ދިރާގު ދިވެހި ލީގު 2012

ލީގުގައި ފުރަތަމަ ފަހަރަށް ވީބީ މޮޅެއް ހޯދައިފި

މުހައްމަދު ހަމްދޫން
18 މެއި 2012 22:26 4 ކޮމެންޓު
 • ވީބީގެ އަބޫ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ: އޭނާ ހަތަރު ލަނޑު ޖެހި. --ހަވީރު ފޮޓޯ: މުހައްމަދު ވަހީދު

ކްލަބް އީގަލްސް އަތުން 6- 3 އިން މޮޅުވެ ދިރާގު ދިވެހި ލީގުގައި މި ސީޒަނުގައި ވީބީ އައްޑޫ އެފްސީ ފުރަތަމަ ފަހަރަށް މޮޅެއް ހޯދައިފި އެވެ.

މިއަދު ހަވީރު ކުޅުނު މި މެޗުގައި ވީބީގެ ސިއެރަލިއޯން ފޯވާޑް އަބޫ ޑެސްމޮންޑް މަންސާރޭ ހަތަރު ލަނޑު ޖެހިއިރު ދެން ލަނޑު ޖަހައިދިނީ އަހުމަދު ނާޝިދު (ނާއްޓޭ) އާއި ހަސަން ސޮލާހެވެ. މި މޮޅާއެކު ހަ ޕޮއިންޓް ހަމަކޮށް ވީބީ ވަނީ ތާވަލުގެ ހަތަރު ވަނަ އަށް އަރައިފަ އެވެ. އީގަލްސް އޮތީ ފަސް ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ.

ވީބީން ލީޑު ނެގީ ހަ ވަނަ މިނެޓުގައި ނާއްޓޭ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އެ ޓީމުގެ ލީޑު 16 ވަނަ މިނެޓުގައި ފުޅާކޮށްދިނީ އަބޫ އެވެ. އޭގެ ފަހުން 32 ވަނަ މިނެޓުގައި އީގަލްސްގެ އަހުމަދު އިމާޒް (އާއްކޮ) ލަނޑެއް ޖެހި އިރު، 36 ވަނަ މިނެޓުގައި ވީބީގެ އަބޫ ވަނީ އިތުރު ލަނޑެއް ޖަހައި ނަތީޖާ 3- 1 އަށް ބަދަލުކޮށްފަ އެވެ.

ދެ ވަނަ ހާފު ފަށައިގެން ފަސް ވަނަ މިނެޓުގައި އީގަލްސްގެ މުހައްމަދު އާރިފް (ބަކާ) އޭރިއާ ބޭރުން ޖަހައި ގޯލަށް ބޯޅަ ވައްދާލައި ތަފާތު ކުޑަކުރި އެވެ. ދެން ފެނިގެން ދިޔައީ އަބޫގެ ދެ ލަނޑެވެ. އެއީ 53 ވަނަ މިނެޓާއި 69 ވަނަ މިނެޓުގަ އެވެ. އީގަލްސްގެ ތިން ވަނަ ލަނޑު 77 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް އާއްކޮ އެވެ. މިއީ ވެސް އޭރިއާ ބޭރުން ގޯލަށް ވައްދާލި ބޯޅައެކެވެ. ވީބީގެ ހަ ވަނަ ލަނޑު ސޮލާހު ކާމިޔާބުކޮށްދިނީ 90 ވަނަ މިނެޓުގަ އެވެ.

ވީބީގެ ކޯޗު ޖޭން ވަންލީ ބުނީ ކުޅުންތެރިން ދެއްކި ޓީމު ރޫހާއި ކުރި މަސައްކަތަށް ޝުކުރުވެރިވާ ކަމަށާއި މިއީ ފެށުމެއް ކަމަށެވެ.

"އަހަރެން ބޭނުން ކުޅުންތެރިންނަށް ޝުކުރުއަދާކުރަން. ޓީމު ރޫހުގައި ކުޅެ އެ ކުޅުންތެރިން ވަރަށް ބޮޑަށް މަސައްކަތްކުރިތަން ފެނިގެން ދިޔަ. އެއްގޮތަކަށް ވެސް ދުލެއް ނުދީ އަހަރެމެންގެ ގޭމް ޕްލޭނާ އެއްގޮތަށް ކުޅުނު،" އުފާވެފައި ހުރި ވަންލީ ބުންޏެވެ.

އޭނާ ބުނީ އަބޫގެ ކުޅުން ވަރަށް ރަނގަޅު ކަމަށާއި އަދި ކުރީ މެޗުތަކާ ބަލާއިރު ލައިބީރިއާގެ ފޯވާޑް ޗާލްސް ރައިޓް ގަޔޭ ވެސް ކުރިއެރުން ހޯދާފައިވާ ކަމަށެވެ. އަދި މި މޮޅާއެކު ކުޅުންތެރިންނަށް އިތުބާރު ލިބޭނެ ކަމަށް ވެސް ތުރުކީ އަށް އުފަން ކޯޗު ބުންޏެވެ.

"މީގެ ސަބަބުން ކުޅުންތެރިންގެ އިތުބާރު ބޮޑުވާނެ. އަހަރެމެންނަށް ހަގީގަތުގައި ލީގުގައި ލިބުނީ ގޯސް ފެށުމެއް. އެކަމަކު މި މެޗުން އެނގިއްޖެ އަހަރެމެނަށް ކުޅެވޭނެކަން ގޭމް ޕްލޭނާ އެއްގޮތަށް. އަހަންނަށް ޔަގީން ޓީމު ލީގުގައި ކުރިއަށްދާނެ ކަން،" ވަންލީ ބުންޏެވެ.

އޭނާ ބުނީ ކުރީ މެޗުތަކުގައި ލިބުނު ދަށް ނަތީޖާތަކަށް ބަހަނާ ދައްކަން ބޭނުން ނޫން ކަމަށާއި ނަމަވެސް އޭއެފްސީ ކަޕް މެޗުތައް ރޭގަނޑު ކުޅެފައި ލީގުގެ މެޗުތައް ހަވީރު ގަދައަވީގައި ކުޅެން ޖެހުމުން މައްސަލަތަކެއް ދިމާވި ކަމަށެވެ.

"އަހަރެން މި ވާހަކަ ކުރިން ބުނި ނަމަ ކަލޭމެން ބުނާނެ އަހަރެން ބަހަނާ ދައްކަނީއޭ. އަހަރެން ހުރީ މި ވާހަކަ ބުނަން މި ވަގުތަށް އިންތިޒާރުކޮށްގެން،" ވަންލީ ބުންޏެވެ.

އީގަލްސްގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ބުނީ މިއީ އޭނާ ހަވާލުވެގެން އެ ޓީމު ކުޅުން އެންމެ ދަށް މެޗު ކަމަށާއި ގިނަ ލަނޑުތަކެއް ވަނީ ޓީމު މާބޮޑަށް އޯޕަންކޮށް ކުޅުމުން ކަމަށް ވެދާނެ ކަމަށެވެ.

"އަޅުގަނޑުމެން ތިން ޕޮއިންޓް ހޯދަން މާބޮޑަށް އޯޕަންކޮށް އެޓޭކަށް ވިސްނީމާ ކަމަށް ވެދާނެ ލަނޑުތަކެއް ވަނީ. މިއީ އަޅުގަނޑު ހަވާލުވެގެން ޓީމު އެންމެ ދަށްކޮށް ކުޅުނު މެޗު. ބައެއް ކުޅުންތެރިން ވަރަށް ވަރުބަލިކޮށް ފެނުނީ،" ސާންތީ ބުންޏެވެ.

އޭނާ ބުނީ ފޯވާޑުންގެ ޒިންމާ އަދާކުރި ކަމަށާއި އެކަމަކު ޑިފެންސް ލައިނާއި ގޯލްކީޕަރުގެ ކުޅުން ދަށް ކަމަށެވެ.

"މިއަދު ޑިފެންސް ލައިނާއި ގޯލްކީޕަރު ކުޅުން ވަރަށް ދަށްކޮށް ދިޔައީ. ވީބީން ޖަހާއިރަށް އަޅުގަނޑުމެން ލަނޑު ޖަހައި ތަފާތު ކުޑަކުރިން. އެކަމަކު ފަހަތަށްދާ ހުރިހާ ބޯޅައެއް ވަންނަންޏާ މައްސަލައެއްތާ. ފޯވާޑުން މަސައްކަތްކުރި ތަފާތު ކުޑަކުރަން އެކަމަކު ފަހަތަށް ދިޔަ ބޯޅަތައް ގޯލަށް ވަދެގެން މައްސަލަ ދިމާވީ،" ސާންތީ ބުންޏެވެ.

ލީގުގައި ހޮނިހިރު ދުވަހު ހަވީރު ވިކްޓަރީ އާއި ވެލެންސިއާ ކުޅޭއިރު އާދީއްތަ ދުވަހު އޮންނާނީ ނިއު ރޭޑިއަންޓާއި ވިޔަންސާގެ މެޗެވެ.

ކިޔުންތެރިންގެ އިހުސާސް: މިއާޓިކަލް ކިޔާލުމުން ކުރެވުނީ ކޮން އިހުސާސެއް؟

 • 0%
  ދެރަވި
 • 0%
  އުފާވި
 • 0%
  ރުޅިއައި
 • 0%
  މައުލޫމާތު މުއްސަނދިވި

4 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait