ދިރާގު ދިވެހި ލީގު

ދިރާގު ދިވެހި ލީގު: އޭވައިއެލް އަތުން ވިކްޓަރީ އަށް ފަސޭހަ މޮޅެއް

މުހައްމަދު ހަމްދޫން
13 މެއި 2012 18:47
  • ވިކްޓަރީގެ ކޮކީ (ކ) އާއި އުމެއިރު ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. --ހަވީރު ފޮޓޯ: މުހައްމަދު ވަހީދު

ދިރާގު ދިވެހި ލީގުގައި މިއަދު ހަވީރު އޭވައިއެލް އަތުން ފަސޭހަކަމާއެކު 4- 0 އިން ވިކްޓަރީ މޮޅުވެއްޖެ އެވެ.

ހުސެއިން ޝިމާޒް (ކޮކީ އާއި މުހައްމަދު އުމެއިރާއި އިބްރާހިމް ޝިނާޒް (ޝިނާ) އަދި ހަސަން އަދުހަމް (ސަޑޭ) ގެ ލަނޑުންތަކުން މޮޅުވެ ވިކްޓަރީ މިހާރު އޮތީ 10 ޕޮއިންޓާއެކު ތާވަލުގެ ދެ ވަނައިގަ އެވެ. ވިކްޓަރީއާ ޕޮއިންޓްގެ ގޮތުން ހަމަހަމަ ވިޔަސް އެއް ވަނައިގައި ނިއު ރޭޑިއަންޓްއޮތީ ލަނޑުގެ ތަފާތުންނެވެ. އޭވައިއެލް އޮތީ އެއް ޕޮއިންޓާއެކު ފުލުގަ އެވެ.

މިއަދުގެ މެޗުގެ ކުރީކޮޅު ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނުނުއިރު މެޗުގެ ފުރަތަމަ ފުރުސަތު ލިބިގެން ދިޔައީ 24 ވަނަ މިނެޓުގައި އޭވައިއެލް އަށެވެ. އެ ޓީމުގެ ތަޖުރިބާކާރު ފޯވާޑް އާދަމް ލަރީފް (ރޮނާ) އަށް ހުސްކޮށް ލިބުނު ބޯޅަ ހިފައިގެން ކުރި އަށް ދިޔައިރު ހުރަސް އަޅަން ހުރީ ވިކްޓަރީ ގޯލްކީޕަރު ލެވެންޓް ވަންލީ އެވެ. އެކަމަކު ގައުމީ ޓީމުގެ ކުރީގެ ފޯވާޑް ޖެހި ބޯޅަ ދިޔައީ ގޯލް ކައިރިން ބޭރަށެވެ. އޭގެ ހަތަރު މިނެޓު ފަހުން ވިކްޓަރީގެ ކޮކީ އަށް އޭރިއާ ތެރެއިން ހުސްކޮށް ލިބުނު ބޯޅަ ރަނގަޅަށް ފޮނުވާނުލެވުމުން އަމާޒުވީ އޭވައިއެލްގެ ގޯލްކީޕަރު އިބްރާހިމް ސިޔާދުގެ އަތަށެވެ.

ވިކްރީ އަށް ލީޑު ލިބުނީ 36 ވަނަ މިނެޓުގައި ހެންސީ އަވީލޯ ނެގި ހުރަސް އުމެއިރު ބޮލުން ގޯލަށް ވައްދާލުމުންނެވެ. އެ ޓީމުގެ ލީޑު ފުޅާވީ 44 ވަނަ މިނެޓުގައި އުމެއިރު ނެގި ހިލޭ ޖެހުމަކުން ޝިނާ ބޮލުން ޖެހި ލަނޑުންނެވެ.

ދެ ލަނޑުގެ ލީޑަކާއެކު ވިކްޓަރީ ދެ ވަނަ ހާފަށް ނުކުތް އިރު މި ހާފުގައި ބޮޑަށް ކޮންޓްރޯލްކުރީ ވިކްޓަރީ އެވެ. އެ ޓީމުގެ ތިން ވަނަ ލަނޑު ކޮކީ ޖެހީ 64 ވަނަ މިނެޓުގަ އެވެ. އެ ޓީމުގެ ހަތަރު ވަނަ ލަނޑު ސަޑޭ ޖެހީ އޭގެ ތިން މިނެޓު ފަހުންނެވެ. އޭވައިއެލްގެ ޑިފެންޑަރަކަށް ހެދުނު ގޯހަކުން އޭރިއާ ތެރެއަށް ހުރަސްވި ބޯޅަ ސާފުކޮށްލަން އޭވައިއެލްގެ ޑިފެންޑަރަކު މަސައްކަތްކުރި ނަމަވެސް ގޯލް ރޮނގު މަތިން ކަހަލަ ގޮތަކަށް ސަޑޭ ވަނީ އެ ބޯޅަ ގޯލަށް ވައްދާލައިފަ އެވެ.

ވިކްޓަރީގެ ކޯޗު މުހައްމަދު ނަޒީހު ބުނީ ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށާއި އެކަމަކު ލިބުނު ފުރުސަތުތަކަށް ބަލާއިރު ޖެހުނު ލަނޑުގެ އަދަދު މަދު ކަމަށެވެ.

"ފުރަތަމަ ހާފުގައި ކުޅުން ދަށްކޮށް ދިޔައީ. އެކަމަކު ދެ ވަނަ ހާފުގައި ކުޅުން ރަނގަޅު ވެގެން ދިޔަ. ކުޅުމާ މެދު ޖުމްލަކޮށް ހިތްހަމަޖެހޭ. އެކަމަކު ލިބުނު ފުރުސަތަށް ބަލާއިރު ނަތީޖާއާ މެދު އެހާ ހިތްހަމަނުޖެހޭ،" ވިކްޓަރީ އާއި ނިއު އަދި ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު ބުންޏެވެ.

އޭނާ ބުނީ ލިބުނު ކޮންމެ ތިން ފުރުސަތަކުން އެއް ފުރުސަތު ބޭނުންކުރި ކަމަށާއި އެހެންކަމުން ފުރަތަމަ ހާފުގައި ކުޅުން ރަނގަޅު ނަމަ މިއަށް ވުރެ ގިނަ ލަނޑު ޖެހުމުގެ ފުރުސަތު އޮތް ކަމަށެވެ.

އޭވައިއެލްގެ ކޯޗު އަހުމަދު އާތިފް (އާތީ) ބުނީ އޭނާގެ ޓީމުން ފުރަތަމަ ކޮޅު ރަނގަޅަށް ކުޅުނު ކަމަށާއި ނަމަވެސް ވިކްޓަރީން ދެ ލަނޑު ޖެހުމުން ކުޅުން ރޫޅިގެންދިޔައީ ކަމަށެވެ.

"ފުރަތަމަ ވަރަށް ރަނގަޅަށް ކުޅުނު. އެކަމަކު ވިކްޓަރީން ދެ ލަނޑު ޖެހުމާއެކު އަހަރެމެންގެ ކުޅުންގަނޑު ރޫޅިގެން ދިޔައީ. ސްޓްރަކްޗާ ވެސް ގެއްލިގެން ދިޔައީ. އެއީ ހަމަ ވެދާނެ ކަމެއް،" އާތީ ބުންޏެވެ.

ލީގުގައި މާދަމާ ހަވީރު ބައްދަލުކުރާނީ ވީބީ އައްޑޫ އެފްސީ އާއި ވެލެންސިއާ އެވެ.

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި