ދިރާގު ދިވެހި ލީގު 2012

ވެލެންސިއާއާ އެއްވަރުވެ ވީބީ ހޫނު ފެނަށް

މުހައްމަދު ހަމްދޫން
15 މެއި 2012 00:11 16 ކޮމެންޓު
 • ވީބީ އާއި ވެލެންސިއާ މިއަދު ހަވީރު ކުޅުނު މެޗަށް ފަހު ވީބީގެ މެނޭޖަރު ސަތޯ (ވ- 2) މެޗުގެ ރެފްރީންނަށް ހިތްހަމަނުޖެހުން ފާޅުކުރަނީ. --ހަވީރު ފޮޓޯ: މުހައްމަދު ވަހީދު

 • ވީބީ އާއި ވެލެންސިއާ މިއަދު ހަވީރު ކުޅެނީ. --ހަވީރު ފޮޓޯ: މުހައްމަދު ވަހީދު

ދިރާގު ދިވެހި ލީގުގައި މިއަދު ހަވީރު ވެލެންސިއާއާ 2- 2 އިން އެއްވަރުވެ، މުބާރާތުގައި ވީބީ އައްޑޫ އެފްސީ ކުޅުނު ހަތަރު ވަނަ މެޗުން ވެސް މޮޅެއް ނުލިބި ނިންމާލައިފި އެވެ.

ވެލެންސިއާގެ ބިދޭސީ ފޯވާޑް މިކޭލް ސަލޮމަންގެ ދެ ލަނޑުން އެ ޓީމު 2- 1 އިން ކުރީގައި އޮވެ މެޗު ނިންމަންދަނިކޮށް ވީބީގެ އަޑޫ ޑެސްމޮންޑް މަންސާރޭ ވީބީ އަށް ނަތީޖާ ހަމަހަމަކޮށްދިން އިރު މެޗަށް ފަހު ވީބީގެ އޮފިޝަލުން ވަނީ ރެފްރީންނަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އެވަގުތު ވީބީގެ އޮފިޝަލަކު، އެފްއޭއެމްގެ ރެފްރީޒް ޑައިރެކްޓަރު މެލޭޝިއާގެ އާމިރު ޝަރަފުއްދީނަށް ހަމަލާ ދިން މަންޒަރު ވެސް ފެނިގެން ދިޔަ އެވެ.

ވީބީ އިން ސީޒަނުގައި މިހާތަނަށް 11 މެޗު ކުޅެފައިވާއިރު މޮޅުވެފައިވަނީ ޗެރިޓީ ޝީލްޑް މެޗުގައި ވިކްޓަރީ އަތުން އެކަންޏެވެ. ލީގުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން އެއް މެޗުން ބަލިވިއިރު އަނެއް ތިން މެޗު ނިމުނީ އެއްވަރުވެގެންނެވެ. އޭއެފްސީ ކަޕުގައި ހަ މެޗު ކުޅުނު އިރު ފަސް މެޗުން ބަލިވެ އެއް މެޗު އެއްވަރުވީ އެވެ. ލީގުގެ އެންމެ ފަހު ތިން އަހަރުގެ ޗެމްޕިއަން އޮތީ ތިން ޕޮއިންޓާއެކު ހަ ވަނައިގަ އެވެ. ވެލެންސިއާ އޮތީ ހަތަރު ޕޮއިންޓާއެކު ފަސް ވަނައިގަ އެވެ.

ސަލޮމޮން ވެލެންސިއާ އަށް ލީޑު ނަގައިދިނީ 11 ވަނަ މިނެޓުގައި ވީބީގެ ގޯލްކީޕަރު އިބްރާހިމް ޝިނާން (ނާނި) ކުރިއަށް އަރައި ހުއްޓާ ގޯލުގެ ތިރީ ކަނަށް ބޯޅަ ވައްދާލައިގެންނެވެ.

ވީބީން ނަތީޖާ ހަމަހަމަކުރި ލަނޑު އަބޫ ކާމިޔާބުކޮށްދިނީ 45 ވަނަ މިނެޓުގަ އެވެ. އަބޫ އޭރިއާ ތެރެއިން ފޮނުވާލި ބޯޅަ ދަނޑީގައި ޖެހިފައި ނުކުތް ވަގުތު ގޯލަށް ވަނީ ވެލެންސިއާގެ ގޯލްކީޕަރު އިބްރާހިމް އިފްރާހް އަރީފް ގައިގައި ޖެހިފަ އެވެ.

ދެ ވަނަ ހާފުގައި ލީޑު ނަގަން އަބޫ އާއި ޗާލްސް ރައިޓް ގަޔޭ އަށް ލިބުނު ދެ ފުރުސަތުގެ ހުރަހަކަށްވީ ވެލެންސިއާ ކީޕަރު އިފްރާހެވެ. އޭގެ ފަހުން ވެލެންސިއާގެ އަހުމަދު ވިޝާމް އޭރިއާ ބޭރުން ފޮނުވާލި ނުރައްކާތެރި ބޯޅަ ސަލާމަތްކުރީ ވީބީ ކީޕަރު ނާނި އެވެ.

ވެލެންސިއާ އަށް ސޮލޮމަން ދެ ވަނަ ފަހަރަށް ލީޑު ނަގައިދިނީ އިތުރު ވަގުގުގެ ގޮތުގައި ދެއްކި ހަތް މިނެޓު ފެށިތަނާ އެވެ. މި ލަނޑާއެކު ވެލެންސިއާ އިން މެޗު ނިންމަން ދަނިކޮށް މަންޒަރު ބަދަލުވީ ވެލެންސިއާގެ ކީޕަރު އިފްރާހަށް އަނިޔާވި ހިސާބުންނެވެ. އޭނާ އެ ބޯޅަ ބޭރަށް ޖަހައި ފަރުވާ ހޯދި އިރު އެއްލުން ލިބިފައި އޮތީ ވީބީ އަށެވެ. ވީބީން ފެއާ ޕްލޭ އަށް ވެލެންސިއާއަށް ބޯޅަ ދޫކޮށްލާނެ ކަމަށް އެއްމެން ނިންމައިގެން ތިއްބާ، ވީބީގެ އަހުމަދު ސައީދު (އައްމަޓީ) އެ ބޯޅަ އެއްލީ އަބޫ އަށެވެ. އަބޫ އެ ބޯޅަ ހިފައިގެން ގޮސް އޭރިއާ ބޭރުން ޖަހައި ގޯލަށް ވައްދާލީ އެވެ. އެ ބޯޅަ ފެއާ ޕްލޭ އުސޫލުން ވެލެންސިއާއަށް ދޫކޮށްލަން ވީބީ ބައެއް ކުޅުންތެރިން އެދުނު ނަމަވެސް އައްމަޓީ އެކަމާ ދެކޮޅު ހެދީ އެވެ.

މެޗު ނިމުމުން ވީބީގެ އޮފިޝަލުން ވަނީ ރެފްރީ އަހުމަދު އަފްސަހު އިތުރު ވަގުތު ހަމަނުކޮށް މެޗު ނިންމާލީ ކަމަށް ބުނެ އޭނާ ވަށާލާފަ އެވެ. ވީބީގެ މެނޭޖަރު އިބްރާހިމް ރަޝީދު (ސަތޯ) އަފްސަހުއާ ފަހަތުން ޓަނެލް ތެރެއަށް ވަން ވަގުތު އޭނާ ހިފެހެއްޓީ އެ ޓީމުގެ ބޯޑް މެމްބަރު މުހައްމަދު ޝަވީދު އެވެ. އަދި އެ ވަގުތު އެތަނަށް އައި ރެފްރީޒް ޑައިރެކްޓަރު އާމިރުގެ ފައިގައި ވީބީގެ އޮފިޝަލަކު ކޮޅުފައިން ޖެހި ތަން ފެނުނެވެ. ވީބީގެ އޮފިޝަލުން ދުރުކުރަން އެތަނަށް ވަން އެހެން އޮފިޝަލަކު ވަނީ އެފްއޭއެމްގެ ހަސަން ނިޒާރު (ލައްޓި ބޮޑޭ) އަށް ވެސް ހަމަލާ ދީފަ އެވެ.

ރެފްރީ ވަގުތު ހަމަނުވަނީސް މެޗު ނިންމާލި ކަމަށް ވީބީން ބުނި ނަމަވެސް ރޭޑިއޯ ކޮމެންޓްރީ ބޮކްސް އަދި ބައެއް ނޫސްވެރިން ބޭނުންކުރި ގަޑިން ވެސް، އިތުރު ވަގުތުގެ ހަތް މިނެޓު ކުޅެވި އިތުރަށް 40 ސިކުންތު ވެސް ވަނީ ހިނގާފަ އެވެ.

ވީބީގެ ކޯޗު ޖޭން ވަންލީ ބުނީ ބަލިވުމުގެ ޒިންމާ އެއްވެސް މީހެއްގެ ބޮލުގައި އަޅުވަން ބޭނުން ނޫން ކަމަށައި އެކަމަކު ރެފްރީން އުސޫލުތަކަށް ތަބާވާން ޖެހޭ ކަމަށެވެ.

"އަހަރެމެންނަށް ފުރަތަމަ ހާފުގައި ނުކުޅެވުނު. ދެ ވަނަ ހާފުގައި ރަނގަޅުކޮށް ފުރުސަތު ތަނަވަސްކުރިން. އެކަމަކު ހަގީގަތުގައި އިތުރު އަސަރެއް މެޗަށް ފޯރި. އަހަރެން ބޭނުމެއް ނޫން އެއްވެސް މީހެއް ބަދުނާމް ކުރަން. އެކަމަކު ރެފްރީން އެބަޖެހޭ ގަވާއިދުތަކަށް ތަބާވާން. އަހަރެމެންނަށް ދޭން ޖެހޭ ޕެނަލްޓީއެއް ނުދީ ރެފްރީ ދޫކޮށްލި. އޭރު ލައިންސްމަން ދިދަ ނަގައިގެން ހުރީ ވެސް. އަނެއްކާ ވެލެންސިއާގެ 22 ނަމްބަރަށް ރީނދޫ ކާޑެއް ދައްކާފައިވަނިކޮށް އޭނާ އަނެއްކާ އެވަރުގެ ފައުލެއް ކުރި. އެކަމަކު ރެފްރީ އަޅާނުލާ. އިތުރު ވަގުތުގެ ގޮތުގައި ކުޅުވީ ވެސް ހަތަރު މިނެޓު. ކީއްވެ ރެފްރީ އިދިކޮޅު ޓީމަށް އެޑްވާންޓޭޖް ދިނީ،" ވަންލީ ބުންޏެވެ.

އޭނާ ބުނީ ވީބީގެ މުޅި ޓީމަށް ވެސް ނުކުޅެވޭ ކަމަށާއި ޓީމުގެ ކުޅުންގަނޑުގައި މައްސަލަތަކެއް އުޅޭ ކަމަށެވެ. އަދި ޓީމުގައި އެހެން މައްސަލަތަކެއް އުޅޭކަމަށް ވެސް ވަންލީ ބުންޏެވެ.

"މިއީ އެ މައްސަލަތަކުގެ ވާހަކަ ކިޔައިދޭން ޖެހޭ ތަނެއް ނޫން. އެކަމަކު މައްސަލަތަކެއް އެބައުޅޭ. ކޮންމެ ރަނގަޅު އާއިލާއެއްގައި ވެސް މައްސަލަތަކެއް އުޅޭނެ. ބޯޑް މެމްބަރުން މަސައްކަތްކުރޭ އެކަންތައް ހައްލުކުރަން. އެހެންވެ އަހަންނަށް އުއްމީދު އެބައޮތް އެކަންތައް ރަނގަޅުވާނެ ކަމަށް. ނަމަވެސް މިއަދު އަނެއްކާ މުހިއްމު ދެ ޕޮއިންޓް ގެއްލުނީ. މިއީ ދެރަ މައްސަލައެއް،" ވަންލީ ބުންޏެވެ. "ޓީމުގެ ހުރިހާ ކުޅުންތެރިންނަށް ނުކުޅެވި މިދިޔައީ. ފޯވާޑް ލައިނާއި ޑިފެންސް ލައިނުގައި ވެސް މައްސަލަތަކެއް އެބައުޅޭ."

ވެލެންސިއާގެ ކޯޗު މުހައްމަދު އިގްބާލް ބުނީ އެންމެ ފަހުން ކުޅުނު ދެ މެޗަށް ވުރެ ކުޅުން ދަށް ކަމަށާއި ނަމަވެސް ލިބުނު ފުރުސަތުތައް ބޭނުންކުރެވުނު ނަމަ މޮޅުވެވުނީސް ކަމަށެވެ.

"ފުރުސަތު ލިބި ނުޖެހި މި ދަނީ. ކުރީ ދެ މެޗަށް ވުރެ ޕާފޯމަންސް ދަށް. އެކަމަކު ލިބުނު ފުރުސަތުތަކުގެ ބޭނުން ކުރެވުނު ނަމަ މޮޅުވެވުނީސް. ކޮޅަށް ވަން ދެ ލަނޑުގެ ތެރެއިން ފަހު ލަނޑު ވަނީ އިތުރު ވަގުތުގައި. ވަރަށް ބަދުނަސީބުކޮށް ދިޔައީ. އެކަމަކު އެއް ޕޮއިންޓާމެދު ވެސް ހިތްހަމަޖެހޭ،" އިގްބާލް ބުންޏެވެ.

ވީބީ އިން ފެއާޕްލޭ އަށް ދޫނޫކޮށް، ދެ ވަނަ ލަނޑު ޖެހުމާ ބެހޭގޮތުން ސުވާލުކުރުމުން އިގްބާލް ބުނީ ވީބީ އޮތީ ވަރަށް ހާލުގައި ކަމަށާއި އެހެންކަމުން އެއީ ވެދާނެ ކަމެއް ކަމަށެވެ. އަދި އެ ހާލަތު ވެލެންސިއާ އަށް ދިމާވެފައި އޮތް ނަމަވެސް އެ ބޯޅަ ބޭނުންކޮށްފާނެ ކަމަށާއި އިދިކޮޅު ޓީމުން އެކަމަށް ސަމާލުކަން ދޭން ޖެހޭ ކަމަށެވެ.

ކިޔުންތެރިންގެ އިހުސާސް: މިއާޓިކަލް ކިޔާލުމުން ކުރެވުނީ ކޮން އިހުސާސެއް؟

 • 0%
  ދެރަވި
 • 0%
  އުފާވި
 • 0%
  ރުޅިއައި
 • 0%
  މައުލޫމާތު މުއްސަނދިވި

16 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait