ދިރާގު ދިވެހި ލީގު 2012

އުމެއިރުގެ ހަތަރު ލަނޑާއެކު ވެލެންސިއާ އަތުން ވިކްޓަރީ މޮޅުވެއްޖެ

ހަސަން ޝިފާން
ހަވީރު ނިއުސް ސާވިސް، 19 މެއި 2012 19:55 8 ކޮމެންޓު
  • ވިކްޓްރީ އަށް މިއަދު ހަތަރު ލަނޑު ޖަހައިދިން އުމެއިރު: އޭނާގެ ލަނޑުތަކާ އެކު ވެލެންސިއާ އަތުން މޮޅުވީ 5-1 އިން. -- ހަވީރު ފޮޓޯ: މުހައްމަދު ވަހީދު

  • ވިކްޓްރީގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު މިއަދު އުފާ ފާޅުކުރަނީ: ވެލެންސިއާ އަތުން މޮޅުވީ 5-1 އިން. -- ހަވީރު ފޮޓޯ: މުހައްމަދު ވަހީދު

ވިކްޓަރީގެ މުހައްމަދު އުމެއިރު ކާމިޔާބުކުރި ހަތަރު ލަނޑާއެކު އެ ޓީމު މިއަދު ކްލަބް ވެލެންސިއާ އަތުން 5- 1 އިން މޮޅުވެއްޖެ އެވެ.

ދިރާގު ދިވެހި ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގެ 12 ވަނަ މިނިޓުގައި ވެލެންސިއާގެ ބެނިން ފޯވަޑް މައިކަލް ވިސްޑަމް ސަލޮމޮން އެ ޓީމަށް ލީޑު ހޯދައިދިން ނަމަވެސް މެޗުގެ 36 ވަނަ މިނިޓުގައި އުމެއިރު ވަނީ ވިކްޓަރީ އަށް މެޗުގެ ނަތީޖާ ހަމަހަކޮށްދީފަ އެވެ. އަދި ދެވަނަ ހާފުގައި އުމެއިރު ތިން ލަނޑު ކާމިޔާބުކުރިއިރު، ވިކްޓަރީގެ ކެޕްޓަން އަހުމަދު ޝާފިއު (ޝާފީ) ވެސް ވަނީ ލަނޑު ޖަހައިފަ އެވެ.

މެޗުން މޮޅުވެ ވިކްޓަރީ މި ވަގުތު ތާވަލްގެ އެއްވަނައިގައި އޮތީ 13 ޕޮއިންޓާއެކު އެވެ. ދެވަނައިގައި 10 ޕޮއިންޓާއެކު އޮތީ ނިއު ރޭޑިއަންޓެވެ. ލީގުގައި މާދަމާ ވިޔަންސާއާ ދެކޮޅަށް ނިއު ނުކުންނާނެ އެވެ. ލީގުގެ ތިން ވަނައިގައި މާޒިޔާ އޮތްއިރު ހަތަރު ވަނައިގައި އޮތީ ވީބީ އައްޑޫ އެފްސީ އެވެ. ވެލެންސިއާ ތާވަލްގެ ހަތް ވަނައިގައި އޮތީ ހަތަރު ޕޮއިންޓާއެކު އެވެ.

މެޗަށް ފަހު ވިކްޓްރީގެ ކޯޗު މުހައްމަދު ނަޒީހު ބުނީ ވެލެންސިއާ އިން ލީޑު ނެގި ނަމަވެސް މެޗުން މޮޅުވެވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އޮތް ކަމަށެވެ. އަދި މެޗުގެ ނަތީޖާއާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށް ބުންޏެވެ.

"ވަރަށް ޔަގީންކަމާއެކީ ކުޅުނީ. އެ ގޯލް ޖެހީމަ ވެސް އެއްގޮތަކަށް ވެސް ގޯލެއް ޖެހި އިހުސާސްތަކެއް ނުކުރެވުނު. އެހެންވީމަ ކަންނޭނގެ. ބެކްފުޓަށް އައިސްގެން އެގޮތަކަށް ކުޅުނީކީ ނޫން. ގޯލް ޖެހީ ވެސް ކުރިއަށް އެޓޭކްކުރަނިކޮށް އައި ބޯޅައެއްގަ. އަނެއްހެން ވެލެންސިއާ އަކަށް ނަމަކާ ނޫން ވިކްޓަރީ ކުޅުނީ. ވިކްޓަރީ ކުޅުނީ ވެލެންސިއާގެ އަރާ ތިބި ކުޅުންތެރިންނަށް ބަލާފައި އެމީހުންގެ ލެވެލް އަށް ތައްޔާރުވެގެން ނުކުމެ ކުޅުނީ،" ނަޒީހު ބުންޏެވެ. " ވެލެންސިއާ ތަންކޮޅެއް ރަނގަޅު ޓީމެއް. އިންޑިވިޑުއަލް ކުޅުންތެރިންނަށް ބަލާއިރު ފޮރިން ޕްލޭޔަރުން ވެސް އެމީހުން ރަނގަޅު. އަހަރެމެން ކުރިން ކުޅުނު އައިލް ޓީމަށްވުރެ. ދަހިވާނެ ކޮންމެ ކޯޗެއް ވެސް. އެކަތި ދޭތިވަރު މަދޭ ބުނާނީ."

ނަޒީހު ބުނީ ވިކްޓަރީ އަށް ހަތަރު ލަނޑު ޖަހައިދިން އުމެއިރުގެ ފަރާތުން ފެނުނީ ވަރަށް މޮޅު ކުޅުމެއް ކަމަށާއި ހުނަރުގެ އިތުރުން އުމެއިރަކީ "ވަރަށް ސިކުނޑި ރަނގަޅު ކުޅުންތެރިއެއް" ކަމަށެވެ.

ވެލެންސިއާގެ ކޯޗު މުހައްމަދު އިގުބާލް ބުނީ ވެލެންސިއާ އަށް ލީޑު ނެގުމަށް ފަހު ރަނގަޅަށް ނުކުޅެވުނު ކަމަށެވެ. އަދި ވިކްޓަރީ އަކީ ހުރިހާ ޑިޕާޓްމަންޓަކަށް ބެލި ނަމަވެސް ރާއްޖޭގައި މި ވަގުތު އޮތް އެންމެ "ބެލެންސް ޓީމު" ކަމަށާއި ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ވިކްޓަރީއާ ދެކޮޅަށް ކުޅުމަކީ ފަސޭހަކަމެއް ނޫން ކަމަށެވެ.

މެޗުގެ 12 ވަނަ މިނިޓުގައި ވެލެންސިއާ ލީޑު ނެގީ ވިކްޓަރީގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުސްކޮށްހުރެ ސަލޮމޮން ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.

އުމެއިރު ވިކްޓަރީ އަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިނީ ކުރިން ވެލެންސިއާ އަށް ކުޅުނު ކެމަރޫންގެ ފޯވަޑް ހަންސްލޭ އަވީލޯ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ގޯލު ތެރެއަށް ފޮނުވާލައިގެންނެވެ.

މެޗުގެ 63 ވަނަ މިނިޓުގައި ވިކްޓަރީ އަށް ލީޑު ހޯދައިދިނީ ވެސް އުމެއިރެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ހަސަން އަދުހަމް (ސަޑޭ) ވެލެންސިއާގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ އުމެއިރު ވަނީ ގޯލުގެ ތެރެއަށް ވައްދާލައިފަ އެވެ. އަދި 68 ވަނަ މިނިޓުގައި ވިކްޓަރީގެ ކެޕްޓަން ޝާފީ ވަނީ އެ ޓީމު ލީޑު ފުޅާކޮށްދީފަ އެވެ. ދެވަނަ ހާފުގައި ކުޅެންއަރައި މޮޅު ކުޅުމެއް ދެއްކި ސަޑޭ ވެލެންސިއާގެ ޕެނަލްޓީ އޭރިޔާ ބޭރުން ފޮނުވާލި ޝޮޓް ވެލެންސިއާގެ ގޯލްކީޕަރު އިބްރާހިމް އިފްރާހް އަރީފަށް ޕަންޗްކުރެވުނީ އޭރިޔާ ތެރޭގައި ހުރި ޝާފީގެ ފައި ބުނޑަށެވެ. އެ ބޯޅަ ކޮންޓުރޯލްކޮށްލުމަށް ފަހު ޝާފީ ވަނީ ގޯލުގެ ތެރެއަށް ވައްދާލައިފަ އެވެ.

އުމެއިރު ހެޓްރިކް ހެދީ މެޗުގެ 73 ވަނަ މިނިޓްގަ އެވެ. ވެލެންސިއާގެ ޑިފެންސް ފޫއަޅުވާލުމަށް ފަހު ސަޑޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި ވެލެންސިއާގެ އޭރިޔާ ތެރެއިން އެ ޓީމުގެ ޑިފެންޑަރެއް ކައިރިން ނައްޓާލުމަށް ފަހު އުމެއިރު ވަނީ ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައިފަ އެވެ. އުމެއިރު ވިކްޓަރީގެ ފަހު ލަނޑު ކާމިޔާބުކުރީ މެޗުގެ ފަހު މިނިޓުގަ އެވެ.

8 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait