ދިރާގު ދިވެހި ލީގު 2012

ވިޔަންސާ އަތުން މޮޅުވެ ވީބީ ގަދަ ހަތަރެއްގެ ތެރެއަށް

ހަސަން ޝިފާން
12 ޖޫން 2012 00:20 1 ކޮމެންޓު
  • ވީބީގެ ޗާލްސް (މ) އަތުން ބޯޅަ ހޯދުމަށް ވިޔަންސާގެ ކުޅުންތެރިއެއް މަސައްކަތްކުރަނީ. -- ހަވީރު ފޮޓޯ / މުހައްމަދު ވަހީދު

ދިރާގު ދިވެހި ލީގުގައި މިއަދު ވިޔަންސާ އަތުން 6- 0 އިން މޮޅުވެ، ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ވީބީ އައްޑު އެފްސީ ގަދަ ހަތަރެއްގެ ތެރެއަށް ޖެހިލައިފި އެވެ.

މެޗުގެ ފުރަތަމަ ލަނޑު ވީބީގެ ސިއެރަ ލިއޯން ފޯވަޑް އަބޫ ޑެސްމޮން މަންސާރޭ ކާމިޔާބުކުރީ މެޗުގެ 22 ވަނަ ސިކުންތުގަ އެވެ. މިއީ ދިވެހި ލީގުގެ ތާރީހުގައި ވެސް ޖެހި އެންމެ އަވަސް ލަނޑުތަކުގެ ތެރޭގައި ހިމެނޭ ލަނޑެވެ. މެޗުގައި އަބޫ އިތުރު ލަނޑެއް ޖެހިއިރު، އަހުމަދު ނާޝިދު (ނާއްޓޭ) ވަނީ ދެ ލަނޑު ޖަހައިފަ އެވެ. ވީބީގެ މިޑްފީލްޑަރު ޝަމްވީލް ގާސިމް (ބޮންޑާ) އާއި ލައިބީރިއާގެ ވިންގާ ޗާލްސް ރައިޓް ގަޔޭ ވެސް ވަނީ މި މެޗުގައި ލަނޑު ޖަހައިފަ އެވެ.

ލީގުގެ ފެށުން ގޯސްވެ، ފުރަތަމަ ބުރު ލީގުގެ ހަތް ވަނައިގައި ވީބީ ނިންމާލި ނަމަވެސް ދެވަނަ ބުރުގައި އެ ޓީމުން މިހާތަނަށް ކުޅުނު ދެ މެޗުގައި 12 ލަނޑު ޖަހައި، އެ ޓީމުން ވަނީ ލީގުގެ ގަދަ ހަތަރަށް ވަދެފަ އެވެ.

ފާއިތުވި ތިން އަހަރު ލީގު ކާމިޔާބުކުރި ވީބީ ތާވަލްގެ ހަތަރު ވަނައިގައި އޮތީ 12 ޕޮއިންޓާ އެކު އެވެ.

މެޗަށް ފަހު ވާހަކަދައްކަމުން ވީބީގެ ކޯޗު ޖޭން ވަންލީ ބުނީ މެޗުން މޮޅުވުމުން ވަރަށް ހިތްހަމަޖެހޭ ކަމަށާއި ޓީމުން މެޗުގައި ދެއްކި ކުޅުމާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

"އަހަރެން ވަރަށް އުފާވެއްޖެ މެޗުން މޮޅުވީމަ. ވަރަށް ރަނގަޅަށް ވީބީން މެޗުގައި ކުޅުނު. ހާއްސަކޮށް ޓީމުގެ ކޮމްބިނޭޝަން މި މެޗުގައި ވަރަށް ރަނގަޅު،" ވަންލީ ބުންޏެވެ.

ލީގުގައި މި ހަފުތާގައި ކުޅޭ މެޗުތަކަށް ފަހު ލީގުގެ ކުޅުން މެދުކަނޑާލާނެ އެވެ. ލީގުގެ ކުޅުން އަލުން ފަށާނީ އަންނަ މަހު 10 ވަނަ ދުވަހު އެވެ. މި ސީޒަންގެ މިޑް ސީޒަން ޓްރާންސްފާ ދޮރު މި މަހުގެ 15 ދުވަހުން ފެށިގެން މި މަހުގެ ނިޔަލަށް ހުޅުވޭއިރު، ލީގު ކުޅުން އަލުން ފަށާއިރު ބައެއް ކްލަބުތަކުން ބަދަލުތަކެއް ފެނުމުގެ ފުރުސަތު އެބައޮތެވެ.

ވަންލީ ބުނީ ލީގު ކުޅުން އަލުން ފަށާއިރު ވީބީން ވެސް ބަދަލުތަކެއް ފެނުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

ވިޔަންސާގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނީ ތަފާތު ބޮޑު ނަތީޖާއެއް ނުކުތީ ބައެއް ކުޅުންތެރިން މެޗަށް ތައްޔާރުވާންޖެހޭ ވަރަށް ތައްޔާރުނުވުމުން ކަމަށެވެ.

"ހަގީގަތުގައި ކުޅުންތެރިން ޑިސިޕްލިން މައްސަލައެއް މި އުޅެނީ. މެޗުގެ ކުރިން ވެސް މިކަހަލަ ނަތީޖާއެއް ނުކުމެދާނެ ކަމަށް އެކްސްޕެކްޓްކުރިން. ޑިސިޕްލިންގެ މައްސަލައެކޭ މި ބުނަނީ ކުޅުންތެރިން މެޗަށް ތައްޔާރުވާންޖެހޭ ވަރަށް ތައްޔާރުނުވުން. ކުޅުން ގޯހެއް ނޫން މިއަދު ޖުމްލަކޮށް ބަލާއިރު އެކަމަކު ޑިފެންސްލައިންގެ ކޮންސަންޓްރޭޝަން ދަށްކޮށް ފެނުނީ. މިއީ އެއްގޮތަކަށް ވެސް ބަލިވީމަ ކުޅުންތެރިން ބޮލަށް ނުވަތަ މެނޭޖްމަންޓްގެ ބޮލަށް ޖަހަނީކީ ނޫން. މީގެ ޒިންމާ އެންމެން ވެސް އުފުލަންޖެހޭ،" ފެސްކޯ ބުންޏެވެ.

ފެސްކޯ ބުނީ ޓްރާންސްފާ ޕީރިއަޑްގައި ވިޔަންސާ އަށް ބަދަލެއް އަންނަންޖެހޭ ކަމަށާއި ކުޅުންތެރިން ހޯދުމަށް މެނޭޖްމަންޓަށް ރިކުއެސްޓްކޮށްފައިވާނެ ކަމަށެވެ.

"ބިދޭސީ ވިޔަސް ދިވެހި ވިޔަސް ވިޔަންސާ އަށް ރަނގަޅު ފޯވަޑެއް އެބަބޭނުންވޭ،" ފެސްކޯ ބުންޏެވެ.

ލީގުގައި މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރާނީ ވެލެންސިއާ އާއި އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އެވެ.

1 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait