ރެޑް ބުލް ސްޓްރީޓް ސްޓައިލް

ސިއާންގެ ޖާދޫތައް އަނެއްކާ ވެސް ދައްކާލައިފި

ހަސަން ޝިފާން
24 މެއި 2012 20:42 2 ކޮމެންޓު
  • ސިއާން އާއި ބާމްބީބޯލް މިއަދު ކާނިވަލްގައި ބޭއްވި ޝޯގެ ތެރެއިން. -- ހަވީރު ފޮޓޯ / އިބްރާހިމް ފާއިދް

  • ސިއާން އާއި ބާމްބީބޯލް މިއަދު ކާނިވަލްގައި ބޭއްވި ޝޯގެ ތެރެއިން. -- ހަވީރު ފޮޓޯ / އިބްރާހިމް ފާއިދް

  • ސިއާން އާއި ބާމްބީބޯލް މިއަދު ކާނިވަލްގައި ބޭއްވި ޝޯގެ ތެރެއިން. -- ހަވީރު ފޮޓޯ / އިބްރާހިމް ފާއިދް

ރެޑްބުލް ސްޓްރީޓް ސްޓައިލް މުބާރާތުގެ ފުރަތަމަ ވޯލްޑް ޗެމްޕިއަންކަން ހޯދި ފްރާންސްގެ ސިއާން ގާނިއޭގެ ހުނަރުތައް ދައްކާލުމުގެ ޝޯއެއް މިއަދު ހަވީރު އަލިމަސް ކާނިވަލްގައި ބާއްވައިފި އެވެ.

ދެވަނަ ފަހަރަށް ރާއްޖޭގައި ޓުއާ ކުރާ ސިއާން ވަނީ މި ފަހަރުގެ ދަތުރުގައި ހދ. ކުޅުއްދުއްފުއްޓާއި ހދ. ހަނިމާދޫ ކ. ހުރަ އާއި އދ. މާމިގިލީގެ އިތުރުން ބައެއް ރިސޯޓްތަކުގައި ވެސް ޝޯތައް ބާއްވައިފަ އެވެ.

ސިއާންއާ އެކު މި ފަހަރު ދަތުރުގައި ބައިވެރިވާ ފްރާންސްގެ އަންހެން ފްރީސްޓައިލަރެއް ކަމަށްވާ ސޭންޑީ ލަވީޓާސް (ބާމްބީބޯލް) އާއެކު މިއަދު ހަވީރު ކާނިވަލްގައި އޮތް ޝޯއަށް ބޮޑު ތަރުހީބެއް ލިބުނެވެ. ސިއާން އާއި ބާމްބީބޯލްގެ ހުނަރުތައް ދައްކާލީ ނެށުމުގެ ހުނަރުތަކާ އެކު އެވެ. އަދި ސިއާންގެ ފަރާތުން ބެލުންތެރިންނަށް ހެއްވާ މަޖާ ހަރަކާތްތަކެއް ވެސް ފެނުނެވެ. ސިއާން އާދަޔާ ހިލާފު ހުނަރުތަކުގެ އިތުރުން މިއަދު ބެލުންތެރިންނަށް އެންމެ ކަމުދިޔައީ ސިއާން ދިވެހި ބައެއް ބަސްބަހުން ވާހަކައްކާލުމެވެ. އެންމެ ކަމުދާ ދިވެހި ބަސް ކަމަށް ބުނެ ސިއާން ކިޔަމުންދިޔައީ "ހާލު ފޮޅި" މިހެންނެވެ.

"ހާލު ފޮޅި" ބެލުންތެރިން ހެއްވާލުމަށް ސިއާން ގޮވަމުން ދިޔަ އެވެ. "އަހަންނަކަށް ނޭނގޭ އޭގެ މާނައެއް. އެކަމަކު ވެސް އަހަންނަށް ވަރަށް ކަމުދާ ބަހެއް އެއީ."

ސިއާން އާއި ބާމްބީ ބޯލް ވަނީ ބައެއް ބެލުންތެރިން ޝާމިލްކޮށްގެން ވެސް ހަރަކާތްތަކެއް ދައްކާލައިފަ އެވެ. ޝޯގައި ކުޑަ އިރުކޮޅެއް ބާކީ އޮއްވައި ވާރޭ ވެހެން ފެށުމުން، ޝޯ މުޅިން ނިންމާލެވޭ ގޮތެއް ނުވި އެވެ.

މި ޝޯގެ ކުރިން ސިއާން އާއި ބާމްބީބޯލް ވަނީ އަންނަ މަހު އޮންނަ ރެޑްބުލް ސްޓްރީޓް ސްޓައިލް ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ ފްރީ ސްޓައިލަރުންނަށް ފްރީސްޓައިލް ފުޓްބޯޅައިގެ ބައެއް ހުނަރުތައް ދަސްކޮށްދީފަ އެވެ.

ސިއާން އާއި ބާމްބީބޯލް ރާއްޖެ އަށް ކުރާ ދަތުރުގެ ފަހު ޝޯތައް މާދަމާ އޮންނާނީ އައްޑު އަތޮޅުގަ އެވެ.

2 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait