ދިރާގު ދިވެހި ލީގު 2012

ވިކްޓަރީ އާއި އީގަލްސް އެއްވަރުވެއްޖެ

މުހައްމަދު ހަމްދޫން
12 ޖޫން 2012 00:17 5 ކޮމެންޓު
 • ވިކްޓަރީ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. --ހަވީރު ފޮޓޯ: މުހައްމަދު ވަހީދު

ދިރާގު ދިވެހި ލީގުގައި މިރޭ ވިކްޓަރީ އާއި އީގަލްސް ކުޅުނު މެޗު 1- 1 އިން އެއްވަރުވެއްޖެ އެވެ.

ހަސަން އަދުހަމް (ސަޑޭ) ވިކްޓަރީ އަށް ލީޑު ނަގައިދިން އިރު އީގަލްސް އަށް އެއްވަރުކޮށްދިނީ ޝިނާޒް ހިލްމީ އެވެ.

މި މެޗުން ދެ ޕޮއިންޓް ގެއްލުމުން ވިކްޓަރީ އާ އެއް ވަނައިގައި އޮތް ނިއު ރޭޑިއަންޓާ ދެމެދު ތިން ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. ނިއު 21 ޕޮއިންޓާއެކު އެއް ވަނައިގައި އޮތްއިރު ވިކްޓަރީ ދެ ވަނައިގައި އޮތީ 18 ޕޮއިންޓާ އެކު އެވެ. އަދި އީގަލްސް ވަނީ 13 ޕޮއިންޓް ހަމަކޮށް އަލުން ތިން ވަނަ އަށް އަރައިފަ އެވެ. ވީބީ މިހާރު އޮތީ 12 ޕޮއިންޓާއެކު ހަތަރު ވަނައިގަ އެވެ.

ހަންސީ އަވީލޯ ތަނަވަސްކޮށްދިން ފުރުސަތަކުން އަދުހަމް ވިކްޓަރީއަށް ލީޑު ނަގައިދިނީ 15 ވަނަ މިނެޓުގަ އެވެ. އީގަލްސް އަށް ނަތީޖާ ހަމަހަމަކުރަން 31 ވަނަ މިނެޓުގައި އަހުމަދު އިމާޒް (އާއްކޮ) އަށް ރަނުގެ ފުރުސަތެއް ލިބިގެންދިޔަ އެވެ. ނަމަވެސް އޭރިއާ ތެރޭ ހުހަށް ހުރެ އޭނާ ފޮނުވާލި ބޯޅަ ގޯލާ އަމާޒެއް ނުވި އެވެ. އީގަލްސް އަށް ނަތީޖާ ހަމަހަމަވި ލަނޑު ޝިނާޒް ކާމިޔާބުކޮށްދިނީ 41 ވަނަ މިނެޓުގަ އެވެ.

ދެ ވަނަ ހާފު ފަށައިގެން ތިން ވަނަ މިނެޓުގައި އަލުން ލީޑު ނަގަން ވިކްޓަރީގެ އަދުހަމަށް ފުރުސަތު ލިބުނެވެ. ރިލުވާން ވަހީދު (ރިލޭ) ނަގައިދިން ހުރަސް އަދުހަމް ބޮލުން ޖެހުމުން ހުރަހަކަށްވީ ގޯލް ދަނޑި އެވެ.

ވިކްޓަރީގެ ކޯޗު މުހައްމަދު ނަޒީހު ބުނީ ނިއު ރޭޑިއަންޓާ ދެކޮޅަށް ކުރި ހިތްވަރު މިރޭ ކުރެވުނު ނަމަ މޮޅުވެވުނީސް ކަމަށާއި ނަމަވެސް ކުޅުންތެރިންގެ ވަރުބަލިކަން ބޮޑުވުމުން އެ ހިތްވަރު ނުލެވުނީ ކަމަށެވެ.

"ނަމަ އެއްގެ ވާހަކަ ދައްކަން މި ޖެހެނީ. އެއީ ނިއު ރޭޑިއަންޓާ ދެކޮޅަށް އެ ކުރި މަސައްކަތް މިއަދު ކުރެވުނު ނަމަ މާ ކުރިން މެޗު އޮންނާނީ ނިމިފައި. ނަމަވެސް ކުޅުންތެރިންގެ ވަރުބަލިކަން ބޮޑުވުމުގެ ސަބަބުން އެ ހިތްވަރުލާން އުނދަގޫވެގެން ދިޔައީ. އަނެއްކާ ކުދިކުދި އިންޖަރީގެ މައްސަލަ އެބައުޅޭ،" ނަޒީހު ބުންޏެވެ.

އޭނާ ބުނީ އީގަލްސް އިން ކުޅުނީ ކުރީގެ ޑިފެންސިވް ކުޅުމެއް ކަމަށާއި ހަތް ކުޅުންތެރިން ފަހަތުގައި ތިބުމުގެ ސަބަބުން ކުޅެގަންނަން އުނދަގޫވި ކަމަށެވެ. އަދި ނިއުއާ އޮތް ޕޮއިންޓުގެ ފަރަގު ތިން ޕޮއިންޓަށް ބޮޑުވި ނަމަވެސް އެއީ މައްސަލައެއް ނޫން ކަމަށާއި ލީގުގައި އަދި ކޮންމެ ގޮތެއް ވެސް ވެދާނެ ކަމަށެވެ.

އީގަލްސްގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ބުނީ ކުޅުންތެރިން ކުރި ހިތްވަރަށް ސެލިއުޓްކުރާ ކަމަށާއި މިއީ ބޮޑު ކާމިޔާބެއް ކަމަށެވެ.

"ވިކްޓަރީއަކީ މި ސީޒަނުގައި ވަރަށް ވަރުގަދަ ޓީމެއް. ދެ ވަނަ ބުރުގައި އިތުރަށް ވަރުގަދަކޮށް ފެންނަނީ. އެ ވަރުގެ ޓީމަކާ ވާދަކޮށް ޕޮއިންޓެއް ލިބުމަކީ ބޮޑު ކާމިޔާބެއް. ކުޅުންތެރިން ކުރި މަސައްކަތާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ،" ސާންތީ ބުންޏެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ފްރާންސާއި އިންގްލެންޑް ކުޅުނު ވަގުތާ މި މެޗު ދިމާވެފައިވާތީ ދަނޑަށް ވަދެތިބީ މަދު އަދަދެއްގެ ބަޔެކެވެ.

ކިޔުންތެރިންގެ އިހުސާސް: މިއާޓިކަލް ކިޔާލުމުން ކުރެވުނީ ކޮން އިހުސާސެއް؟

 • 0%
  ދެރަވި
 • 0%
  އުފާވި
 • 0%
  ރުޅިއައި
 • 0%
  މައުލޫމާތު މުއްސަނދިވި

5 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait