ދިރާގު ދިވެހި ލީގު 2012

މާޒިޔާ އަތުން ނިއު އަށް ބޮޑު މޮޅެއް

މުހައްމަދު ހަމްދޫން
ހަވީރު ނިއުސް ސާވިސް، 10 ޖޫން 2012 19:36 2 ކޮމެންޓު
  • މާޒިޔާ ކޮޅަށް ލަނޑު ޖެހުމަށް ފަހު ނިއުގެ ޓޮމް )މ( އާއި ކިންގްސްލީ އުފާފާޅުކުރަނީ. --ފޮޓޯ: ހުސެއިން ސިނާން

ދިރާގު ދިވެހި ލީގުގައި މިއަދު ހަވީރު މާޒިޔާ އަތުން ފަހަތުން އަރައި 5- 1 އިން ނިއު ރޭޑިއަންޓް މޮޅުވެއްޖެ އެވެ.

އަލީ އަޝްފާގު (ދަގަނޑޭ) އާއި ކެޕްޓަން އަހުމަދު ތޯރިގް (ޓޮމް) ގެ ލަނޑުތަކާ އެކު ނިއު މޮޅުވި އިރު މެޗަށް ފަހު ދެ ޓީމުގެ ސަޕޯޓަރުންގެ މެދުގައި ހަމަނުޖެހުމެއް ހިނގި އެވެ. އެގޮތުން ނިއުގެ ސަޕޯޓަރަކަށް މާޒިޔާގެ ސަޕޯޓަރަކު ހަމަލާ ދިނެވެ.

މި މޮޅާ އެކު ނިއު ވަނީ 21 ޕޮއިންޓާ އެކު އެއް ވަނަ މަގާމް ވަރުގަދަކޮށްފަ އެވެ. މާޒިޔާ އޮތީ 11 ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ. ދެ ވަނައިގައި އޮތީ އެއް މެޗު މަދުން ކުޅެފައިވާ ވިކްޓަރީ އެވެ. އެއީ 17 ޕޮއިންޓް ލިބިގެންނެވެ.

މިއަދުގެ މެޗުގެ ނުވަ ވަނަ މިނެޓުގައި މާޒިޔާގެ މުހައްމަދު ހުސެއިން ނިޔާޒް (ބޮކުރީ) ވަނީ އެ ޓީމަށް ލީޑު ނަގައިދީފަ އެވެ. ނިއު އިން ނަތީޖާ ހަމަހަމަކުރީ 24 ވަނަ މިނެޓުގައި ޕެނަލްޓީއަކުން އަހުމަދު އަބްދުﷲ (ލިލީ) ޖެހި ލަނޑުންނެވެ. މިއީ ނިއުގެ އަލީ އުމަރަށް މާޒިޔާގެ އަހުމަދު ނިޝާން (ކާނޫ) ކުރި ފައުލަކަށް ރެފްރީ އަހުމަދު އަސްލަމް ދިން ޕެނަލްޓީއެކެވެ. އޭގެ އެއް މިނެޓު ފަހުން ނިއު އަށް ލީޑު ނަގައިދިނީ ދަގަނޑޭ އެވެ. މެދު ރޮނގު ކައިރިން ދަގަނޑޭ ހިފައިގެން އައި ބޯޅަ އޭރިއާ ތެރެއަށް ވަދެ ގޯލަށް ވައްދާލީ މާޒިޔާގެ ތިން ޑިފެންޑަރުން ކައިރިން ނައްޓައިފަ އެވެ.

ދެ ވަނަ ހާފު ފަށައިގެން މާޒިޔާ އިން ކުރިއަރައި ލަނޑު ޖަހަން މަސައްކަތްކުރިއިރު އޭގެ ފައިދާ ނިއުގެ ފޯވާޑުން ވަނީ ނަގައިފަ އެވެ. ނިއުގެ ތިން ވަނަ ލަނޑު 75 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޓޮމް އެވެ. ދަގަނޑޭ ނެގި ހިލޭ ޖެހުން ޓޮމް ބޮލުން ފޮނުވާލުމުން ބޭރުވާން ދަނިކޮށް ކިންގްސްލީ ބޮލުން އެތެރެކޮށްލި ވަގުތު ޓޮމް އެ ބޯޅަ ގޯލަށް ވައްދާލީ ބޮލުން ޖަހަ އެވެ. ނިއުގެ ހަތަރު ވަނަ ލަނޑު 86 ވަނަ މިނެޓުގައި ކާމިޔާބުކުރީ ގޯލްކީޕަރު އިމްރާން މުހައްމަދު ސައްޕު ޖަހައި ޓޮމް އަށް ދިން ބޯޅައެއްގެ ބޭނުންކޮށް މާޒިޔާގެ ދެ ޑިފެންޑަރުން ކައިރިން ނައްޓައިފަ އެވެ. ނިއުގެ ފަސް ވަނަ ލަނޑު 88 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ދަގަނޑޭ އެވެ.

ނިއުގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ މިއީ ހާއްސަ ތިން ޕޮއިންޓް ކަމަށާއި އެގޮތުން މި މެޗުން މޮޅުވުމާއެކު ލީގު ޓްރާންސްފާ ބްރޭކަށް ދާއިރު އެއް ވަނައިގައި އޮތުމަކީ ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

"ކޮންމެ ތިން ޕޮއިންޓަކީ ވެސް މުހިއްމު ތިން ޕޮއިންޓް. އެކަމަކު މި މެޗުން މޮޅުވުމާއެކު ޔަގީންވެއްޖެ ބްރޭކަށް ދާއިރު އެއް ވަނައިގައި އޮންނާނެކަން. މިއީ ލިބޭ ބޮޑު ހިތްހަމަޖެހުމެއް،" މޯހަން ބުންޏެވެ.

އޭނާ ބުނީ ދަގަނޑޭގެ މަސައްކަތް ވަރަށް ބޮޑަށް ފާހަގަކުރާ ކަމަށާއި ޑިފެންސަށް ބާރުބޮޑުވީ ލައިނުން އާދަމް ޝަރީފް (އެޑަމް) އާއި ސަމާހު ހުސެއިން އަށް އެންމެ ރަނގަޅަށް ނުކުޅެވުމުން ކަމަށެވެ.

މާޒިޔާގެ ކޯޗު އިސްމާއިލް މަހެފޫޒް (އިންމަ) ބުނީ ބަލިވީ މިސްޓޭކްތަކެއް ހެދިގެން ކަމަށާއި ނިއުގެ ކުޅުންތެރިން ހުނަރު ބޭނުންކުރި ކަމަށެވެ.

"ވަރަށް ދެރަކޮށް މިދިޔައީ. ވަރަށް ގިނަ މިސްޓޭކްތަކެއް ޑިފެންޑަރުންނަށް ހެދިގެން އަދި ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވުނީމާ މިހެންވީ،" އިންމަ ބުންޏެވެ. "ނިއު އިން އެ ޓީމުގެ ކުޅުންތެރިން އިންޑިވިޖުއަލް ހުނަރު ބޭނުންކުރި."

އޭނާ ބުނީ 2- 1 އިން ބަލިވެފައި އޮއްވާ ރިސްކެއް ނަގައި ކުރިއަށް އެރުމުގެ ފައިދާ ފެނުނު ކަމަށާއި ނަމަވެސް އެ ވަގުތު ޑިފެންޑަރުންނަށް ހެދުނު ގޯސްތަކަކުން ލަނޑުތަކެއް ވަނީ ކަމަށެވެ.

މެޗަށް ފަހު މާޒިޔާގެ ސަޕޯޓަރަކު ހަމަލާ ދިނީ މެޗު ތެރޭގައި އަދި މެޗަށް ފަހު ވެސް މާޒިޔާގެ ކެޕްޓަން އަލީ ނިޔާޒާ ދިމާލަށް ހުތުރު ބަހުން އެއްޗެހި ގޮވި ނިއުގެ ސަޕޯޓަރަކަށެވެ. މާޒިޔާގެ ސަޕޯޓަރުންނާއި ބައެއް އޮފިޝަލުން އޭނާ ދިމާލަށް އައުމުން އޭނާ ދަނޑު މައްޗަށް އެރިއިރު މާޒިޔާގެ ސަޕޯޓަރު އޭނާ އަށް ހަމަލާ ދިނީ ދަނޑަށް އަރަ އެވެ. ފަހުން ފުލުހުންގެ ހިމާޔަތުގައި އޭނާ ވަނީ ގެންގޮސްފަ އެވެ.

މާޒިޔާގެ ނިޔާޒާ ދިމާލަށް ހުތުރު އެއްޗެހި ގޮވި ސަޕޯޓަރަކީ 2010 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕުގެ މެޗެއްގައި ހަމަނުޖެހުން ހިންގުމުގެ ސަބަބުން އެފްއޭއެމް އިން މިދިޔަ އަހަރު އެއް އަހަރަށް ދަނޑަށް ނުވައްދަން ނިންމި ސަޕޯޓަރެކެވެ. މީގެ ކުރިން ވެސް ބައެއް ކުޅުންތެރިންނާ ދިމާލަށް ހުތުރު އެއްޗެހި ގޮވުމުގެ ސަބަބުން އޭނާގެ މައްސަލަ ހޫނުވެފައިވެ އެވެ. އަދި 2007 ވަނަ އަހަރު މެޗެއްގައި ރެފްރީ ރިޔާޒް ރަޝީދާ ދިމާލަށް ބުނި އެއްޗަކާ ގުޅިގެން އޭނާ ދަނޑުން ނެރެންދެން ރެފްރީ މެޗު މެދުކަނޑާލި އެވެ.

2 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait