ދިރާގު ދިވެހި ލީގު 2012

ވެލެންސިއާ އަތުން ހަނި ގޮތަކަށް އީގަލްސް ސަލާމަތްވެއްޖެ

މުހައްމަދު ހަމްދޫން
29 މެއި 2012 20:34 3 ކޮމެންޓު
 • އީގަލްސްގެ ޓޫކިލޯ )ކ( އަތުން ބޯޅަ ހޯދަން ވެލެންސިއާގެ އަބޫ މަސައްކަތްކުރަނީ: އަބޫ އަށް ރަތްކާޑެއް ދެއްކި. --ހަވީރު ފޮޓޯ: މުހައްމަދު ވަހީދު

މެޗުގެ ފުރަތަމަ މިނެޓުގައި އައްސަދު އަބްދުލް ގަނީ ޖެހި ލަނޑާ އެކު ވެލެންސިއާ އަތުން 1- 0 އިން މިއަދު ހަވީރު އީގަލްސް މޮޅުވެއްޖެ އެވެ.

އެކަކު މަދުކޮށް ކުޅުނު ވެލެންސިއާ އަތުން ލިބުނު މޮޅާ އެކު އީގަލްސް ވަނީ 11 ޕޮއިންޓް ހަމަކޮށް ތިން ވަނަ އަށް އަރައިފަ އެވެ. އެހެންކަމުން މި ބުރު ނިމޭއިރު އީގަލްސް އޮންނާނީ ގަދަ ހަތަރެއްގަ އެވެ. ވެލެންސިއާ އޮތީ ހަތް ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ. އެއް ވަނައިގައި އޮތީ 14 ޕޮއިންޓުގައި އޮތް ނިއު ރޭޑިއަންޓެވެ.

ވެލެންސިއާގެ ކުރީގެ ކެޕްޓަން އައްސަދު މިއަދު އެ ޓީމު ކޮޅަށް ފުރަތަމަ މިނެޓުގައި ލަނޑު ޖެހީ ހިލޭ ޖެހުމަކުންނެވެ. އޭގެ ފަސް މިނެޓު ފަހުން ލީޑު ފުޅާކުރަން އެ ޓީމަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އެގޮތުން މުހުތާރު ނަސީރު (ޓޫކިލޯ) އޭރިއާ ތެރެއަށް ހުރަސްކުރި ބޯޅަ ޖަހާނެ ގޮތަކަށް ޖަހަން އެ ޓީމުގެ އަހުމަދު ނިޒާމަށް ލިބުނު ނަމަވެސް އޭނާ އަށް އެ ބޯޅަ ރަނގަޅަށް ފޮނުވައެއް ނުލެވުނެވެ. އޭގެ ފަހުން 41 ވަނަ މިނެޓުގައި އޭރިއާ ތެރެއިން އޭނާ ފޮނުވާލި ބޯޅައެއް ވެލެންސިއާ ގޯލްކީޕަރު އިބްރާހިމް އިފްރާހް އަރީފް ދިފާއުކުރި އެވެ.

ދެ ވަނަ ހާފު ފަށައިގެން، 49 ވަނަ މިނެޓުގައި އޭރިއާ ތެރެއިން އަނެއްކާ ވެސް ނިޒާމަށް ފުރުސަތެއް ލިބުނެވެ. ޓޫކިލޯގެ ހުރަސް ބޮލުން ފޮނުވާލުމުން މި ފަހަރު ހުރަހަކަށްވީ ގޯލު ދަނޑި އެވެ.

ގައުމީ ޓީމަށް ކުޅެން ގޮސް ހުރި ވެލެންސިއާގެ ބެނިން ފޯވާޑް ސޮލޮމަން ވިސްޑަމް ނެތި ކުޅުނު ވެލެންސިއާ ކުރަން ޖެހޭ މަސައްކަތް ދެ ގުނަ ވެގެންދިޔައީ 55 ވަނަ މިނެޓުގައި އެ ޓީމުގެ އަބްދުއްރަޝީދު މާހިރު (އަބޫ) އަށް ދެއްކި ރަތްކާޑާ ގުޅިގެންނެވެ. ރެފްރީ އަހުމަދު އަސްލަމުގެ ނިންމުމަކާ ހިތްހަމަނުޖެހިގެން އަބޫ ބުނި އެއްޗެކާ ގުޅިގެން ރީނދޫ ކާޑު ދެއްކުމުން، އެއާ ވިއްދައި އެއްޗެއް ބުނުމުން ރެފްރީ އޭނާ އަށް ދެއްކީ ސީދާ ރަތްކާޑެކެވެ.

އެކަކު މަދުވުމާ އެކު ވެސް ވެލެންސިއާ އިން ކުރިއަށް ޖެހި އެޓޭކްތައް ވަރުގަދަ ކުރި ނަމަވެސް ގޯލް ޖަހާނެ ސީދާ ހުސް ފުރުސަތުތަކެއް ތަނަވަހެއް ނުކުރެވެ އެވެ. ނަމަވެސް އީގަލްސްގެ ނިޒާމަށް ލަނޑު ޖަހަން އިތުރު ފުރުސަތެއް ލިބުމާ ގާތަށް ދިޔަ އެވެ. އެގޮތުން އީގަލްސް އަހުމަދު އިމާޒް (އާއްކޮ) އަށް އޭރިއާ ތެރެއިން ލިބުނު ބޯޅަ، ގޯލް ކުރިމަތީ ހުހަށް ހުރި ނިޒާމަށް ފޯރުކޮށްދެވުމުގެ ކުރިން ވެލެންސިއާ ކީޕަރު އިފްރާހް އެ ބޯޅަ އަތުލި އެވެ.

މެޗަށް ފަހު އީގަލްސްގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ބުނީ މޮޅުވުމުގައި ނަސީބު ވެސް އެހީވި ކަމަށާއި މޮޅުވިޔަސް ކުޅުން ދަށް ކަމަށެވެ.

"އަހަރެމެން މެޗަށް ނުކުތީ ވެސް ގަދަ ހަތަރަކަށް ވަނުމަށްޓަކައި މި މެޗުން މޮޅުވާން ޓާގެޓްކޮށްގެން. އެކަން ހާސިލްވީތީ ހިތްހަމަޖެހޭ. އެކަމަކު ކުޅުން ދަށްކޮށް ދިޔައީ. ނަސީބު ވެސް އެހީވެގެން މޮޅުވީ. ނަމަވެސް ފާހަގަކޮށްލަން ޖެހޭ އަހަރެމެންނަށް ލަނޑު ޖަހާނެ ހުސް ފުރުސަތުތައް ލިބުނުކަން ވެސް،" ސާންތީ ބުންޏެވެ.

އޭނާ ބުނީ ތަޖުރިބާކާރު ކުޅުންތެރިންގެ އެހީ ލިބޭ ކަމަށާއި ނަމަވެސް އެ ކުޅުންތެރިންގެ ފަރާތުން އިތުރު އެފަޓެއް ފެންނަން ޖެހޭ ކަމަށެވެ. އަދި ޝިނާޒް ހިލްމީ އާއި އަހުމަދު ރިލްވާން (ރިލޭ) ފަދަ ކުޅުންތެރިންނަށް މިއަދު ފުރުސަތު ނުދިނީ 22 އަހަރުން ދަށުގެ ގައުމީ ޓީމުގައި ހިމެނޭ ކުޅުންތެރިންނަށް ފުރުސަތު ދޭން ޖެހޭ ކަމަށެވެ.

"އަޅުގަނޑު ބޭނުންވޭ 22 އަހަރުން ދަށުގެ ޓީމަށް ދެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދޭން. އީގަލްސްގައި ހިމެނޭ ހަތަރު ކުޅުންތެރިންގެ ކުޅުން ދެކިލަން ގައުމީ ކޯޗަށް ފުރުސަތު ދޭން ބޭނުން. އެކަމަކު ނޭނގޭ ކޯޗު ދަނޑުގައި ހުރި ކަމެއް،" ސާންތީ ބުންޏެވެ.

ވެލެންސިއާގެ ކޯޗު މުހައްމަދު އިގްބާލް ބުނީ މޮޅުނުވުމުގައި މެޗުގެ ކުރީކޮޅު ލަނޑު ވަނުން ހިމެނޭ ކަމަށާއި އެކަމަކު ކުޅުންތެރިން ދެއްކި ކުޅުމާ މެދު ޝަކުވާއެއް ނެތް ކަމަށެވެ.

"މެޗުގެ އެހާ ކުރީކޮޅު ލަނޑެއް ވަނުމުން މައްސަލަތަކެއް ދިމާވި. އެ ލަނޑުން އަރައިނުގަނެވިގެން ދިޔައީ. މިއަދު ބޭރު ފޯވާޑް ނެތްތަން ވެސް ދެއްކި. އެކަމަކު ބަލިވިޔަސް ކުޅުންތެރިން ދެއްކި ކުޅުމާ މެދު ހިތްހަމަޖެހޭ،" އިގްބާލް ބުންޏެވެ.

ކިޔުންތެރިންގެ އިހުސާސް: މިއާޓިކަލް ކިޔާލުމުން ކުރެވުނީ ކޮން އިހުސާސެއް؟

 • 0%
  ދެރަވި
 • 0%
  އުފާވި
 • 0%
  ރުޅިއައި
 • 0%
  މައުލޫމާތު މުއްސަނދިވި

3 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait