ދިރާގު ދިވެހި ލީގު

ވިކްޓަރީ ބަލިކޮށް ނިއު އެއްވަނަ އަށް

ހަސަން ޝިފާން
25 މެއި 2012 19:41 20 ކޮމެންޓު
  • ވިކްޓަރީ ކޮޅަށް ލަނޑު ޖެހުމަށް ފަހު ނިއުގެ ޓޮމް )ކ( އެ ޓީމުގެ ދަގަނޑޭއާއެކު އުފާފާޅުކުރަނީ. -- ހަވީރު ފޮޓޯ / މުހައްމަދު ވަހީދު

  • ވިކްޓަރީ ކޮޅަށް ލަނޑު ޖެހުމަށް ފަހު ނިއުގެ ދަގަނޑޭ އުފާފާޅުކުރަނީ. -- ހަވީރު ފޮޓޯ / މުހައްމަދު ވަހީދު

  • މިއަދުގެ މެޗުގައި ލަނޑު ޖެހުމަށް ފަހު ޓޮމް އުފާފާޅުކުރަނީ.--ހަވީރު ފޮޓޯ: މުހައްމަދު ވަހީދު

  • ރެފްރީ ސަލީމް (މ) ނިއުގެ ކީޕަރު އިމްރާނަށް ރަތްކާޑު ދައްކަނީ. -- ހަވީރު ފޮޓޯ / މުހައްމަދު ވަހީދު

މި ސީޒަންގެ ދިރާގު ދިވެހި ލީގުގައި މިހާތަނަށް ފެނުނު އެންމެ ފޯރިގަދަ މެޗުގައި ވާދަވެރި ވިކްޓަރީ އަތުން 5- 1 އިން މޮޅުވެ ނިއު ރޭޑިއަންޓް ތާވަލްގެ އެއްވަނަ މަގާމަށް މިއަދު ޖެހިލައިފި އެވެ. މެޗުގައި ވިކްޓަރީގެ ދެ ކުޅުންތެރިއަކާއި ނިއުގެ ކުޅުންތެރިއަކަށް ވަނީ ރަތްކާޑު ދައްކައިފަ އެވެ.

ލީގުގައި މިހާތަނަށް އެންމެ ގިނަ މީހުން ކުޅިބަލަން ވަތް މެޗުން މޮޅުވެ، ނިއު ތާވަލްގެ އެއްވަނަ އަށް ޖެހިލީ 14 ޕޮއިންޓާ އެކު އެވެ. މި މެޗުގެ ކުރިން އެއްވަނައިގައި އޮތް ވިކްޓަރީ ދެވަނައިގައި އޮތީ 13 ޕޮއިންޓާއެކު އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ނިއުގެ ކެޕްޓަން އަހުމަދު ތޯރިގް (ޓޮމް) ވަނީ ދެ ލަނޑު ޖަހައިފަ އެވެ. އަދި ދެވަނަ ހާފުގައި ނިއު އިން ތަފާތުބޮޑުކޮށްލީ އަލީ އަޝްފާގް (ދަގަނޑޭ) ކާމިޔާބުކުރި ދެ ލަނޑާއި އިބްރާހިމް ފަޒީލް (އޮއްޕޮ) ކާމިޔާބުކޮށްދިން ޕެނަލްޓީންނެވެ. ދެވަނަ ހާފުގައި ވިކްޓަރީގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ ކެމަރޫންގެ ފޯވަޑް ހަންސްލޭ ވީއަވީލޯ އެވެ. ވިކްޓަރީގެ ލަނޑަށް ފަހު އުފެދުނު ހަމަނުޖެހުންތަކަކާ ގުޅިގެން ވިކްޓަރީގެ ޒުވާން މިޑްފީލްޑަރު ހަސަން އަދުހަމް (ސަޑޭ) އާއި ނިއުގެ ގޯލްކީޕަރު އިމްރާން މުހައްމަދަށް ވަނީ ރެފްރީ އަލީ ސަލީމް ރަތްކާޑު ދައްކައިފަ އެވެ. އަދި އޭގެ ކުރިން ދެވަނަ ހާފުގައި ވިކްޓަރީގެ ޑިފެންޑަރު އަކުރަމް އަބްދުލް ގަނީ އަށް ވަނީ ދެވަނަ ރީނދޫ ކާޑަކާއެކު ރަތްކާޑު ދައްކައިފަ އެވެ.

މެޗަށް ފަހު ވާހަކަދައްކަމުން ނިއުގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ މެޗުން ލިބުނު ބޮޑު ކާމިޔާބީގައި ޝުކުރުއަދާކުރަން ބޭނުންވަނީ ކުޅުންތެރިންނާއި ކުޅުންތެރިން މޯޓިވޭޓްކުރި ފަރާތްތަކަށް ކަމަށެވެ.

"ކޮންމެ ބޮޑު ނަތީޖާއެއް ދައްކާ މެޗަކީ އުނދަގުލުން، ބުރަ މަސައްކަތްކޮށްގެން މޮޅުވާ މެޗުތަކެއް. ހަގީގަތުގައި ފުރަތަމަ ވެސް އަޅުގަނޑު ޝުކުރުއަދާކޮށްލަން ބޭނުން ކުޅުންތެރިން ކުރި ބުރަ މަސައްކަތަށާއި ކުޅުންތެރިން މޯޓިވޭޓްކުރަން މީސްމީހުންކޮށްދިން މަސައްކަތަށް. ކުޅުންތެރިން މި ވަރަށް މޯޓިވޭޓްވީމަ އަޅުގަނޑުމެންނަށް މި ކާމިޔާބު މި ލިބުނީ. އެކަމަށް އެ ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރަން،" މޯހަން ބުންޏެވެ.

ކުޅުންތެރިން މޯޓިވޭޓްކުރީ ކޮންމެ ފަރާތްތަކުންތޯ ނޫސްވެރިއަކު ސުވާލުކުރުމުން މޯހަން ބުނީ "އަޅުގަނޑަށް އެންމެ ނަމެއް ވެސް ހަނދާން ނެތިދާނެތީ" ނަމެއް ބުނާކަށް ބޭނުމެއް ނޫން ކަމަށެވެ. އަދި މޯހަން އެހެން ބުނީ މެޗުގެ ކުރިން ވިކްޓަރީގެ ކޯޗު މުހައްމަދު ނަޒީހު ދެއްކި ވާހަކަތަކަށް ނިސްބަތްކޮށްފަތޯ ނޫސްވެރިއަކު ސުވާލުކުރުން މޯހަން ބުނީ "ތިޔަކާ ބެހޭގޮތުން ކޮމެންޓެއް ދޭކަށް ބޭނުމެއް ނޫން" ކަމަށެވެ.

މޯހަން ބުނީ ވިކްޓަރީއާ ދެކޮޅަށް ކުޅޭތީ ކުޅުންތެރިން ނިކުތީ ތަފާތު ރޫހެއްގައި ކަމަށާއި މެޗުގެ ފަހުކޮޅު ނިއުގެ ގޯލު ބެލެހެއްޓި ބަދަލު ކީޕަރު އަބްދުﷲ ފަޔާޒް ދެއްކި ކުޅުމާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށް މޯހަން ބިންޏެވެ.

ވިކްޓަރީގެ ކޯޗު ނަޒީހު ބުނީ ބަލި ގަބޫލްކުރާ ކަމަށާއި ބަލިވުމުން ކޯޗެއް ނަގަންޖެހޭ ޒިންމާ ވެސް އުފުލާ ކަމަށެވެ. އެކަމަކު މެޗުގެ ރެފްރީ އަލީ ސަލީމަށް ނަޒީހު ވަނީ ފާޑުކިޔައިފަ އެވެ.

"މެޗު ބެލި މީޑިއާގެ ރިޕޯޓަރުން. އެެންވީމަ ފެންނާނެ މެޗުގައި ފެނުނު ކަންތައްތައް. މިސާލަކަށް އެބަހުރި (ނިއުގެ) ކުޅުންތެރިން އައިސް ރެފްރީ ކައިރިގައީ ބުނީމަ (ވިކްޓަރީގެ ކުޅުންތެރިއަކަށް) ކާޑު ދައްކައިފައި. (ނަތީޖާއާމެދު) ސަޕްރައިޒެއް ނުވޭ. ފުޓްބޯޅައިގައި ދުނިޔެ ނިމުނީކީ ވެސް ނޫން. ވިކްޓަރީއަކީ އަބަދުވެސް މިހެން ނުކުންނަ ދަށް ނަތީޖާތަކުގައި ހިފައިގެން ބޮޑު ނަތީޖާއެއް ނެރެން ނުކުންނަ ބައެއް. މިއީ މިއަދު ދިމާވިގޮތް. އެއްގޮތަކަށް ޒިންމާނުނަގާކަށް ނޫން ކޯޗިން ސައިޑުން ވެސް އެބައުޅޭ ބައެއް ކަންތައްތައް،" ނަޒީހު ބުންޏެވެ.

ނަޒީހު ބުނީ ސަޑޭ އަށް ރަތްކާޑު ދެއްކުމަކީ ވިކްޓަރީ އަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށާއި މެޗު ނިމެންދެން އޭނާ ދަނޑުމަތީގައި ހުރި ނަމަ މި ނަތީޖާ ނުނިކުތީސް ކަމަށެވެ. އަދި ރެފްރީ ސަލީމް ސަޑޭ އަށް ރަތްކާޑު ދެއްކީ "ނިއުގެ ކުޑަ ދެ ރެފްރީން"ގެ ލަފާގެ މަތިން ކަމަށެވެ.

" 3- 1 ސްކޯއޮތީ ރަތްކާޑު ދެއްކިއިރު. އެހެންވެއްޖެއްޔާމު ވަރަށް ޔަގީންކަން އެބައޮތް ސަޑޭ ހުރި ނަމަ، ނަމަ އެއީ ވަރަށް ބޭނުންކުރަން ބޭނުންނުވާ ބަހެއް. ސަޑޭ އެތަނުން ރަތްކާޑު ދެއްކުމަކީ ވިކްޓަރީ ބެކްފުޓަށް ދިޔަ އެއް މައްސަލަ. އެހެން ނޫން ނަމަ މީއެއް ނޫނޭ ބުނާނީ ސްކޯއަކީ،" ނަޒީހް ބުންޏެވެ. "ރަނގަޅު ކާޑެއް އެއީ. ބަރާބަރު ކާޑެއް. އެކަމަކު އެކާޑު އައި ގޮތް ތަފްސީލް ތަންކޮޅެއް ކުރިން ވެސް ކިޔައިދީފިން. ނިއުގެ އުޅުނު ދެ ރެފްރީއަކު ބުނެގެން ބޮޑު ރެފްރީ ދެއްކި ކާޑެއް ކަމަށް ވަނީ. އެއީ އިމްރާނަށް ދެއްކީމަ ދައްކަންޖެހެޔޯ އޭނަ އަށް ވެސް. އެހެންވީމަ ކުޑަ ދެ ރެފްރީގެ ޑިސްކަންޝަނަކަށް ފަހު ބޮޑު ރެފްރީ އަށް ދީނީމަ އޭނާ ނިންމި ނިންމުމެއް ކަމަށްވަނީ،" ނަޒީހް ބުންޏެވެ.

ނަޒީހް ބުނީ "ކުޑަ ދެ ރެފްރީން" ގެ ގޮތުގައި އޭނާ ނިސްބަތްކުރި ނިއުގެ ދެ ކުޅުންތެރިންގެ ނަން ބުނަން ބޭނުންނުވާ ކަމަށެވެ.

މެޗުގެ 20 ވަނަ މިނިޓުގައި ނިއު އަށް ލީޑު ހޯދައިދިނީ ކެޕްޓަން ޓޮމް އެވެ. އަނިޔާގެ ސަބަބުން ނިއު ކުރިން ކުޅުނު ދެ މެޗުގައި ނުކުޅެހުރި ޓޮމް ވަނީ މެޗުގެ 30 ވަނަ މިނިޓުގައި ނިއުގެ ލީޑު ފުޅާކޮށްދީފަ އެވެ. ވިކްޓަރީގެ ކުޅުންތެރިއެއްގެ އަތުން ގެއްލުނު ބޯޅަ ހިފައިގެން ވިކްޓަރީގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެ، ދަގަނޑޭ ތިރިތިރިން ފޮނުވާލި ބޯޅަ ޓޮމް ވަނީ ގޯލުގެ ތެރެއަށް ވައްދާލައިފަ އެވެ.

ނިއު އަށް މެޗުގެ 68 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން އެ ޓީމުގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ވިކްޓަރީގެ ކުރީގެ ފޯވަޑް އޮއްޕޮ އެވެ. ރެފްރީ ސަލީމް ނިއު އަށް ޕެނަލްޓީއެއް ދިނީ ވިކްޓަރީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ނިއުގެ ދަގަނޑޭ އަށް ވިކްޓަރީގެ އަކުރަމް ކުރި ފައުލަކާ ގުޅިގެންނެވެ. އަދި މި ފައުލާ ގުޅިގެން އަކުރަމަށް ވަނީ ދެވަނަ ރީނދޫ ކާޑަކާއެކު ރަތްކާޑު ދައްކައިފަ އެވެ.

ދިހަ މީހުންނާއެކު ކުޅެމުންދިޔަ ވިކްޓަރީގެ ހަމައެކަނި ލަނޑު މެޗުގެ 74 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ އަވީލޯ އެވެ. ލަނޑުޖެހުމަށް ފަހު އަވީލޯ އާއި ވިކްޓަރީގެ ޑިފެންޑަރު އިބްރާހިމް ޝިނާޒް (ޝިނާ) ބޯޅަ ނެގުމަށް ދިޔަ ވަގުތު، ނިއުގެ ގޯލްކީޕަރު އިމްރާން މުހައްމަދު ބޯޅަ ހިފެހެއްޓުމުން އެ ދެ ކުޅުންތެރިން އިމްރާން އަތުން ބޯޅަ ހޯދުމަށް މަސައްކަތްކުރި އެވެ. އެ ވަގުތު ޝިނާޒް ދަނޑު މައްޗަށް ވެއްޓުމާއެކު، ދެ ޓީމުގެ ބައެއް ކުޅުންތެރިންގެ މެދުގައި ކޮންމެ ވެސް ވަރެއްގެ ހަމަނުޖެހުންތަކެއް ދިޔަ އެވެ. ދެ ޓީމުގެ ކުޅުންތެރިން ކޮންޓްކުރުމަށް ފަހު ރެފްރީ ސަލީމް ވަނީ އިމްރާނާއި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެންއެރި ވިކްޓަރީގެ ހަސަން އަދުހަމް (ސަޑޭ) އަށް ރަތްކާޑު ދައްކައިފަ އެވެ. އަދި ވިކްޓަރީގެ ސިނާ އަށް ރީނދޫ ކާޑެއް ދެއްކި އެވެ.

މެޗުގެ ފަހު މިނިޓުގައި ނިއުގެ އަލީ އުމަރު ވިކްޓަރީގެ ސިނާ ކައިރިން ނައްޓާލުމަށް ފަހު ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެ ވިކްޓަރީގެ ތުރުކީ ގޯލްކީޕަރު ލެވެންޓް ވަންލީ ކައިރިން ނައްޓާލި ވަގުތު، ލެވެންޓް އޭނާ ވައްޓާލުމުން ނިއު އަށް ވަނީ މެޗުގައި ދެވަނަ ފަހަރަށް ޕެނަލްޓީއެއް ލިބިފަ އެވެ. ދަގަނޑޭ ވަނީ މި ޕެނަލްޓީ ކާމިޔާބުކޮށް ނިއުގެ ލީޑު ފުޅާކޮށްދީފަ އެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ދަގަނޑޭ ވަނީ ނިއުގެ ފަސް ވަނަ ލަނޑު ވެސް ކާމިޔާބުކޮށްދީފަ އެވެ.

20 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait