ވޮލީބޯލް އެސޯސިއޭޝަން ކަޕް

ތިން ވަނަ މެޗުން ވެސް މޮޅުވެ ޕޮލިސް ފުރަތަމަ ސެމީން ޖާގަ ހޯދައިފި

ހަސަން ޝިފާން
28 ޖޫން 2012 15:23
  • ޕޮލިސް ޓީމުގެ ބައެއް ކުޅުންތެރިން: ޕޮލިސް ވަނީ މުބާރާތުގެ ސެމީން ޖާގަ ހޯދައިފަ. -- ހަވީރު ފޮޓޯ / މުހައްމަދު ވަހީދު

ޕަސްކޯލް ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ގުރޫޕް އޭގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ، ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި އެންމެ ފަހުގެ ޗެމްޕިއަން ޕޮލިސް ކްލަބް މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލުން ރޭ ޖާގަ ހޯދައިފި އެވެ.

މި މުބާރާތުގެ ގުރޫޕް އޭގެ ފަހު މެޗުގައި ރޭ އަމިކާ ސްޕޯޓްސް ކްލަބް އަތުން ޕޮލިސް މޮޅުވީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ޕޮލިސް ގެންދިޔައީ 25- ،6 25- 8 އަދި 25- 13 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ޕޮލިހުގެ ސުހާނާ އަހުމަދެވެ.

ކުޅުނު ތިން މެޗުން ވެސް މޮޅުވެ ޕޮލިސް ގުރޫޕް އޭގެ އެއްވަނަ ހޯދީ ނުވަ ޕޮއިންޓާއެކު އެވެ. މި ގުރޫޕްގެ ދެވަނަ އަށް ދިޔައީ އިއްޔެ ހަވީރު އައިލެންޑް އޯޝަން ކްލަބް އަތުން ސީދާ ތިން ސެޓުން މޮޅުވި މާބައިދޫ އިސްދަރިވަރުންގެ ގުޅުމެވެ. މާބައިދޫ ވަނީ ގުރޫޕްގައި ކުޅުނު ދެ މެޗުން މޮޅުވެފަ އެވެ. ގުރޫޕްގެ ތިން ވަނަ އަށް ދިޔައީ ތިން ޕޮއިންޓާއެކު އޮތް އަމިކާ އެވެ. އައިލެންޑް އޯޝަން ކްލަބް ފުލުގައި އޮތީ އެންމެ ޕޮއިންޓެއް ވެސް ނުލިބި އެވެ.

މި މުބާރާތުގެ ފުރަތަމަ ސެމީގައި ޕޮލިހާ ދެކޮޅަށް ނުކުންނާނީ ގުރޫޕް ބީގެ އެއްވަނަ އެސްޓީއޯ ރެކްރިއޭޝަން ކްލަބެވެ. މި މެޗުން މޮޅުވާ ޓީމަކަށް ފައިނަލުން ޖާގަ ލިބޭނެ އެވެ.

ދެވަނަ ސެމީން ޖާގަ ލިބޭނީ ގުރޫޕް އޭގެ ދެވަނަ މާބައިދޫ އާއި ގުރޫޕް ބީގެ ތިން ވަނަ އެމްއެސް ހެލްޕިން ހޭންޑް މިއަދު ހަވީރު ކުޅޭ އެލިމިނޭޝަން މެޗާއި ގުރޫޕް ބީގެ ދެވަނަ ކްލަބް ޕޯލް ސްޓާ އާއި ގުރޫޕް އޭގެ ތިން ވަނަ އަމިކާ މިރޭ ކުޅޭ އެލިމިނޭޝަން މެޗުން މޮޅުވާ ދެ ޓީމަށެވެ. ދެވަނަ ސެމީން މޮޅުވާ ޓީމަކަށް ފައިނަލުން ޖާގަ ލިބޭނީ ފުރަތަމަ ސެމީން ބަލިވާ ޓީމު އަތުން ތިން ވަނަ ސެމީގައި ވާދަކޮށް މޮޅުވެގެންނެވެ.

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި