ދިރާގު ދިވެހި ލީގު

އަލީ އުމަރުގެ ލަނޑުން ނިއު މޮޅުވެއްޖެ

ހަސަން ޝިފާން
10 ޖުލައި 2012 20:02 1 ކޮމެންޓު
  • ދިރާގު ދިވެހި ލީގުގެ ދެވަނަ ބުރުގައި މިއަދު ހަވީރު ކްލަބް އީގަލްސް އާއި ނިއު ރޭޑިއެންޓް ކުޅެނީ.--ހަވީރު ފޮޓޯ: މުހައްމަދު ވަހީދު

ދިރާގު ދިވެހި ލީގުގެ ދެވަނަ ބުރުގައި މިއަދު ހަވީރު ކްލަބް އީގަލްސް އަތުން 1- 0 އިން ތާވަލްގެ އެއް ވަނައިގައި އޮތް ނިއު ރޭޑިއަންޓް މޮޅުވެއްޖެ އެވެ.

ގާތްގަނޑަކަށް އެއް މަސް ދުވަހަށް ލީގު މެދުކަނޑާލުމަށް ފަހު ކުޅުނު ފުރަތަމަ މެޗުގެ ހަމައެކަނި ލަނޑު މެޗުގެ 36 ވަނަ މިނިޓުގައި ނިއު އަށް ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު ފޯވަޑް އަލީ އުމަރެވެ. އީގަލްސްގެ ޕެނަލްޓީ އޭރިޔާ ރޮނގުމަތިން ކަހަލަ ގޮތަކަށް އަލީ އުމަރަށް ލިބުނު ބޯޅަ އޭނާ ވަނީ ތިރިތިރިން ގޯލުގެ ކަނަށް އަމާޒުކޮށްލައިފަ އެވެ.

މެޗުން މޮޅުވެ ނިއު ތާވަލްގެ އެއްވަނައިގައި އޮތީ 24 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި 18 ޕޮއިންޓާ އެކު އޮތީ ވިކްޓަރީ އެވެ. ލީގުގައި ބުރާސްފަތި ދުވަހު މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ، ނިއުގެ ލީޑު ކުޑަކޮށްލުމުގެ ފުރުސަތު ވިކްޓަރީ އަށް އެބައޮތެވެ. ނިއު އަތުން ބަލިވި އީގަލްސް 13 ޕޮއިންޓާ އެކު އޮތީ ތިން ވަނައިގަ އެވެ. ހަތަރު ވަނައިގައި އޮތް ވީބީ 12 ޕޮއިންޓާ އެކު އޮތްއިރު، މާދަމާ ވެލެންސިއާއާ ދެކޮޅަށް ވީބީ ކުޅޭ މެޗު އީގަލްސް ހަތަރު ވަނަ އަށް ވައްޓާލުމުގެ ފުރުސަތު ވީބީ އަށް އެބައޮތެވެ.

"މެޗުން މޮޅުވުން މިއީ އެންމެ މުހިންމު ކަމަކީ. ތިން ޕޮއިންޓް ލިބުނީމަ ވަރަށް ހިތްހަމަޖެހޭ،" މެޗަށް ފަހު ނިއުގެ ކޯޗު މުހައްމަދު ސިޔާޒް (މޯހަން) ބުންޏެވެ. "ކުޅުން ވެސް ގޯހެއް ނޫން. މެޗުގެ ފަހުކޮޅު ވަރަށް އޯޕަން ފުޓްބޯޅަ ފެނިގެންދިޔައީ. އެވެރޭޖްކޮށް ރަނގަޅު ކުޅުމެއް ފެނިގެންދިޔައީ."

ސީޒަންގެ ދެވަނަ ޓްރާންސްފާ މުއްދަތުގައި ނިއުއާ ގުޅުނު ތިން ކުޅުންތެރިން ކަމަށްވާ ބަލްގޭރިއާގެ މިޑްފީލްޑަރު އީވާން ކަރަމަނޯފާއި މުހައްމަދު އަހުމަދު އަފްރާދު އަދި މުހައްމަދު ހުސެއިން (އޮއިއްޓޭ) މިއަދު މެޗުގައި ކުޅުނެވެ. އަފްރާދާއި ކަރަމަނޯފް ފުރަތަމަ 11ގައި ކުޅުނުއިރު، އޮއިއްޓޭ ދެވަނަ ހާފުގައި އެރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ.

މޯހަން ބުނީ ޓީމާ އަލަށް ގުޅުނު ކުޅުންތެރިން މެޗުގައި ދެއްކި ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށެވެ.

"އެވްރެޖް ރަނގަޅު ކުޅުމެއް (ތިން) ކުޅުންތެރިންގެ ފަރާތުން ވެސް ފެނިގެންދިޔައީ. އެ ކުޅުންތެރިންގެ ފަރާތުން ޓީމަށް ފައިދާއެއް ލިބުނު. އެންމެ މެޗަކުން ހުރިހާ ކަމެއް ހައްލެއް ނުވާނެ. ދުވަސްކޮޅެއް ނަގާނެ،" މޯހަން ބުންޏެވެ.

މެޗަށް ފަހު އީގަލްސްގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ބުނީ މުހިންމު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) އާއި ފޯވަޑް އަހުމަދު އިމާޒް (އާއްކޮ) ނުލައި ނިއުއާ ދެކޮޅަށް އީގަލްސް އިން ރަނގަޅު ކުޅުމެއް ދެއްކި ކަމަށެވެ. އަދި ލީގު މެދުކެނޑުނު ދުވަސްކޮޅު އައްޑޫގައި އީގަލްސް އިން ބޭއްވި ކޭމްޕުން ޓީމަށް ފައިދާކޮށްފައިވާކަން މި މެޗުން އެނގިއްޖެ ކަމަށެވެ.

"ބަލިވީމަ (ނަތީޖާއާމެދު) ހިތްހަމައެއް ނުޖެހޭނެ. އެކަމަކު ކުޅުންތެރިން ކުރި މަސައްކަތާމެދު ވަރަށް ހިތްހަމަޖެހޭ. ކޭމްޕްގެ ފައިދާ ފެނިއްޖެ. ބަކާ އަކީ އީގަލްސް ކަހަލަ ޓީމެއްގެ 40 ޕަސެންޓް. ކުރިއަށް ކުޅެ އާއްކޮ ނެތްތަން ވެސް އޮތް. އާއްކޮ ވެސް އެންމެ ފަހު ވަގުތު ބާކީކުރަންޖެހުނީ. އެ ދެ ކުޅުންތެރިން ނުލައި ނިއު ކައިރީގައި މި ފެންވަރަށް ކުޅެވުނީމަ ކުޅުންތެރިންނަށް އޮތް އިތުބާރު ބޮޑުވެއްޖެ،" ސާންތީ ބުންޏެވެ.

1 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait