ވޮލީބޯލް އެސޯސިއޭޝަން ކަޕް

ސެމީގައި ސިފައިންނާއި އެސްޓީއޯގެ ކުރިމަތިލުމެއް

ހަސަން ޝިފާން
14 ޖުލައި 2012 11:49
  • ގައުމީ ލީގުގައި ޕޮލިހާއި ސިފައިން ބައްދަލުކުރި މެޗުގައި ސިފައިންގެ ކުޅުންތެރިއެއް (ކ) ޖަހާ ޝޮޓް ދިފާއުކުރަން ޕޮލިހުގެ ކުޅުންތެރިއެއް މަސައްކަތްކުރަނީ. -- ހަވީރު ފޮޓޯ / މުހައްމަދު ވަހީދު

ޕަސްކޯލް ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ތިން ވަނަ ބުރުގައި ކުޅުނު ދެ މެޗުން އިއްޔެ މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކްލަބާއި އެސްޓީއޯ ރެކްރިއޭޝަން ކްލަބް ދެވަނަ ސެމީ ފައިނަލްގައި ކުރިމަތިލާން ޖެހިއްޖެ އެވެ.

މުބާރާތުގެ ތިން ވަނަ ބުރުގައި އިއްޔެ ހަވީރު ސްޕޯޓްސް ކްލަބް ގުޑީސް އަތުން އެސްޓީއޯ މޮޅުވީ 3- 1 ސެޓުންނެވެ. ގައުމީ ލީގުގެ ފުރަތަމަ ބުރުގެ އެއްވަނަ ހޯދި އެސްޓީއޯ އިން މެޗުގެ ފުރަތަމަ ސެޓު ފަސޭހަކަމާ އެކު ގެންދިޔައީ 25- 8 އިންނެވެ. ދެވަނަ ސެޓުގައި ގުޑީސް އިން ވަނީ ކުޅުން ރަނގަޅުކޮށް، 19- 25 އިން ކާމިޔާބުކޮށްފަ އެވެ. އެކަމަކު ދެން ކުޅުނު ދެ ސެޓު އެސްޓީއޯ އިން ގެންދިޔައީ 25- 13 އަދި 25- 23 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެސްޓީއޯގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އެވެ.

ތިން ވަނަ ބުރުގައި ރޭ ކުޅުނު މެޗުގައި ސިފައިންގެ ކްލަބު ވަނީ ވާދަވެރި ޕޮލިސް ކްލަބް އަތުން 3- 2 ސެޓުން މޮޅުވެފަ އެވެ. މެޗުގެ ފުރަތަމަ ދެ ސެޓު ސިފައިން ގެންދިޔައީ 25- 17 އަދި 25- 23 އިންނެވެ. އެކަމަކު ޕޮލިސް ވަނީ ކުޅުން ރަނގަޅުކޮށް، މެޗުގެ ތިން ވަނަ ސެޓާއި ހަތަރު ވަނަ ސެޓު 23- 25 އަދި 20- 25 އިން ކާމިޔާބުކޮށްފަ އެވެ. ސިފައިން މެޗުން މޮޅުވީ ފަސް ވަނަ ސެޓު 15- 13 އިން ކާމިޔާބުކޮށްގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ސިފައިންގެ ކްލަބްގެ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) އެވެ.

މި މުބާރާތުގެ ފުރަތަމަ ސެމީގައި މާދަމާ ހަވީރު ވާދަކުރާނީ ތިން ވަނަ ބުރުގެ މެޗުތަކުން ބަލިވި ޕޮލިހާއި ގުޑީސް އެވެ. މި މެޗުން މޮޅުވާ ޓީމަކަށް ތިން ވަނަ ސެމީން ފުރުސަތު ލިބޭއިރު، ބަލިވާ ޓީމެއް މުބާރާތުން ކަޓާނެ އެވެ. ދެވަނަ ސެމީގައި ސިފައިންނާއި އެސްޓީއޯ ކުރިމަތިލާންޖެހޭނީ މާދަމާ ރެ އެވެ. މެޗުން މޮޅުވާ ޓީމަކަށް ފައިނަލުން ޖާގަ ލިބޭއިރު، ބަލިވާ ޓީމެއް ޖެހޭނީ ފައިނަލްގެ ފަހު ޖާގަ ހޯދުމަށް ތިން ވަނަ ސެމީގައި ހޯމަ ދުވަހުގެ ރޭ ވާދަކުރާށެވެ.

މިދިޔަ ހަފުތާގައި ނިމުނު ގައުމީ ލީގުގައި އެސްޓީއޯ ވަނީ ސިފައިން އަތުން މޮޅުވެފަ އެވެ.

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި