އެފްއޭއެމް އިލެކްޝަން

ސައްހަ ނޫން ޑޮކިއުމަންޓެއް ހުށަހަޅައިފައެއް ނޯންނާނެ: އިލްހާމް

މުހައްމަދު ހަމްދޫން
ހަވީރު ނިއުސް ސާވިސް، 19 ޖޫން 2012 20:33 23 ކޮމެންޓު
  • އިލްހާމް އަހުމަދު ޖަލްސާއެއްގައި ވާހަކަދައްކަވަނީ. --ހަވީރު ފައިލް ފޮޓޯ

"ކެންޑިޑެސީ ބާތިލްކޮށްގެން ނޫން ގޮތަކަށް އަލީ އާޒިމް އަށް އަޅުގަނޑު ބަލިކޮށެއް ނުލެވޭނެ"

އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރުމަށް ސައްހަ ނޫން މައުލޫމާތު ހުރި ޑޮކިއުމަންޓްތަކެއް ހުށަހެޅި ކަމަށް ތުހުމަތުކުރެވިފައިވާ ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު އެކަން މިރޭ ދޮގުކުރައްވައިފި އެވެ.

އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓެއްގެ ސަޕޯޓިން ޑޮކިއުމެންޓްތަކުގައި ސައްހަ ނޫން ކަމަށް ފެންނަ ބައެއް ލިޔެކިޔުންތައް ހުރި ކަމަށް އިންތިހާބާ ބެހޭ ކޮމިޓީ އަށް ލަފާކުރެވޭތީވެ، އެ މައްސަލަ އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމެޓީއަށް ހުށަހެޅުމަށް، އެފްއޭއެމްގެ ސެކްރެޓޭރިއަޓުގައި ކޮމިޓީން އެދިފައިވާ ކަމަށް އެފްއޭއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ނަމަވެސް އެ ކެންޑިޑޭޓަކީ ކޮބައިކަން އެފްއޭއެމުން ހާމަކޮށްފައެއް ނުވެ އެވެ.

"ސައްހަ ނޫން ލިޔުމެއް އަޅުގަނޑު ފޮނުވައިފައެއް ނޯންނާނެ،" ޖުލައި 18 ގައި އޮންނަ އިންތިހާބުގައި ވީބީ އައްޑޫ އެފްސީގެ ފަރާތުން ރައީސްގެ މަގާމަށް ކުރިމަތިލައްވާފައިވާ އިލްހާމް މިރޭ ވިދާޅުވި އެވެ. "އަޅުގަނޑު އެޕްރޫވްކޮށްގެން ވީބީން އެފްއޭއެމް އަށް ޑޮކިއުމަންޓްތައް ފޮނުވާނީ. އަޅުގަނޑުމެން އޮޅުވާލާފައެއް ނޯންނާނެ."

"ހަވީރަ"ށް އެނގިފައިވާ ގޮތުގައި ސައްހަ ނޫން މައުލޫމާތެއް ކަމަށް ކޮމިޓީން ލަފާކޮށްފައިވަނީ 2006 އިން ފެށިގެން ވީބީގެ ޑިސިޕްލިނަރީ ކޮމިޓީގެ ޗެއާމަންގެ މަގާމް އިލްހާމް ފުރުއްވާފައިވާ ކަމަށް ހުށަހަޅާފައިވާތީ އެވެ.

"އަޅުގަނޑަކީ ވީބީ އުފެދުނީއްސުރެ އެ ކްލަބުގެ ޑިސިޕްލިނަރީ ކޮމިޓީގެ ޗެއާމަން. އަލީ އުމަރު ފަދަ ބޭފުޅުންނާ މެދު ކްލަބުން ފިޔަވަޅު އެޅީ އަޅުގަނޑު އެ ކޮމެޓީގައި ހުރެގެން،" އިލްހާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފުލުހުން ލައްވާ އެ މައްސަލަ ތަހުގީގުކުރަން ވެސް ތައްޔާރަށް ހުންނެވި ކަމަށާއި އެފްއޭއެމް އަށް ބޭނުންވާ އެހެނިހެން ލިޔެކިޔުންތައް ވެސް ހުށަހަޅަން ތައްޔާރަށް ހުންނެވި ކަމަށެވެ. އަދި އެއްވެސް ކަހަލަ ތަހުގީގު ކުރުމެއް ނެތި ސީދާ ޑިސިޕްލިނަރީ ކޮމެޓީއަށް މައްސަލަ އެއް ހުށަހެޅުމަކީ ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

"އެއްވެސް ކަހަލަ ވާހަކަ ދެކެވުމެއް ނެތި ސުވާލުކުރުމެއް ނެތި އަދި ތަހުގީގެއް ނުކޮށް ލަފާ ކޮށްލުމަށް ފަހު މި ފޮނުވަނީ ޑިސިޕްލިނަރީ ކޮމެޓީއަށް. އެހެންކަމުން މިއީ ގަބޫލުކުރެވޭނެ ކަމެއް ނޫން،" އިލްހާމް ވިދާޅުވި އެވެ. "އަޅުގަނޑުމެން މިތިބީ ކަމާ ބެހޭ ފަރާތްތަކުގެ ތަހުގީގަށް އެއްބާރުން ދޭން ތައްޔާރަށް."

ސިޔާސީ ދާއިރާ އަށް ވެންނެވުމުގެ ކުރިން ޓީވީ މޯލްޑިވްސްގައި ވަޒީފާއަދާކުރެއްވި އިލްހާމް ފުޓްބޯޅައިގައި އަމަލީ ގޮތުން ހަރަކާތްތެރިވި ތަނެއް ފެނިފައެއް ނުވެ އެވެ. ނަމަވެސް އޭނާ ވިދާޅުވީ ފުޓްބޯޅައިގައި ވަރަށް ބޮޑަށް ހަރަކާތްތެރިވެފައިވާ ކަމަށާއި އަތޮޅު މުބާރާތުގައި ގެމަނަފުށީ ޓީމަށް ފުޓްބޯޅަ ކުޅެ އެފްއޭއެމްގެ ބޭސިކް ރެފްރީޒް ކޯސް ވެސް ހަދާފައިވާ ކަމަށެވެ.

"ކުރިން ރައީސް މައުމޫންގެ ދުވަސްވަރު އޮންނާނެ އަތޮޅުވެރިޔާ ޓްރޮފީ ކިޔާ މުބާރާތެއް. އެ މުބާރާތުގައި ގެމަނަފުށީ ޓީމުގެ ފޯވާޑް ލައިނަށް ކުޅުނު މީހެއް އަޅުގަނޑަކީ. ރެފްރީ ކަމުގެ ސެޓްފިކެޓް އަތުގައި އޮންނާނެ. ޓީވީ މޯލްޑިވްސް އަށް ވަން ފަހުން އަދި ފަހުން ސިޔާސީ ދާއިރާގައި އުޅެންޖެހުމުން ފުޓްބޯޅައިގައި އެހާ ބޮޑަށް ނޫޅެވުނީ. އެކަމަކު ވެސް ގެމަނަފުށީ ޒުވާނުންގެ ޖަމިއްޔާގެ ރައީސްކަން ވެސް ކުރިން،" އިލްހާމް ވިދާޅުވި އެވެ. "އަޅުގަނޑަކީ ކުޅިވަރުގެ މީހެއް."

އިލްހާމް ވިދާޅުވީ ކެންޑިޑެސީ ބާތިލްކޮށްގެން އިންތިހާބުން ބޭރުކޮށްގެން ނޫން ގޮތަކަށް އެފްއޭއެމްގެ މިހާރުގެ ރައީސް އަލީ އާޒިމް އަށް އޭނާ ބަލިކޮށްނުލެވޭނެ ކަމަށެވެ. އާޒިމާ ވާދަކުރައްވަނީ އިލްހާމުގެ އިތުރުން ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ) އެވެ.

23 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait