ދިރާގު ދިވެހި ލީގު 2012

އޮސެއީގެ ދެ ލަނޑުން ވެލެންސިއާ އަށް މޮޅެއް

މުހައްމަދު ހަމްދޫން
24 މެއި 2012 19:10
  • ވެލެންސިއާ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ. --ހަވީރު ފޮޓޯ: މުހައްމަދު ވަހީދު

ގާނާ މިޑްފީލްޑަރު ކުއިސީ އޮސެއީ ޖެހި ދެ ލަނޑާއެކު، އެކަކު މަދުކޮށް ކުޅެ ވިޔަންސާ އަތުން މިއަދު ހަވީރު ދިރާގު ދިވެހި ލީގުގައި ވެލެންސިއާ 2- 0 އިން މޮޅުވެއްޖެ އެވެ.

ދެ ވަނަ ހާފުގައި އޮސެއީ ދެ ލަނޑު ޖެހިއިރު މެޗުގެ 61 ވަނަ މިނެޓުގައި ވެލެންސިއާގެ އަހުމަދު ވިޝާމަށް ވަނީ ދެ ވަނަ ރީނދޫ ކާޑާއެކު ރަތްކާޑެއް ދައްކައިފަ އެވެ.

މި މޮޅާއެކު ވެލެންސިއާ އޮތީ ހަތް ޕޮއިންޓާއެކު ފަސް ވަނައިގަ އެވެ. ވިޔަންސާ އޮތީ ތިން ޕޮއިންޓާއެކު ތާވަލުގެ އެންމެ ފުލުގަ އެވެ. ތާވަލުގެ އެއް ވަނައިގައި 13 ޕޮއިންޓާއެކު އޮތީ ވިކްޓަރީ އެވެ.

ސަސްޕެންޝަނުގެ ސަބަބުން މުހިއްމު ފޯވާޑް ބެނިންގެ ވިސްޑަމް ސޮލަމަން ނުލާ ވެލެންސިއާ އިން ކުޅުނު އިރު ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ ދެ ފުރުސަތު އެ ޓީމަށް ލިބުނެވެ. ފުރަތަމަ ހަމަލާގައި 24 ވަނަ މިނެޓުގައި ވިޝާމް ފޮނުވާލި ބާރު ބޯޅަ ދިފާއުކުރީ ވިޔަންސާގެ ގާނާ ގޯލްކީޕަރު އެލެކްސެންޑާ އޮސެއީ އެވެ. ދެ ވަނަ ހަމަލާ ވެސް ވިޝާމް ފޮނުވާލި އިރު 43 ވަނަ މިނެޓުގައި އޭރިއާ ތެރޭ ހުރެ ގޯލަށް ފޮނުވާލި ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.

ދެ ވަނަ ހާފު ފަށައިގެން ތިން ވަނަ މިނެޓުގައި އޭވައިއެލްގެ އަބްދުލް މުހައިމިން (މަންޗިނީ) އޭރިއާ ތެރެއިން ފޮނުވާލި ބާރު ބޯޅަ ވެލެންސިއާ ގޯލްކީޕަރު އިބްރާހިމް އިފްރާހް އަރީފް ވަނީ ދިފާއުކޮށްފަ އެވެ. އޭގެ ދެ މިނެޓު ފަހުން ވެލެންސިއާގެ އިބްރާހިމް ހަމްދާނަށް ލީޑު ނަގަން ރަނުގެ ފުރުސަތެއް ލިބުނެވެ. ނަމަވެސް ގޯލް ކުރިމަތީ ހުހަށް ހުރެ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ބޭރަށެވެ. ވެލެންސިއާ އަށް އޮސެއީ ލީޑު ނަގައިދިނީ 55 ވަނަ މިނެޓުގަ އެވެ. އޭރިއާ ބޭރުން އޭނާ ގޯލަށް ބޯޅަ ވައްދާލިއިރު ވިޔަންސާ ކީޕަރު ހުރީ ކުރިއަށް އަރަ އެވެ.

ވެލެންސިއާގެ ކުޅުންތެރިޔަކު މަދުވީ 58 ވަނަ މިނެޓުގައި އެ ޓީމުގެ ވިޝާމް ވިޔަންސާގެ އިސްމާއިލް ޝިޔާހަށް ކުރި ނުރައްކާތެރި ފައުލަށް ދެ ވަނަ ރީނދޫ ކާޑާއެކު ރަތްކާޑެއް ދެއްކުމުންނެވެ. މި ފައުލާއެކު ދެ ޓީމުގެ ކުޅުންތެރިންގެ މެދުގައި ކުޑަ ހަމަނުޖެހުމެއް ހިނގި އެވެ.

ވެލެންސިއާގެ ދެ ވަނަ ލަނޑު އޮސެއީ ޖެހީ 70 ވަނަ މިނެޓުގަ އެވެ. ވެލެންސިއާގެ ކުޅުންތެރިޔަކު މަދުވުމުގެ ފައިދާ ނަގަން ވިޔަންސާ އިން ކުރިއެރި ނަމަވެސް އެ ޓީމަށް ވަނީ ގޯލެއް ޖެހޭގޮތް ނުވެފަ އެވެ.

ވެލެންސިއާގެ ކޯޗު މުހައްމަދު އިގްބާލް ބުނީ މޮޅުވީ، ޕްރެޝަރު ބޮޑު އަދި އުދަނގޫ މެޗަކުން ކަމަށެވެ.

"އަހަރެމެން މެޗަށް ނުކުތް އިރު ވެސް އޮތީ ޕްރެޝަރުގައި. އެއީ އަހަރެމެންނަށް ވުރެ ދަށް މަގާމެއްގައި އޮތް ޓީމެއްގެ ގޮތުން ޕޮއިންޓެއް ގެއްލުމަކީ މައްސަލައަކަށްވާނެތީ. ވަރަށް ޓަފް މެޗެއް ފެނިގެން ދިޔައީ ވެސް. މާ މޮޅު މޮޅު ކުޅުމެއް ނުވެސް ދެއްކޭ. ނަމަވެސް މަސައްކަތް ރަނގަޅުވީމާ އެތަން ފެނިގެން ދިޔައީ،" އިގްބާލް ބުންޏެވެ.

ވިޔަންސާގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނީ އޭނާގެ ޓީމުގެ ބައެއް ކުޅުންތެރިންގެ ފަރާތުން އެންމެ ރަނގަޅު ކުޅުން ފެނިގެން ނުދާ ކަމަށެވެ.

"އަހަރެމެން މީގެ ތިން ދުވަސް ކުރިން ވަރަށް ވަރުގަދަ މެޗެއް ކުޅުނީ. އޭގެ ފަހުން ރިކަވާ ނުވަނީސް މި މެޗަށް ނުކުތީ. އޭގެ އަސަރު ވެސް ކުރި. ނަމަވެސް ބަލިވީ އެ ސަބަބާ ހުރެއެކޭ ނޫން މި ބުނަނީ. ހަގީގަތުގައި މިއަދު އަހަރެމެންގެ މުހިއްމު ބައެއް ކުޅުންތެރިންގެ ފަރާތުން އެކަށީގެންވާ ކުޅުމެއް ނުފެނުނު. އެގޮތުން ކީޕަރު ފާހަގަކޮށްލެވޭ،" ވެލެންސިއާއަށް ކުރިން ކުޅެ އެ ޓީމަށް ކޯޗުކަން ވެސް ކޮށްދީފައިވާ ފެސްކޯ ބުންޏެވެ.

އޭނާ ބުނީ ދެ ވަނަ ހާފުގައި އެ ޓީމުން ގޯލަށް ވައްދާލި، އެކަމަކު ރެފްރީ ފައުލް ލަނޑެއް ކަމަށް ނިންމި ލަނޑުގައި މައްސަލައެއް އުޅޭ ކަމަށް ނުދެކޭ ކަމަށާއި ވެލެންސިއާ އެކަކު މަދުކޮށް އޮތް ވަގުތު އެ ލަނޑު ރެފްރީ ގަބޫލުކުރި ނަމަ ތަފާތެއްވީސް ކަމަށެވެ.

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި