ދިރާގު ދިވެހި ލީގު 2012

ފަހަތުން އަރައި އޭވައިއެލް އަތުން އީގަލްސް މޮޅުވެއްޖެ

ހަސަން ޝިފާން
23 މެއި 2012 21:00
  • އޭވައިއެލް ކޮޅަށް ލަނޑުޖެހުމަށް ފަހު އީގަލްސްގެ އާތިފް (ކ- 2) ޓީމުގެ އެހެން ކުޅުންތެރިންނާ އެކު އުފާފާޅުކުރަނީ. -- ހަވީރު ފޮޓޯ / މުހައްމަދު ވަހީދު

ދިރާގު ދިވެހި ލީގުގައި މިއަދު ހަވީރު އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އަތުން 2- 1 އިން ކްލަބް އީގަލްސް މޮޅުވެއްޖެ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި އޭވައިއެލް އިން ލީޑު ނެގީ 20 ވަނަ މިނިޓުގައި މުހައްމަދު ޝައުޔާ ކާމިޔާބުކުރި ލަނޑުންނެވެ. އީގަލްސް އަށް މެޗުގެ 62 ވަނަ މިނިޓުގައި ނަތީޖާ ހަމަހަމަކޮށްދިނީ ޒުވާން ފޯވަޑް އަހުމަދު އިމާޒް (އާއްކޮ) އެވެ. އަދި މެޗުގެ 72 ވަނަ މިނިޓުގައި އީގަލްސްގެ މިޑްފީލްޑަރު ހުސެއިން އާތިފް ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފަ އެވެ.

މި މެޗުން މޮޅުވެ ތާވަލްގެ ތިން ވަނަ އަށް އީގަލްސް ޖެހިލީ ހަ މެޗުން ލިބިފައިވާ އަށް ޕޮއިންޓާ އެކު އެވެ. އެކަމަކު ލީގުގައި މި ހަފުތާ ބަންދުގައި ކުޅޭ މެޗުތަކުގެ ނަތީޖާތައް ނުކުންނަ ގޮތަކުން އީގަލްސް އަށް އެ މަގާމު ގެއްލިދާނެ އެވެ.

މެޗަށް ފަހު ވާހަކަދައްކަމުން އީގަލްސްގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ބުނީ މެޗުން ލިބުނު ތިން ޕޮއިންޓާ އެކު ވަރަށް ބޮޑަށް ހިތްހަމަޖެހިއްޖެ ކަމަށެވެ. އަދި މިއީ ގަދަ ހަތަރެއްގެ ޖާގަ ހޯދުމަށް އީގަލްސް އިން ކުރާ މަސައްކަތުގައި ލިބުނު ވަރަށް މުހިންމު ތިން ޕޮއިންޓް ކަމަށެވެ.

"ތިން ޕޮއިންޓް މެޗުން ލިބުނީމަ ވަރަށް ހިތްހަމަޖެހިއްޖެ. އަހަރެމެންގެ ޓާގެޓް ހާސިލްވެއްޖެ،" ސާންތީ ބުންޏެވެ.

ސާންތީ ބުނީ އީގަލްސްގެ އަމާޒަކީ ފުރަތަމަ ބުރުގައި 11 ޕޮއިންޓް ހޯދުން ކަމަށާއި އެކަން ހާސިލްވެއްޖެ ނަމަ އީގަލްސް އަށް ގަދަ ހަތަރެއްގައި އޮވެ ފުރަތަމަ ބުރު ނިންމާލެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

އޭވައިއެލްގެ ކޯޗު މުހައްމަދު އާތިފް (އާތީ) ބުނީ މެޗުން ބަލިވި ނަމަވެސް އޭވައިއެލްގެ ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށެވެ.

"މިޑްފީލްޑް މާބޮޑަށް ޑިފެންސްގެ ތެރެއަށް ވަނީމަ ކަންނޭނގެ މީގައި މައްސަލަ ދިމާވީ. އީގަލްސްގައި އެބައޮތް ވަރުގަދަ ބެންޗެއް. ކޮންމެ ވެސް އެއް ޓީމެއް މޮޅުވާނީ. މިއީ އީގަލްސްގެ ދުވަސް. އޭވައިއެލް އަށް އީގަލްސް ނުހިފެއްޓިގެން ދިޔައިކީ ނޫން،" އާތީ ބުންޏެވެ.

ލީގުގައި މާދަމާ ކުޅޭ މެޗުގައި ވެލެންސިއާއާ ދެކޮޅަށް ނުކުންނާނީ ވިޔަންސާ އެވެ. ހުކުރު ދުވަހު ނިއު ރޭޑިއަންޓާއި ވިކްޓަރީ ބައްދަލުކުރާއިރު، ހޮނިހިރު ދުވަހު ވީބީ އައްޑޫ އެފްސީއާ ދެކޮޅަށް ނުކުންނާނީ މާޒިޔާ އެވެ.

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި