ދިރާގު ދިވެހި ލީގު 2012

އައްޔަގެ ލަނޑާ އެކު މާޒިޔާ އަތުން މޮޅުވެ ނިއު އެއް ވަނަ އަށް

ހަސަން ޝިފާން
31 މެއި 2012 20:16 15 ކޮމެންޓު
  • ނިއުގެ ޓޮމް (ކ) އާއި މާޒިޔާގެ ކުޑަތޮއްޑޫ ބޯޅަ ހޯދުމަށް މަސައްކަތްކުރަނީ. -- ހަވީރު ފޮޓޯ / މުހައްމަދު ވަހީދު

ނިއު ރޭޑިއަންޓުގެ ތަޖުރިބާކާރު ފޯވަޑް އަލީ އުމަރު (އައްޔަ) މެޗުގެ ދެވަނަ ހާފުގައި ކާމިޔާބުކުރި ލަނޑާ އެކު ދިރާގު ދިވެހި ލީގުގައި މިއަދު ހަވީރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން 1- 0 އިން ނިއު މޮޅުވެ ފުރަތަމަ ބުރުން އެއް ވަނަ ހޯދައިފި އެވެ.

ދެ ޓީމު ލަނޑެއް ނުޖެހި އެއްވަރުވެފައިވަނިކޮށް، އައްޔަ މެޗުގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ 75 ވަނަ މިނިޓުގަ އެވެ. މާޒިޔާގެ ޕެނަލްޓީ އޭރިޔާ ބޭރުން އައްޔަ ފޮނުވާލި ޝޮޓް އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. މިއީ މި ސީޒަންގައި ވީބީ އައްޑޫ އެފްސީ އިން ނިއު އަށް ބަދަލުވުމަށް ފަހު އައްޔަ އެ ކްލަބަށް ކާމިޔާބުކޮށްދިން ފުރުތަމަ ލަނޑެވެ.

ފުރަތަމަ ބުރުގައި ނިއު ކުޅެންޖެހޭ ފަހު މެޗުން މޮޅުވެ، އެ ޓީމު ތާވަލްގެ އެއްވަނައިގައި އޮތީ 17 ޕޮއިންޓާ އެކު އެވެ. ނިއު އެއްވަނަ ޓީމުގެ ގޮތުގައި ފުރަތަމަ ބުރު ނިންމާލިއިރު ލީގުގައި އެ ޓީމު އަދި ބައްޔެއް ނުވެ އެވެ. ފުރަތަމަ ބުރުގައި ކުޅުނު ހަތް މެޗުގެ ތެރެއިން ފަސް މެޗުން މޮޅުވިއިރު ދެ މެޗު ވަނީ އެއްވަރުވެފަ އެވެ. ލީގުގެ ފުރަތަމަ ބުރު މާޒިޔާ ނިންމާލިއިރު، އެ ޓީމު އޮތީ 10 ޕޮއިންޓާ އެކު ތާވަލްގެ ހަތަރު ވަނައިގަ އެވެ.

މެޗަށް ފަހު ވާހަކަދައްކަމުން ނިއުގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ އެއްވަނައިގައި އޮވެ ފުރަތަމަ ބުރު ނިންމާލެވުމުން މި ބުރަށް ނިއު އިން ކަނޑައެޅި ޓާގެޓް ހާސިލްވެއްޖެ ކަމަށާއި މާޒިޔާ އަތުން މޮޅުވުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

"ހަގީގަތުގައި ވަރަށް މުހިންމު ތިން ޕޮއިންޓް ﷲ އިރާދަކުރެއްވީތީ އަޅުގަނޑުމެންނަށް މި ލިބުނީ. ލީގުގައި (ނިއު) އަށް އެންމެ އުނދަގޫ އެއް މެޗު މިއީ. އަޅުގަނޑު ހަނދާންވާގޮތުގައި ވޭތުވެދިޔަ ތިން ސީޒަންގައި ލީގު މެޗެއްގައި ނިއު ރޭޑިއަންޓެއް ނެތް މާޒިޔާ އަތުން މޮޅުވެފައެއް. އެހެންވީމަ އޭގެން އެބަ ދައްކައިދޭ މާޒިޔާއާ އެކީ ނިއު އަށް ކުޅެން އުނދަގޫކަން. މިއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް މި މެޗު ކާމިޔާބުކުރެވުމަކީ،" މޯހަން ބުންޏެވެ." އަޅުގަނޑުމެންގެ ފުރަތަމަ ޓާގެޓް ހާސިލްވެއްޖެ އެއީ ލީގުގެ އެއްވަނައިގައި ފުރަތަމަ ބުރު ނިންމާލުމުން. މެޗަކުން ބަލިނުވެ ފުރަތަމަ ބުރު މި ނިންމާލީ. ބައިކޮޅަށް ދެ ގޯލު ވަނީ ހަތް މެޗުން. އެއް ގޯލަކީ ޕެނަލްޓީއެއް. މި ހުރިހާ ކަމަކަށް ބަލާފައި ބުނަންޖެހޭނީ ޓީމުގެ ޕާފޯމަންސްއާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ހުރިހާ ކުޅުންތެރިންގެ ވެސް."

މޯހަން ބުނީ މެޗުގެ ފުރަތަމަ ހާފުގައި ނިއު ޓީމު ފެނުނީ "މޮޅުވުމުގެ ރޫހެއް" ނެތި ކުޅެމުންދިޔަ ތަން ކަމަށާއި އެކަމަކު ދެވަނަ ހާފުގައި ޓީމުން ކުޅުން ރަނގަޅުކުރި ކަމަށެވެ.

މާޒިޔާގެ ކޯޗު އިސްމާއިލް މަހެފޫޒް (އިންމަ) ބުނީ މެޗުގައި ނިއުގެ ވަކިވަކި ކުޅުންތެރިންގެ ހުނަރު ވަރަށް ރަނގަޅަށް ބޭނުންކުރި ކަމަށާއި މާޒިޔާ އަށް މެޗުގައި ލިބުނު ޗާންސްތައް ބޭނުންނުކުރެވުމަކީ މެޗުން ބަލިވި އެއް ސަބަބު ކަމަށެވެ.

" ބަލިވީމަކާ ހިތްހަމައެއްނުޖެހޭ. ފުރަތަމަ ހާފުގައި ވަރަށް ރަނގަޅަށް ޓީމު ކުޅުނު. އަދި ޗާންސްތަކެއް ވެސް ކްރިއޭޓްކުރި. މި ކަހަލަ ވަރުގަދަ ޓީމަކާ ކުޅޭއިރު ލިބޭ ފުރުސަތުތައް ބޭނުންކުރެވެންޏާ އޭގެ ރައްދު އަނބުރާ އަންނާނެ. ދެވަނަ ހާފު އެހާ ބޮޑަށް ވެއްޓިގެން ދިޔައީ ނިއު އިން ލަނޑުޖެހުމާއި އަދި އަޅުގަނޑުމެން ގެންގުޅޭ ޑިސިޕްލިން ޓީމުގެ ތެރެއިން ގެއްލިގެންދިޔައީމަ. އަޅުގަނޑުމެން ބަދަލުތަކެއް ވެސް ގެނައިން އެކަމަކު އެ ޗޭންޖްތައް ރަނގަޅަށް ވޯކެއް ނުކުރި،" އިންމަ ބުންޏެވެ.

އިންމަ ބުނީ ލީގުގެ ފުރަތަމަ ބުރު 10 ޕޮއިންޓާއެކު ނިންމާލަންޖެހުމަކީ މާޔޫސްވާންޖެހޭ ކަމެއް ނޫން ކަމަށެވެ. އެކަމަކު މިދިޔަ ސީޒަނާ އަޅާބަލާއިރު ލީގުގެ ޓީމުތަކުގެ މެދުގައި ވާދަވެރިކަން ބޮޑުއިރު، ދެވަނަ ބުރުގައި މާޒިޔާގެ ނަތީޖާތައް ރަނގަޅުކުރަންޖެހޭ ކަމަށެވެ.

ދިވެހި ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި މާދަމާ ހަވީރު ވިކްޓަރީއާ ދެކޮޅަށް ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން ވީބީ އައްޑޫ އެފްސީ އެވެ.

15 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait