ދިރާގު ދިވެހި ލީގުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި މާޒިޔާ އާއި ވިޔަންސާ 1- 1 އިން އެއްވަރުވެއްޖެ އެވެ.
މެޗުގެ 26 ވަނަ މިނިޓުގައި މާޒިޔާ އަށް ލީޑު ހޯދައިދިނީ ފޯވަޑް އަހުމަދު ރަޝީދު (އައްމަޑޭ) އެވެ. ވިޔަންސާގެ ޕެނަލްޓީ އޭރިޔާ ތެރެއިން އައްމަޑޭ އަށް މާޒިޔާގެ ފޯވަޑް އަސަދުﷲ އަބްދުﷲ ޖައްސާލި ބޯޅަ، އައްމަޑޭ ވަނީ ތިރިތިރިން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.
މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި ވިޔަންސާ އަށް މެޗުގެ 54 ވަނަ މިނިޓުގައި ނަތީޖާ އެއްވަރުކޮށްދިނީ ޒުވާން ފޯވަޑް ހައިދަރު އަކުރަމެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަކުރަމް ކުޅެން އެރިތާ މާގިނައިރުތަކެއް ނުވެ އޭނާ އަށް މާޒިޔާގެ ގޯލު ކުރިމަތިން ލިބުނު ބޯޅަ އޭނާ ވަނީ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިފަ އެވެ.
ތާވަލްގެ ތިން ވަނައިގައި މާޒިޔާ އޮތީ ހަތް ޕޮއިންޓާއެކު އެވެ. ތާވަލްގެ ހަތް ވަނައިގައި އޮތް ވިޔަންސާ އަށް ލިބިފައިވަނީ ދެ ޕޮއިންޓެވެ.
މެޗަށް ފަހު މާޒިޔާގެ ކޯޗު އިސްމާއިލް މަހެފޫޒް (އިންމަ) ބުނީ ނަތީޖާއާމެދު ހިތްހަމަނުޖެހޭ ކަމަށާއި މާޒިޔާގެ ފަރާތުން އުންމީދުކުރެވުނު ކަހަލަ ކުޅުމެއް ނުފެނުނު ކަމަށެވެ.
"ނަތީޖާއާ ދޭތެރޭ ހިތްހަމައެއް ނުޖެހޭ. ވަރަށް މުހިންމު ތިން ޕޮއިންޓް މިއަދުގެ މެޗުގައި (މި ގެއްލުނީ) ކުރިއަށް އޮތް ތަނުގައި މި ބުރުގައި ކުރިއަށް ދިއުމަށް. އަޅުގަނޑުމެންގެ ދެ ޕޮއިންޓް މި ގެއްލުނީ. ކުޅުމަށް ބަލާއިރު އެހެން މެޗުތަކާ އަޅާބަލާއިރު ރަނގަޅެއް ނޫން. ކީ ޕްލޭޔަރުންގެ ޕާފޯމަންސް މިއަދު ދަށްކޮށް ފެނުނީ،" އިންމަ ބުންޏެވެ.
ވިޔަންސާގެ ކޯޗު އަހުމަދު މުޖުތަބާ ފެސްކޯ ބުނީ އޭނާގެ ޓީމުން މެޗުގައި ދެއްކި ކުޅުމާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.
" ކުޅުމާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ. ވަރަށް ރަނގަޅު ކަންތައްތަކެއް ޓީމުގެ ތެރެއިން ފެނިގެން ދިޔަ. އެއީ ވަރަށް ރަނގަޅު ސައިނެއް ކަމަށް އަޅުގަނޑު ދެކެނީ ކުރިއަށް އޮތް މެޗުތަކަށް،" ފެސްކޯ ބުންޏެވެ.
ފެސްކޯ ބުނީ ވިޔަންސާއަކީ ތަޖުރިބާމަދު ކުޅުންތެރިން ގިނަ ޓީމެއް ކަމަށާއި އެ ކުޅުންތެރިންނަށް ވަގުތު ލިބޭ ވަރަކަށް ކުޅުން ރަނގަޅުކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި ވިޔަންސާގެ ކުޅުންތެރިން ދެއްކި ކުޅުމަށް ފެސްކޯ ވަނީ ވަރަށް ބޮޑަށް ތައުރީފްކޮށްފަ އެވެ.
ލީގުގައި މާދަމާ ކުޅޭ މެޗުގައި އޯލް ޔޫތު ލިންކޭޖް (އޭވައިއެލް)އާ ދެކޮޅަށް ނުކުންނާނީ ވިކްޓަރީ އެވެ.

ކުނި ވަސް ގަދަވެގެން ކުރި މުޒާހަރާ
0 comment