • 0%
  މައުލޫމާތު މުއްސަނދިވި

10 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait