ދިރާގު ދިވެހި ލީގު 2012

ވިޔަންސާ އިން ނިއު ހިފަހައްޓައިފި

ހަސަން ޝިފާން
20 މެއި 2012 21:20 10 ކޮމެންޓު
 • ނިއުގެ ދަގަނޑޭ )މ( އަތުން ބޯޅަ ހޯދުމަށް ވިޔަންސާގެ ދެ ކުޅުންތެރިން މަސައްކަތްކުރަނީ: މި މެޗު ނިމުނީ ލަނޑެއް ނުޖެހި ދެ ޓީމު އެއްވަރުވެގެން. -- ހަވީރު ފޮޓޯ / މުހައްމަދު ވަހީދު

ދިރާގު ދިވެހި ލީގުގައި މިއަދު ހަވީރު ނިއު ރޭޑިއަންޓާއި ވިޔަންސާ ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެއްޖެ އެވެ.

ޖެހިޖެހިގެން ދެވަނަ މެޗުން އެއްވަރުވެ، ނިއު އޮތީ 11 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގަ އެވެ. ތާވަލްގެ އެއްވަނައިގައި އޮތީ ހުކުރުދުވަހު ނިއުއާ ދެކޮޅަށް ނުކުންނަ ވިކްޓަރީ އެވެ. ވިކްޓަރީ އޮތީ 13 ޕޮއިންޓާއެކު އެވެ. ވިޔަންސާ އަށް ނިއު އަތުން މުހިންމު ޕޮއިންޓެއް ގެއްލުނު ނަމަވެސް، އެ ޓީމު ތިން ޕޮއިންޓާއެކު އޮތީ ތާވަަލްގެ ފުލުގަ އެވެ.

މެޗުގައި ނިއު އަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްވި ނަމަވެސް، ވިޔަންސާގެ ގޯލަށް ނިއުގެ ތަޖުރިބާކާރު ފޯވަޑުންނަށް ބޯޅަ ފޮނުވާލެވޭ ގޮތެއްނުވި އެވެ.

މެޗަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ނިއުގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ މެޗުގައި ނިއުގެ ފަރާތުން ކުޅުނު ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށާއި މައްސަލައަކީ މެޗުގައި ނިއު އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވުން ކަމަށެވެ.

"ކުޅުން ގޯހެއް ނޫން ކަންނޭނގެ. ފުދޭވަރަކަށް ރަނގަޅަށް ބޯޅަ ކުޅުނު ދުވަހެއް ކަމަށް އަޅުގަނޑަކަށް ފާހަގަކުރެވުނީ. އެހެން ނަމަވެސް ލިބުނު ޗާންސްތަކުގެ ބޭނުން ނުކުރެވިގެން މިއަދު ނަތީޖާ މިގޮތަށް މި ނިމިގެން މިދިޔައީ،" މޯހަން ބުންޏެވެ. "ލީގެއްގަ ކޮންމެ ގެއްލޭ ޕޮއިންޓަކީ ވަރަށް މުހިންމު ޕޮއިންޓަކަށް ވެގެންދާނީ. އެއިކީ އެކަމަކު މި ހިސާބުން ލީގު ނިމޭ ހިސާބެއް ނޫން އެއްގޮތަކަށް ވެސް. ކުރިއަށް ވަރަށް ބައިވަރު މެޗުތަކެއް އެބަހުރި. ކޮންމެ ޓީމެއްގެ އަތުން ވެސް ޕޮއިންޓެއް ނޫނީ ޕޮއިންޓްތަކެއް ގެއްލިގެންދާނެ. ކުރިއަށް ހުންނަ މެޗުތައް ކާމިޔާބުކުރުން އަޒުމަކަށް ވާންޖެހޭނީ."

މޯހަން ބުނީ އަނިޔާގެ ސަބަބުން މެޗުގައި ނުކުޅެވުނު ނިއުގެ ކެޕްޓަން އަހުމަދު ތޯރިގް (ޓޮމް) ނެތުމަކީ ޓީމަށް ލިބިފައިވާ އުނިކަމެއް ކަމަށާއި ހާއްސަކޮށް މަތިން އަންނަ ބޯޅަތަކުގައި ޓޮމް ނެތްތަން ވަރަށް ބޮޑަށް ދައްކާ ކަމަށެވެ.

ވިޔަންސާގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނީ މެޗުގައި ވިޔަންސާގެ ކުޅުންތެރިން ދެއްކި ކުޅުމާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

"ވަރަށް ހިތްހަމަޖެހޭ ލިބުނު ޕޮއިންޓާމެދު. އަޅުގަނޑުމެންގެ ކުޅުންތެރިން އެކުރި ބުރަ މަސައްކަތަށް ވަރަށް ބޮޑަށް ހިތްހަމަޖެހޭ. ހުރިހާ ކުޅުންތެރިންނަށް މަރުހަބާ ކިޔަން ބޭނުން،" ފެސްކޯ ބުންޏެވެ.

ފެސްކޯ ބުނީ ވިޔަންސާގެ ފޯވަޑް ލައިން ރަނގަޅުކުރަންޖެހޭ ކަމަށާއި މިހާރު ފޯވަޑް ލައިން ފެންނަނީ ތަންކޮޅެއް ބަލިކޮށް ކަމަށެވެ. އަދި މެނޭޖްމަންޓުން މިހާރު ބިދޭސީ ފޯވަޑެއް ގެންނަން މަސައްކަތްކުރަމުންދާ ކަމަށް ވެސް އޭނާ ބުންޏެވެ.

މެޗުގައި ލަނޑުޖެހުމަށް ރަނގަޅު ފުރުސަތެއް ފުރަތަމަ ތަނަވަސްކުރީ ވިޔަންސާ އިންެނެވެ. ވިޔަންސާގެ އިބްރާހިމް ރިޒުވާން ނިއުގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅައަށް ވިޔަންސާގެ ފޯވަޑް އަހުމަދު އުސާމް އެރި ނަމަވެސް، އުސާމަށް ރަނގަޅަށް އެ ބޯޅައިގައި ޖައްސާލެވޭ ގޮތް ނުވުމުން ގޯލާ ދިމާލަށް މަޑުމަޑު ދިޔަ ބޯޅަ ނިއުގެ ގޯލްކީޕަރު އިމްރާން މުހައްމަދު ވަނީ ފަސޭހަކަމާއެކު ހިފައިފަ އެވެ.

ފުރަތަމަ ހާފުގައި ނިއު އަށް ލަނޑުޖަހާނެ ރަނގަޅު ދެ ފުރުސަތެއް ލިބުނެވެ. ނިއު އަށް ކުޅޭ ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) 37 ވަނަ މިނިޓުގައި ފޮނުވާލި ބޯޅަ ގޯލަށް އަމާޒެއް ނުވި އެވެ. އަދި 40 ވަނަ މިނިޓުގައި އިބްރާހިމް ފަޒީލް (އޮއްޕޮ) ވިޔަންސާގެ ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ތަޖުރިބާކާރު ފޯވަޑް އަލީ އުމަރަށް ގޯލާ ދިމާލަށް އަމާޒެއް ނުކޮށްލެވުނެވެ.

ދެވަނަ ހާފު ފެށިތާ މާގިނައިރުތަކެއް ނުވެ، ނިއުގެ ޒުވާން ފޯވަޑް އަބްދުﷲ މިދުހަތު ފަހުމީ ވިޔަންސާގެ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ އޭރިޔާ ތެރޭގައި ހުސްކޮށް ހުރި ޝަހީމް އަބްދުލް ގާދިރަށް ބޭނުންކުރެވޭ ގޮތެއް ނުވި އެވެ. އަދި 75 ވަނަ މިނިޓުގައި އޮއްޕޮ ވެސް ވަނީ ރަނުގެ ފުރުސަތެއް ބޭކާރުކޮށްލައިފަ އެވެ. ވިޔަންސާގެ އޭރިޔާ ތެރޭގައި ހުރި އޮއްޕޮ އަށް، ދަގަނޑޭ ދިން ބޯޅަ ކޮންޓުރޯލްކޮށްލުމަށް ފަހު، ފޮނުވާލެވުނީ ގޯލުގެ މަތިންނެވެ.

ކިޔުންތެރިންގެ އިހުސާސް: މިއާޓިކަލް ކިޔާލުމުން ކުރެވުނީ ކޮން އިހުސާސެއް؟

 • 0%
  ދެރަވި
 • 0%
  އުފާވި
 • 0%
  ރުޅިއައި
 • 0%
  މައުލޫމާތު މުއްސަނދިވި

10 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait