ދިރާގު ދިވެހި ލީގު

މާޒިޔާ އަތުން އޭވައިއެލް އަށް މޮޅެއް

މުހައްމަދު ހަމްދޫން
17 މެއި 2012 19:31 2 ކޮމެންޓު
  • މާޒިޔާ ކޮޅަށް މިއަދު ހަވީރު ލަނޑު ޖެހުމަށް ފަހު އޭވައިއެލްގެ ކުޅުންތެރިން އުފާފާޅުކުރަނީ. --ހަވީރު ފޮޓޯ: މުހައްމަދު ވަހީދު

  • މާޒިޔާ ކޮޅަށް މިއަދު ހަވީރު ލަނޑު ޖެހުމަށް ފަހު އޭވައިއެލްގެ ކުޅުންތެރިން އުފާފާޅުކުރަނީ. --ހަވީރު ފޮޓޯ: މުހައްމަދު ވަހީދު

ދިރާގު ދިވެހި ލީގުގައި މިއަދު ހަވީރު މާޒިޔާ އަތުން 2- 1 އިން އޭވައިއެލް މޮޅުވެއްޖެ އެވެ.

މި މޮޅާއެކު ވެސް އޭވައިއެލް އޮތީ ހަތަރު ޕޮއިންޓާއެކު ހަ ވަނައިގަ އެވެ. މާޒިޔާ އޮތީ ހަތް ޕޮއިންޓާއެކު ތިން ވަނައިގަ އެވެ.

މެޗުގައި މިއަދު ފުރަތަމަ ލީޑު ނެގީ އޭވައިއެލް އިންނެވެ. ފުރަތަމަ ހާފުގެ ފަހު މިނެޓުގައި އެ ޓީމަށް ލަނޑު ޖަހައިދިނީ އަހުމަދު އަޝްރަފް ޔޫސުފް ދިން ޕާހަކުން އަބްދުﷲ މުއާޒް (އޮޓޯ) އެވެ. އޭގެ ކުރިން 13 ވަނަ މިނެޓުގައި އެ ޓީމުގެ އަލީ ޒުބައިރު ފޮނުވާލި ނުރައްކާތެރި ހިލޭ ޖެހުން އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

މާޒިޔާ އަށް ވަނީ ދެ ވަނަ ހާފުގެ ދެ ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އަހުމަދު ރަޝީދު (އައްމަޑޭ) ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. މިއީ އޭވައިއެލްގެ މުހައްމަދު ޔާމީންގެ އަތުގައި ޕެނަލްޓީ އޭރިއާ ތެރެއިން ބޯޅަ ޖެހުމުން ރެފްރީ އަހުމަދު އަސްލަމް ދިން ޕެނަލްޓީ އެކެވެ. އޭގެ ތިން މިނެޓު ފަހުން ލީޑު ނަގަން މާޒިޔާގެ އަސަދުﷲ އަބްދުﷲ އަށް ރަނުގެ ފުރުސަތެއް ލިބުނު ނަމަވެސް ޕެނަލްޓީ އޭރިއާ ތެރެއިން އޭނާ ބޮލުން ފޮނުވާލި ބޯޅަ ޖެހުނީ ގޯލް ދަނޑީގަ އެވެ.

އޭވައިއެލް މޮޅުވި ލަނޑު 68 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މުހައްމަދު ޝައުޔާ އެވެ. މިއީ ހާފުގެ މެދުރެއިން އޭނާ ފޮނުވާލި ބޯޅައެކެވެ. މެޗުގެ 85 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކުރަން މާޒިޔާގެ މުހައްމަދު ތަސްނީމް އަށް ފުރުސަތު ލިބުނު ނަމަވެސް އޭރިއާ ތެރެއިން ފޮނުވާލި ބޯޅަ ދިޔައީ ގޯލް ދަނޑި ކައިރިން ބޭރަށެވެ.

މާޒިޔާގެ ކޯޗު އިސްމާއިލް މަހެފޫޒް (އިންމަ) ބުނީ ގެއްލުނީ މުހިންމު ތިން ޕޮއިންޓް ކަމަށާއި މިއީ ލިބުނު ފުރުސަތުތަކުގެ ބޭނުންނުކުރެވުމުގެ އަދަބު ކަމަށެވެ.

"ލީގުގައި ކުރިއަށް ދިއުމަށް ބަލާއިރު މި ގެއްލުނީ މުހިންމު ތިން ޕޮއިންޓް. މިއަދު ދިމާވި މައްސަލައަކީ ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވުން. އަހަރެމެން އަތުގައި ގޭމް އޮތީ ވެސް. އެކަމަކު ލަނޑު ޖަހަން ލިބި ބޭނުންނުކުރެވުމުން އަދަބު ލިބުނީ،" އިންމަ ބުންޏެވެ.

އޭނާ ބުނީ ޓީމުގެ ބައެއް މުހިއްމު ކުޅުންތެރިންގެ ޕާފޯމަންސް ދަށް ކަމަށެވެ.

އޭވައިއެލްގެ ކޯޗު އަހުމަދު އާތިފް (އާތީ) ބުނީ ތިން ޕޮއިންޓް ލިބުމުން ބޮޑު ހިތްހަމަޖެހުމެއް ލިބިއްޖެ ކަމަށާއި ކުޅުމާ ދޭތެރޭ ވެސް ހިތްހަމަޖެހޭ ކަމަށެވެ.

"ކޮންމެ ޓީމެއްގެ އަތުން ވެސް ލީގެއްގައި ތިން ޕޮއިންޓް ލިބުމަކީ ބޮޑު އުފަލެއް. ޓީމުގެ ޕާފޯމަންސާ ދޭތެރޭ ވެސް ވަރަށް ހިތްހަމަޖެހޭ،" އާތީ ބުންޏެވެ.

ލީގުގައި ހުކުރު ދުވަހު ހަވީރު ވީބީ އައްޑޫ އެފްސީ އާއި އީގަލްސް ވާދަކުރާއިރު ހޮނިހިރު ދުވަހު ހަވީރު އޮންނާނީ ވިކްޓަރީ އާއި ވެލެންސިއާގެ މެޗެވެ. އަދި އާދީއްތަ ދުވަހު ހަވީރު ވާދަކުރާނީ ނިއު ރޭޑިއަންޓާއި ވިޔަންސާ އެވެ.

2 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait