ދިރާގު ދިވެހި ލީގު 2012

އޭވައިއެލް އަތުން ވިޔަންސާ އަށް ތަފާތު ބޮޑު މޮޅެއް

މުހައްމަދު ހަމްދޫން
31 މެއި 2012 12:01
  • ވިޔަންސާގެ އުސާމް (ވ) ބޯޅައިގައި ޖަހާއިރު އޭވައިއެލްގެ ޝަފްރާޒް ސަމާލުވެގެން. --ހަވީރު ފޮޓޯ: މުހައްމަދު ވަހީދު

  • ވިޔަންސާގެ ގިތުރީސް (ކ) އާއި އުސާމް (މ) އަދި ރިޒްވާން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. --ހަވީރު ފޮޓޯ: މުހައްމަދު ވަހީދު

  • އޭވައިއެލްގެ ގޯލްކީޕަރު ސިޔާދު ކައިރިން ނައްޓާލަން ވިޔަންސާގެ ރިޒްވާން (ކ) މަސައްކަތްކުރަނީ. --ހަވީރު ފޮޓޯ: މުހައްމަދު ވަހީދު

ދިރާގު ދިވެހި ލީގުގައި އިއްޔެ ހަވީރު އޭވައިއެލް އަތުން 5- 0 ގެ ތަފާތު ބޮޑު ނަތީޖާ އަކުން ވިޔަންސާ މޮޅުވެއްޖެ އެވެ.

ލީގުގައި މި އަހަރު މިހާތަނަށް ނުކުތް އެންމެ ތަފާތު ބޮޑު ނަތީޖާއާ އެކު ވިޔަންސާ ވަނީ ހަ ޕޮއިންޓާ އެކު ތާވަލުގެ ހަ ވަނަ އަށް އަރައިފަ އެވެ. ހަތަރު ޕޮއިންޓާ އެކު އޭވައިއެލް ފުލަށް ވެއްޓިފައިވާއިރު، ކުރިން ހަ ވަނައިގައި އޮތް ވީބީ ވަނީ ހަތް ވަނަ އަށް ވެއްޓިފަ އެވެ. ވީބީ އަށް ވެސް ހަ ޕޮއިންޓް ލިބިފައިވާއިރު އެ ޓީމުގެ މައްޗަށް ވިޔަންސާ އަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ.

އިއްޔެ މެޗުގައި ވިޔަންސާ އިން ލީޑު ނެގީ 13 ވަނަ މިނެޓުގައި އޭވައިއެލްގެ ޑިފެންސް ލައިނަށް ސާފުނުކުރެވުނު ބޯޅައެއްގެ ފައިދާ ނަގައި އަބްދުލް މުހައިމިން އެވެ. އޭގެ ފަސް މިނެޓު ފަހުން އޭރިއާ ތެރެއިން މުހައިމިން އަށް ހުސް ބޯޅަ އެއް ލިބުނު ނަމަވެސް އޭނާ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލް ދަނޑި ކައިރިން ބޭރަށެވެ. ވިޔަންސާގެ ދެ ވަނަ ލަނޑު 31 ވަނަ މިނެޓުގައި ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އިބްރާހިމް ރިޒްވާން އެވެ. ފުރަތަމަ ހާފުގެ 44 ވަނަ މިނެޓުގައި ވިޔަންސާގެ ތިން ވަނަ ލަނޑު ޖަހައިދިނީ އަހުމަދު އުސާމް އެވެ. ރިޒުވާން ހުސްކޮށްލާފައި ދިން ބޯޅައެއްގައި ހުސެއިން ސުޖާއު ހުރަސްކުރުމުން އުސާމް ބޯޅަ ގޯލަށް ވައްދާލީ ބޮލުންނެވެ.

ދެ ވަނަ ހާފު ފަށައިގެން 61 ވަނަ މިނެޓުގައި ވިޔަންސާގެ ހަތަރު ވަނަ ލަނޑު ސުޖާއު ކާމިޔާބުކޮށްދިން އިރު ފަސް ވަނަ ލަނޑު 84 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ހިލޭ ޖެހުމަކުން ބަދަލު ކުޅުންތެރިޔާ އިސްމާއިލް ޝިޔާހު އެވެ.

ވިޔަންސާގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނީ މިއީ ކުޅުންތެރިން ކުރި ހިތްވަރުން ލިބުނު ކާމިޔާބެއް ކަމަށެވެ.

"ވަރަށް ރަނގަޅު ނަތީޖާއެއް މި ނެރެވުނީ. އެންމެ ފުރަތަމަ ވެސް އަހަރެމެންނަށް ކާމިޔާބު ދެއްވި ފަރާތް، ﷲ ސުބުހާނަހޫ ވަތާއަލާ އަށް ޝުކުރުވެރިވަން. އޭގެ ފަހުން ކުޅުންތެރިން ކުރި ހިތްވަރު ވެސް ފާހަގަކުރަން. މިއީ އެ ކުޅުންތެރިންގެ ބުރަ މަސައްކަތް. ހަގީގަތުގައި މިއަދު އަޅުގަނޑުމެންގެ ގޭމް ޕްލޭން މަސައްކަތްކުރި،" ފެސްކޯ ބުންޏެވެ.

އޭނާ ބުނީ ދެ ވަނަ ބުރު ފަށާއިރު ގަދަ ހަޔެއްގައި އޮތުމަކީ ލިބޭނެ ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި ފުރަތަމަ ބުރުގެ ޓާގެޓަށް ވާސިލްވެވިއްޖެ ކަމަށެވެ.

އޭވައިއެލްގެ ކޯޗު އަހުމަދު އާތިފް (އާތީ) ބުނީ ބޮޑު ތަފާތަކުން ބަލިވީ ފަރުވާކުޑަކޮށްލުމުން ކަމަށާއި ޓީމެއްގެ ގޮތުގައި ނުކުޅެވުނު ކަމަށެވެ.

"ލީގުގައި ވަރުގަދަ ޓީމުތައް ވެސް އެބަހުރި ބޮޑުކޮށް ބަލިވެފައި. އެހެންވެ މިއީ މައްސަލައެއް ނޫން. ބަލިވީމާ ބަލިވީ. ނުކުންނަ ނަތީޖާގެ ތަފާތަކުން މާބޮޑު އަސަރެއް ނުކުރާނެ. މިއީ ފުޓްބޯޅަކަމުން މިފަދަ ކަންކަން ވާނެ،" އާތީ ބުންޏެވެ. "މިއަދު މިއީ ވިޔަންސާގެ ދުވަހެއް. އަހަރެމެންނަށް މާބޮޑަށް ފަރުވާކުޑަކޮށްލެވުނީ."

ލީގުގައި ބުރާސްފަތި ދުވަހު ހަވީރު ނިއު ރޭޑިއަންޓާއި މާޒިޔާ ކުޅޭއިރު ފުރަތަމަ ބުރުގެ ފަހު މެޗުގައި ހުކުރު ދުވަހު ހަވީރު ވާދަކުރާނީ ވިކްޓަރީ އާއި ވީބީ އައްޑޫ އެފްސީ އެވެ.

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި