އެފްއޭއެމް އިލެކްޝަން

ސައްހަ ނޫން ލިޔުންތަކެއް ކެންޑިޑޭޓަކާ ބެހޭ ގޮތުން ހުށަހެޅި ކްލަބެއްގެ މައްސަލަ ބަލަނީ

މުހައްމަދު ހަމްދޫން
19 ޖޫން 2012 14:26 2 ކޮމެންޓު
  • 2008 ގައި ބޭއްވި އެފްއޭއެމްގެ އިންތިހާބުގެ ތެރެއިން. --ހަވީރު ފައިލް ފޮޓޯ

ޖުލައި 18 ގައި ބާއްވާ އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓަކާއި ބެހޭގޮތުން މެމްބަރު ކްލަބަކުން ހުށަހެޅި ޑޮކިއުމެންޓެއްގައި ސައްހަ ނޫން މައުލޫމާތުތަކެއް ހިމަނާފައިވާ މައްސަލަ ޑިސިޕްލިނަރީ ކޮމެޓީ އަށް ހުށަހެޅުމަށް އިންތިހާބީ ކޮމެޓީން އެދިފައިވާ ކަމަށް އެފްއޭއެމް އިން ބުނެފި އެވެ.

ނަމަވެސް އެ ކެންޑިޑޭޓަކީ ކޮބައިކަން އެފްއޭއެމުން ހާމަކޮށްފައެއް ނުވެ އެވެ. "ހަވީރަ"ށް އެނގިފައިވާ ގޮތުގައި އެއީ ވީބީ އައްޑޫ އެފްސީގެ ފަރާތުން ރައީސްގެ މަގާމަށް ކުރިމަތިލައްވާފައިވާ އިލްހާމް އަހުމަދެވެ. ނަމަވެސް އެއްވެސް ފަރާތަކުން އެކަން ކަށަވަރުކޮށެއް ނުދެ އެވެ.

އެފްއޭއެމް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިންތިހާބުގައި ވާދަކުރުމަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ސީވީ އާއި ކްލަބްތަކުން ހުށަހަޅާފައިވާ ކެންޑިޑޭޓުންގެ އެންމެހައި ސަޕޯޓިން ޑޮކިއުމެންޓްތައް އެސޯސިއޭޝަނުން އެކުލަވާލާފައިވާ އިންތިހާބާ ބެހޭ ކޮމެޓީން ބެލުމަށް ފަހު ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަންތައް އާއްމުކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ބަޔާންކުރެވުނު ޑޮކިއުމެންޓްތައް، އިންތިހާބާ ބެހޭ ކޮމެޓީން ޗެކްކުރި އިރު ކެންޑިޑޭޓަކާއި ބެހޭގޮތުން މެމްބަރު ކްލަބުން ހުށަހަޅާފައިވާ ސަޕޯޓިން ޑޮކިއުމެންޓްތަކުގައި ސައްހަ ނޫން ކަމަށް ފެންނަ ބައެއް ލިޔެކިޔުންތައް ހުރި ކަމަށް ކޮމެޓީއަށް ލަފާކުރެވޭތީވެ، އެ މައްސަލަ އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމެޓީއަށް ހުށަހެޅުމަށް އެދި އެފްއޭއެމްގެ ސެކްރެޓޭރިއޭޓުގައި އެދިފައިވާ ކަމަށެވެ.

އެފްއޭއެމް އިން މިއަދު އާއްމުކުރި ލިސްޓުގައިވާ ގޮތުން ރައީސްކަމަށް ކުރިމަތިލައްވާފައިވަނީ ނިއު ރޭޑިއަންޓުގެ ފަރާތުން މިހާރުގެ ރައީސް އަލީ އާޒިމާއި ވީބީ އައްޑޫ އެފްސީގެ ފަރާތުން ގެމަނަފުށީ ދާއިރާގެ މަޖިލިސް މެމްބަރު އިލްހާމް އަހުމަދާއި ސްޕޯޓްސް ކްލަބް މެކާނޯގެ ފަރާތުން އެ ކްލަބުގެ ރައީސް އަދި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ) އެވެ. އޭނާ އަކީ ވިކްޓަރީގެ ބޯޑު މެންބަރެއް ވެސް މެ އެވެ.

ފުޓްބޯޅައިގައި އަމަލީ ގޮތުން އުޅުއްވާތަން ފެނިފައިނުވާ އިލްހާމް ހުށަހަޅުވާފައިވާ ސީވީގައި މުހިއްމު ހިދުމަތެއްގެ ގޮތުގައި ފާހަގަކުރައްވާފައިވަނީ 2006 އިން ފެށިގެން ވީބީގެ ޑިސިޕްލިނަރީ ކޮމެޓީގެ ޗެއާމަންގެ މަގާމް ފުރުއްވުމެވެ.

ޖޭފޯ ވަނީ ނައިބް ރައީސްގެ މަގާމް އަދި އެކްސްކޯ މެމްބަރަކަށް ވެސް ކުރިމަތިލައްވައިފަ އެވެ. އޭނާގެ އިތުރުން ނައިބް ރައީސްގެ މަގާމަށް ކުރިމަތިލައްވާފައި ވަނީ ވެލެންސިއާގެ ފަރާތުން މިހާރުގެ ނައިބް ރައީސް ހިޔަލީ މުހައްމަދު ރަޝީދާއި ރެޑްލައިން ކްލަބުގެ ފަރާތުން ގައުމީ ޓީމާއި ނިއުގެ ކުރީގެ މެނޭޖަރު މުހައްމަދު ހާނިމެވެ.

ޖޭފޯގެ އިތުރުން އެކްސްކޯ އަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރޭގައި ކްލަބް އީގަލްސްގެ ރައީސް އަދި ލެގޫންސްގެ މެނޭޖަރުކަން 1986- 1990 އަށް ކުރެއްވި ސަރަނގު އާދަމް މަނިކު ހިމެނެ އެވެ. އެކްސްކޯގައި މިހާރު ހިމެނިވަޑައިގަންނަވާ ފަރާތްތަކުގެ ތެރެއިން ކުރިމަތިލައްވާފައިވަނީ ތޮއްޑޫ އެފްސީގެ ފަރާތުން އަހުމަދު މުހައްމަދު ( ވެލެންސިއާ ދޮނާ) އާއި ވިޔަންސާގެ މުހައްމަދު ވިޝާމާއި ޔުނައިޓެޑް ވިކްޓަރީގެ ފަރާތުން ޕެރިސް އަހުމަދު ނަސީމެވެ. ދެން ކުރިމަތިލައްވާފައިވަނީ ގާމަގުގެ ރައީސް ނޫހު އަލީ އާއި ވެލޯޒިއާގެ ފަރާތުން ނިއު ރޭޑިއަންޓުގެ ކުރީގެ ކުޅުންތެރިޔާ، ކޯޗު އަދި ޖެނެރަލް ސެކްރެޓަރީ އަހުމަދު ނިޔާޒާއި މާޒިޔާގެ މެނޭޖަރު އިބްރާހިމް ވަހީދާއި މުކުރިމަގު ޒުވާނުންގެ ޖަމިއްޔާގެ ފަރާތުން ނިއުގެ ކުރީގެ ކުޅުންތެރިޔާ އަލީ ޝަމީމް (އައްޔަ) އަދި ވިކްޓަރީގެ ފަރާތުން ބޯޑް މެމްބަރު އިބްރާހިމް ނާޝިދެވެ.

2 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait