ގައުމީ ވޮލީބޯޅަ ލީގު

ގައުމީ ވޮލީބޯޅަ ލީގު އަންނަ ހުކުރު ދުވަހު ފަށަނީ

ހަސަން ޝިފާން
23 ޖޫން 2012 14:58
  • މިދިޔަ އަހަރުގެ ގައުމީ ވޮލީބޯޅަ ލީގުގައި ޕީކޭގެ ކުޅުންތެރިއެއް (ވ) ޖަހާ ޝޮޓެއް ދިފާއުކުރަން އެސްޓީއޯގެ ކުޅުންތެރިއެއް މަސައްކަތްކުރަނީ. -- ހަވީރު ފޮޓޯ / މުހައްމަދު ވަހީދު

މި އަހަރުގެ ގައުމީ ވޮލީބޯޅަ ލީގުގެ ފުރަތަމަ ބުރު އަންނަ ހުކުރު ދުވަހު ފަށާ ގޮތަށް ވޮލީ އެސޯސިއޭޝަނުން ހަމަޖައްސައިފި އެވެ.

އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ ސީޒަންގެ ފުރަތަމަ ޑިވިޝަންގެ ފުރަތަމަ މުބާރާތުގެ ގޮތުގައި ގައުމީ ލީގު ފަށާއިރު، މި މުބާރާތުގައި ވާދަކުރަނީ މިދިޔަ އަހަރުގެ ލީގުގެ ގަދަ ހަ ޓީމުގެ ތެރޭގައި ހިމެނޭ ލީގުގެ ޗެމްޕިއަން ކްލަބް ޕީކޭ އާއި ދިވެހި ސިފައިންގެ ކްލަބާއި ޕޮލިސް ކްލަބާއި އެސްޓީއޯ އަދި ސްޕޯޓްސް ކްލަބް ގުޑީސް އެވެ. މިދިޔަ އަހަރު ލީގުގެ ހަ ވަނަ ހޯދި ކަސްޓަމްސް ރެކްރިއޭޝަން ކްލަބް މި އަހަރުގެ މުބާރާތުގައި ބައިވެރިނުވާތީ ލީގުގެ ހަ ވަނަ ޖާގަ ދިނީ މިދިޔަ އަހަރުގެ ހަތް ވަނަ ހޯދި ސްޕޯޓްސް ކްލަބް ސިޓީއަށެވެ.

ފުރަތަމަ ބުރުގައި ކޮންމެ ޓީމެއް ވެސް ކޮންމެ ޓީމަކާ އެއް ބުރު ކުޅޭއިރު، އަންނަ މަހުގެ 5 ވަނަ ދުވަހު ފަށާ އެސޯސިއޭޝަން ކަޕްގެ ދެވަނަ ބުރަށް ގައުމީ ލީގުގައި ވާދަކުރާ ޓީމުތައް ރޭންކުރާނީ ލީގުގެ ތަރުތީބަށް ބެލުމަށް ފަހު އެވެ.

އެސޯސިއޭޝަން ކަޕްގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން ގައުމީ ލީގުގައި ނުކުޅޭ ޓީމުތައް އެސޯސިއޭޝަން ކަޕްގެ ފުރަތަމަ ބުރުގައި ކުޅޭނެ އެވެ. ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅުމަށް ފަހު، ނޮކްއައުޓް އުސޫލުން ކުޅޭ ދެވަނަ ބުރަށް ދާނީ ހަތަރު ޓީމުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމެވެ. އެސޯސިއޭޝަން ކަޕްގެ ފުރަތަމަ ބުރުގައި ވާދަކުރާނީ ޔޫތު ސްޕޯޓްސް ކްލަބާއި ޔޫތު ޖެނެރޭޝަން ވޮލީ ޓީމާއި އިހަވަންދޫ ކްލަބް ޕޯލްސްޓާ އަދި ނާވައިދޫ ޒުވާނުންގެ ޖަމިއްޔާ އެވެ.

އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަންގެ ކުޅުން މިރޭ ފަށާއިރު، ފުރަތަމަ މެޗުގައި ވާދަކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ޕޮލިހާއި އައިލެންޑް އޯޝަން ކްލަބެވެ.

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި