ދިރާގު ދިވެހި ލީގު 2012

މާޒިޔާ އަތުން ބަލިވެ ވީބީ އަނެއްކާ ވެސް ފަހަތަށް ފިޔަވަޅެއް

މުހައްމަދު ހަމްދޫން
26 މެއި 2012 20:11 11 ކޮމެންޓު
  • ވީބީ އާއި މާޒިޔާ މިއަދު ކުޅެނީ. --ހަވީރު ފޮޓޯ: މުހައްމަދު ވަހީދު

  • ވީބީ ކޮޅަށް ލަނޑު ޖެހުމަށް ފަހު މާޒިޔާ ކުޅުންތެރިން އެއްވެފައި. --ހަވީރު ފޮޓޯ: މުހައްމަދު ވަހީދު

  • ވީބީ އާއި މާޒިޔާ މިއަދު ކުޅެނީ. --ހަވީރު ފޮޓޯ: މުހައްމަދު ވަހީދު

ދިރާގު ދިވެހި ލީގުގެ ފުރަތަމަ ހަތަރު މެޗުގައި ހޯދި ދަށް ނަތީޖާތަކަށް ފަހު، މޮޅެއް ހޯދާފައި ވަނިކޮށް ވީބީ އައްޑޫ އެފްސީ އަނެއްކާ ވެސް މިއަދު މާޒިޔާ އަތުން 2- 1 އިން ބަލިވެއްޖެ އެވެ.

އަސަދުﷲ އަބްދުﷲ މާޒިޔާ އަށް ލީޑު ނަގައިދީފައިވަނިކޮށް ވީބީގެ އަލީ ނާފިއު އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިން ނަމަވެސް މާޒިޔާ މޮޅުވީ ޕެނަލްޓީއަކުން އަހުމަދު ރަޝީދު (އައްމަޑޭ) ކާމިޔާބުކޮށްދިން ލަނޑުންނެވެ. މެޗުގެ އިތުރު ވަގުތު ބޯޅަ ނެތީސް މާޒިޔާގެ ގޯލް ކީޕަރަށް ހަމަލާ ދިނުމުން ވީބީގެ ސިއެރެލިއޯން ފޯވާޑް އަބޫ ޑެސްމޮންޑް މަންސާރޭ އަށް ވަނީ ރަތްކާޑު ދައްކައިފަ އެވެ. މެޗަށް ފަހު ވީބީގެ ކޯޗު ޖޭން ވަންލީ ވަނީ ރެފްރީ މުހައްމަދު ފަރީދަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.

މި މޮޅާއެކު 10 ޕޮއިންޓާ އެކު މާޒިޔާ ވަނީ ތިން ވަނައިގައި ރަނގަޅަށް ފައިހަރުކޮށްފަ އެވެ. ފާއިތުވި ތިން އަހަރުގެ ޗެމްޕިއަން ވީބީ އޮތީ ހަ ޕޮއިންޓާ އެކު ހަ ވަނައިގަ އެވެ.

މާޒިޔާ އިން އެޓޭކިން މޫޑެއްގައި ފެށި މެޗުގެ ތިން ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގަން ރަނުގެ ފުރުސަތެއް ލިބުނެވެ. އައްމަޑޭ ހުހަށް އަރާ ދިން ބޯޅަ މުހައްމަދު ހުސެއިން ނިޔާޒް (ބޮކުރީ) ފޮނުވާލުމުން ޖެހުނީ ދަނޑީގަ އެވެ. އެ ޓީމުން ލީޑު ނެގީ 10 ވަނަ މިނެޓުގައި އޭރިއާ ތެރެއިން އަސަދުﷲ ފޮނުވާލި ބޯޅަ ވީބީ ގޯލްކީޕަރު އިބްރާހިމް ޝިނާން (ނާނި) ގެ ބޯ މަތިން ގޯލުގެ ކަނަށް ވަދެގެންނެވެ. އޭގެ 15 މިނެޓު ފަހުން ބޮކުރީ ގޯލުގެ މަތީ ކަނަށް ބޯޅަ ވައްދާލި އެވެ. ލަނޑެއް ކަމަށް ބަލައި އެ ޓީމުގެ ކުޅުންތެރިން އުފާފާޅުކުރި ނަމަވެސް އެސިސްޓެންޓް ރެފްރީ ޖައުފަރު ރަޝީދު ހުރީ އޮފްސައިޑް ދިދަ ނަގައިގެންނެވެ. އެ ބޯޅައިގައި އެސިސްޓެންޓް ރެފްރީ ދިދަ ނެގީ އޮފްސައިޑް މަގާމެއްގައި ހުރި މާޒިޔާ ކުޅުންތެރިޔަކު ބޯޅައަށް ހަރަކާތްކުރި ކަމަށް ބަލަ އެވެ. ނަމަވެސް އޭނާ ބޯޅަ އަށް ހަރަކާތް ކުރި ތަނެއް ނުފެނެ އެވެ. މި މައްސަލައިގައި މާޒިޔާގެ ބެންޗުން ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރި އެވެ.

ފުރަތަމަ ހާފުގައި ވީބީ އަށް އެދެވޭ ކުޅުމެއް ނުދެއްކޭ އިރު ދެ ވަނަ ހާފު ފަށައިގެން އެ ޓީމުގެ ކުޅުން ރަނގަޅު ކުރުމުގެ ނަތީޖާއަކަށްވީ މާޒިޔާގެ ކުރީގެ ފޯވާޑް ނާފިއު ނަތީޖާ ހަމަހަމަކޮށްދިނުމެވެ. އޭގެ ފަހުން ވީބީން ގޯލަށް ފޮނުވާލި ބޯޅައެއް މާޒިޔާގެ ޑިފެންޑަރު އަލީ ނިޔާޒްގެ އަތުގައި ޕެނަލްޓީ އޭރިއާ ތެރެއިން ޖެހުނެވެ. އޭގެ ފަހުން 63 ވަނަ މިނެޓުގައި އައްމަޑޭ ނެގި ހުރަހެއް ވީބީގެ ފަރުހާދު އިސްމާއިލް (ފަރޭ) ގެ އަތުގައި އޭރިއާ ތެރެއިން ޖެހުމުން ރެފްރީ ޕެނަލްޓީއެއް ދިނެވެ. އައްމަޑޭ ވަނީ މި ޕެނަލްޓީ ކާމިޔާބުކޮށް މާޒިޔާ އަށް އަލުން ލީޑު ނަގައިދީފަ އެވެ.

މެޗުގެ 67 ވަނަ މިނެޓުގައި ވީބީން އަނެއްކާ ވެސް ނަތީޖާ ހަމަހަމަކުރުމާ ވަރަށް ގާތަށް ދިޔަ އެވެ. ނަމަވެސް ކެޕްޓަން ޝަމްވީލް ގާސިމް (ބޮންޑާ) އޭރިއާ ބޭރުން ފޮނުވާލި ބާރު ބޯޅަ އަމާޒުވީ ގޯލް ދަނޑިއަށެވެ.

މެޗުގެ އިތުރު ވަގުތު ވީބީގެ އަބޫ އަށް ރަތްކާޑު ދެއްކީ ކުޅުން ހުއްޓިފައި އޮއްވާ، މާޒިޔާގެ ކީޕަރު އަހުމަދު އިމްރާން އަތުގައި އޮތް ބޯޅަ ހޯދަން އުޅުމުގެ ތެރޭ އިމްރާނުގެ މޫނު މަތީ އަބޫ ޖެހުމުންނެވެ. އެ ވަގުތު ވީބީގެ ކުޅުންތެރިން ހަމަޔަކަށް އެޅުވުމަށް، ސަސްޕެންޑްކޮށްފައި ހުރި އެ ޓީމުގެ މެނޭޖަރު އިބްރާހިމް ރަޝީދު (ސަތޯ) ވަނީ ޓެކްނިކަލް އޭރިއާ ތެރެއަށް އައިސްފަ އެވެ.

މެޗަށް ފަހު ވީބީގެ އޮފިޝަލުންނާއި ކުޅުންތެރިން ވަނީ ރެފްރީ އަށް ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އެގޮތުން އެ މަންޒަރު ރެކޯޑްކުރަމުން ދިޔަ ޓީވީއެމް ކެމެރާނަށް ވީބީގެ ބައެއް ކުޅުންތެރިން އިންޒާރު ދިނެވެ.

މީގެ އިތުރުން ރަތްކާޑު ދެއްކުމުން، ރެފްރީއާ ދިމާލަށް އަބޫ ބުނި އެއްޗެއްގެ ރައްދުގައި ރެފްރީ އަބޫއާ ދިމާލަށް ހުތުރު އެއްޗެހިތަކެއްކީ ކަމަށް ވީބީގެ ބޮންޑާ ވަނީ ބުނެފަ އެވެ. ވީބީގެ ކޯޗު ވަންލީ ވެސް މިކަން ނޫސްވެރިންގެ ސަމާލުކަމަށް ގެނަ އެވެ. ނަމަވެސް ފަރީދު ވަނީ އެކަމާ ބެހޭ ގޮތުން ނޫހަށް ކޮމެންޓްކުރަން ދެކޮޅު ހަދައިފަ އެވެ.

ރެފްރީން ތިބެނީ މާޒިޔާ ކޮޅަށް ޖެހިފައި ކަމަށް ތުހުމަތުކުރަމުން، މެޗަށް ފަހު ވީބީގެ ކޯޗު ވަންލީ ބުނީ 14 ކުޅުންތެރިންނާ ދެކޮޅަށް ކުޅުމަކީ އުނދަގޫ ކަމެއް ކަމަށެވެ.

"އަހަރެން ބޭނުމެއް ނޫން އަބަދު ރެފްރީންގެ ވާހަކަ ދައްކާކަށް. އަހަންނަށް މައާފް ކުރޭ. އެކަމަކު 14 މީހުންނާ ދެކޮޅަށް ކުޅެން ވަރަށް އުނދަގޫ،" ވަންލީ ބުންޏެވެ. "އަހަރެމެންނަށް މަދުވެގެން ދެ ޕެނަލްޓީ ލިބެން ޖެހޭ. އަބޫ އަށް ކުރި ފައުލާއި އަތުގައި ޖެހުނު ބޯޅައަށް ޕެނަލްޓީ ދޭން ޖެހޭ. އެހެން ނަމަ މެޗު ވަރަށް ބޮޑަށް އެނބުރުނީސް."

ވަންލީ ބުނީ ފުރަތަމަ ހާފުގައި މެޗުން ވީބީ ބަލިވެއްޖެ ކަމަށާއި ޓީމެއްގެ ގޮތުގައި ނުކުޅެވުނު ކަމަށެވެ.

"ފުރަތަމަ ހާފުގައި ވަރަށް ދަށްކޮށް ދިޔައީ. ހަގީގަތުގައި ފުރަތަމަ ހާފުގައި އަހަރެމެންނަށް މެޗު ގެއްލިއްޖެ. ޓީމެއްގެ ގޮތުގައި ނުކުޅެވިގެން ދިޔައީ. އަހަރެން ބޭނުމެއް ނޫން ވަކި ކުޅުންތެރިއެއްގެ ނަން ކިޔާކަށް،" ވަންލީ ބުންޏެވެ.

ރެފްރީން ތިބީ މާޒިޔާ ކޮޅަށް ޖެހިފައި ކަމަށް ވަންލީ ކުރި ތުހުމަތަށް ރައްދު ދެމުން މާޒިޔާގެ ކޯޗު އިސްމާއިލް މަހެފޫޒް (އިންމަ) ބުނީ އެކަމެއް އޭނާ އަށް ފާހަގަނުކުރެވޭ ކަމަށެވެ.

"އަހަރެމެންނަށް ފާހަގައެއް ނުކުރެވޭ. އެއްމެންނަށް ވެސް އެނގޭނެ އަހަރެމެން ޖެހި ލަނޑެއް އޮފްސައިޑެއް ކަމަށް ނިންމީ. އެ ލަނޑު އޮފްސައިޑް ވަންޏާ މި ދަނޑުގައި ޖަހާ ހުރިހާ ލަނޑެއް ވެސް އޮފްސައިޑް. ކުޅުންތެރިޔާ ވަރަށް ދުރުގައި ހުރެ ގޯލުގެ މަތީ ކަނަށް ވައްދާލި ބޯޅައެއް އެއީ. އެއީ ހަމައެކަނި މިސާލަކަށް ބެލިޔަސް ރެފްރީން އަޅުގަނޑުމެން ކޮޅަށް ޖެހިފައޭ ބުނެވެން ނޯންނާނެ،" އިންމަ ބުންޏެވެ.

އޭނާ ބުނީ މޮޅުވީ ކުޅުންތެރިން ޓީމުގެ ޓެކްޓިކަލް ޑިސިޕްލިން ހިފަހައްޓައިގެން ކުޅުމުން ކަމަށާއި މިއީ މުހިއްމު ތިން ޕޮއިންޓް ކަމަށެވެ.

"ވަރަށް މުހިއްމު ތިން ޕޮއިންޓް ލިބުނީ. އަޅުގަނޑުމެން ކުޅުންތެރިން ވަނީ ޓެކްޓިކަލް ޑިސިޕްލިން ހިފަހައްޓައިގެން ވަރަށް ޑިސިޕްލިންއާ އެއްކޮށް ކުޅެފައި. އަޅުގަނޑުމެން މެޗަށް ނުކުތް އިރު ވެސް ރާވާފައި އޮތީ ވީބީގެ އަބޫ އަށް އެކްސްޓްރާ އައި (އިތުރު ސަމާލު ކަމެއް) އެއް ދީގެން ކުޅެން. އެއީ ކޮންމެ ވަގުތެއްގައި ވެސް ނަތީޖާ ބަދަލުކޮށްލަފާނެ ކުޅުންތެރިއެއް. އޭނާގެ އިތުރުން އަރި މައްޗަށް ކުޅޭ ބޭރު ކުޅުންތެރިޔާ (ޗާލްސް) ވެސް. އެކަން ކާމިޔާބު ކުރެވުނު،" އިންމަ ބުންޏެވެ.

11 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait