މި އަހަރުގެ އެފްއޭ ކަޕުގައި ވެސް ނިއު ރޭޑިއަންޓާއި ޗެމްޕިއަން ވީބީ އައްޑޫ އެފްސީ އެއް ފަޅިއެއްގައި ލައްވާލައިފި އެވެ.
އެފްއޭއެމް ހައުސްގައި ބުރާސްފަތި ދުވަހު މެންދުރު ބޭއްވި ގުރުލުމުގައި ނިއު އާއި ވީބީ އަދި ކްލަބް އީގަލްސް އެއް ފަޅިއެއްގައި ހިމެނުނުއިރު އަނެއް ފަޅީގައި އޮތީ ވިކްޓަރީ އާއި ވެލެންސިއާ އަދި މާޒިޔާ އެވެ. ނިއު އާއި ވީބީ އެއް ފަޅިއެއްގައި އޮތުމުން ފާއިތުވި ދެ އަހަރު ވެސް އެފްއޭ ކަޕުގެ ސެމީ ފައިނަލުގައި ކުޅުނު ދެ ޓީމު މި އަހަރު ވެސް ސެމީގައި ކުޅެން ޖެހުމުގެ ފުރުސަތު އެބައޮތެވެ. މިދެ ޓީމު ފައިނަލުގައި ކުޅެ 2009 ގައި ނިއު މޮޅުވިއިރު މިދިޔަ އަހަރު މޮޅުވީ ވީބީ އެވެ.
ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި 24 އޮގަސްޓުގައި އެއްކޮޅުން ވާދަކުރާނީ ވީބީ އެވެ. އެ ޓީމާ ދެކޮޅަށް ނުކުންނާނީ ދެ ވަނަ ބުރުގައި ޖުލައި 7 ގައި އޭވައިއެލް އާއި މުއިވެޔޮ ފްރެންޑްސް ކުޅެ މޮޅުވާ ޓީމެކެވެ. ކުއާޓާ ފައިނަލުގެ ދެ ވަނަ މެޗުގައި 25 އޮގަސްޓުގައި ވާދަކުރާނީ ނިއު ރޭޑިއަންޓާއި އީގަލްސް އެވެ.
ކުއާޓާ ފައިނަލުގެ ތިން ވަނަ މެޗުގައި 26 އޮގަސްޓުގައި ވާދަކުރާނީ ވިކްޓަރީ އާއި ވެލެންސިއާ އެވެ. ކުއާޓާގެ ހަތަރު ވަނަ މެޗުގައި އޮގަސްޓް 27 ގައި އެއްކޮޅުން ވާދަކުރާނީ މާޒިޔާ އެވެ. އެ ޓީމާ ވާދަކުރާނީ ދެ ވަނަ ބުރުގައި ޖުލައި 8 ގައި ވިޔަންސާ އާއި ހުއްރިއްޔާ ކުޅެ މޮޅުވާ ޓީމެކެވެ.
ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި އޮކްޓޯބަރު 17 ގައި ވާދަކުރާނީ ވީބީ މެޗުން މޮޅުވާ ޓީމަކާއި ނިއު އާއި އީގަލްސް ކުޅެ މޮޅުވާ ޓީމެކެވެ. ސެމީގެ ދެ ވަނަ މެޗުގައި އޮކްޓޯބަރު 17 ގައި ކުޅޭނީ މާޒިޔާ މެޗުން މޮޅުވާ ޓީމަކާއި ވިކްޓަރީ ވެލެންސިއާ ކުޅެ މޮޅުވާ ޓީމެކެވެ.
އެފްއޭއެމްގެ މެމްބަރު ކްލަބްތަކަށް ހުޅުވާލައިގެން 1988 ވަނަ އަހަރު ތައާރަފްކުރި މުބާރާތުގެ ފައިނަލް މެޗު އޮންނަނީ އޮކްޓޯބަރު 21 ގަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް އަންނަ އަހަރު އޭއެފްސީ ކަޕުން ޖާގަ ލިބުމުގެ އިތުރުން 100،000ރ. ގެ ޗެރިޓީ ޝީލްޑް މެޗު ކުޅުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.

0 comment