އެމްބީއޭ

ބާސްކެޓްބޯޅަ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީއަކަށް ނަޒީމް

މުހައްމަދު ހަމްދޫން
19 ޖުލައި 2012 13:15 1 ކޮމެންޓު
  • ބާސްކެޓްބޯޅަ އެސޯސިއޭޝަނުގެ އާ ޖެނެރަލް ސެކްރެޓަރީ އިބްރާހިމް ނަޒީމް. --ހަވީރު ފައިލް ފޮޓޯ

މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) ގެ އާ ދައުރުގެ ޖެނެރަލް ސެކްރެޓަރީއަކަށް އިބްރާހިމް ނަޒީމް ހަމަޖައްސައިފި އެވެ.

ރާއްޖޭގައި ހުރި ހަމައެކަނި ބައިނަލްއަގްވާމީ ބީޗް ވޮލީބޯޅަ ރެފްރީ ނަޒީމަކީ ކުޅިވަރާ ބެހޭ މިނިސްޓްރީގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ކުޅިވަރުގެ ތަޖުރިބާކާރު ބޭފުޅެކެވެ.

އެމްބީއޭގެ ރައީސް އަހުމަދު ހާފިޒް މިއަދު ވިދާޅުވީ އާ ދައުރުގެ އެގްޒެކެޓިވް ކޮމެޓީގެ ފުރަތަމަ ބައްދަލުވުމުގައި ނަޒީމަށް މަގާމް ދެއްވުމަށް، ހާޒިރުވި މެމްބަރުންގެ އިއްތިފާގުން ފާސްވި ކަމަށެވެ.

"އަޅުގަނޑު ނަޒީމުގެ ނަން ހުށަހެޅުމުން ޖަލްސާ އަށް ހާޒިރުވި ހުރިހާ މެމްބަރުން އޭނާގެ ނަމަށް ތާއީދުކުރެއްވި،" ހާފިޒް ވިދާޅުވި އެވެ.

ނަޒީމް ވިދާޅުވީ މިހާތަނަށް ވޮލީބޯޅައިގެ ތެރޭގައި ބޮޑަށް ހަރަކާތްތެރި ވެވުނު ނަމަވެސް އޭނާ އަކީ ކުޅިވަރުގެ މީހެއް ކަމަށެވެ.

"އަޅުގަނޑު މިހާތަނަށް ވެސް މަސައްކަތްކުރީ ކުޅިވަރުގެ އިދާރީ ދާއިރާގައި. ވޮލީބޯޅައިން އެ ފުރުސަތު ލިބިފައި އޮތުމުން ވޮލީގެ ތެރޭ ބޮޑަށް ހަރަކާތްތެރިވެވުނީ. އަދި ވޮލީގެ ރެފްރީއަކަށް ވުމުން، ވޮލީއާ ގާތުގައި ބޮޑަށް އުޅެވުނީ. އެކަމަކު މިނިސްޓްރީގައި ވެސް އަޅުގަނޑު މަސައްކަތްކުރީ ސްޕޯޓްސް ސެކްޝަނުގައި. ބާސްކެޓުން އެ ފުރުސަތު ލިބުމުން ގަބޫލުކުރީ،" މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމް ވެސް ފުރުއްވަމުން ގެންދަވާ ނަޒީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބާސްކެޓްބޯޅަ އަކީ ރާއްޖޭގައި ކުރި އަރަމުން އަންނަ ކުޅިވަރެއް ކަމަށާއި މި ކުޅިވަރު ރާއްޖޭގައި އިތުރަށް ފުޅާކުރުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.

"އަޅުގަނޑު ބޮޑަށް މަސައްކަތްކުރާނީ އިތުރަށް ކުޅިވަރު ފުޅާކުރެވޭނެ ގޮތްތަކެއް ހޯދުމަށް. އަޅުގަނޑަށް ފާހަގަކުރެވޭ ގޮތުގައި ރާއްޖޭން ބޭރުގައި ބާސްކެޓުގެ ހަރަކާތްތައް މަދު. ފީބާ ގަބޫލުކުރާ އެންމެ ރެފްރީއަކާއި އެންމެ ކޯޗެއް ހުރީ އަޅުގަނޑަށް އެނގިފައިވާ ގޮތުގައި. އެހެންކަމުން އިތުރު ކުރިއެރުން ހޯދުމަށް އެކްސްކޯއާ ގުޅިގެން މަސައްކަތްކުރާނަން،" ނަޒީމް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ކުޅިވަރުގެ އެކި ދިމަދިމާލުގައި މަސައްކަތްކޮށް ގިނަ ތަޖުރިބާތަކެއް ލިބިފައިވާ ކަމަށާއި އެ ތަޖުރިބާގެ އަލީގައި ބާސްކެޓްބޯޅަ އިތުރު ހަރުފަތަކަށް ގެންގޮސްދިނުމަށް ވަރަށް ބޮޑަށް މަސައްކަތްކުރާނެ ކަމަށެވެ.

ހާފިޒް ވެސް ވިދާޅުވީ ނަޒީމަކީ ކުޅިވަރުގެ ބޭފުޅެއް ކަމަށާއި ބާސްކެޓްބޯޅައިގެ ތަރައްގީއަށް އޭނާ އަށް މަސައްކަތްކޮށްދެއްވޭނެ ކަމަށެވެ.

"ނަޒީމަކީ ކުޅިވަރުގެ ބޭފުޅެއް. ކުޅިވަރާ ބެހޭ މިނިސްޓްރީގައި ވެސް ހަރަކާތްތެރިވި. ވޮލީބޯޅައިގެ ތެރޭގައި ވެސް އުޅުއްވި. ކުޅިވަރުގެ ތަޖުރިބާ ހުރި އަދި އެއްމެންނާ ގުޅިގެން މަސައްކަތްކުރެއްވޭނެ ހަރު ބޭފުޅެއް އެއީ. ބާސްކެޓުގެ ތަރައްގީގައި ނަޒީމުގެ ހިއްސާ ކުރިއަށް އޮތްތަނުގައި އިތުރުވެގެންދާނެ ކަމަށް އަޅުގަނޑު ޔަގީންކުރަން،" ހާފިޒު ވިދާޅުވި އެވެ.

އެމްބީއޭގެ ޖެނެރަލް ސެކްރެޓަރީގެ މަގާމް މިހާތަނަށް ފުރުއްވީ ކުރީގެ މަޝްހޫރު ބާސްކެޓް ކުޅުންތެރިޔާ އަބްދުﷲ އާމިރު (އައްލޯ) އެވެ. މެއި 14 ވަނަ ދުވަހު ބޭއްވި އިންތިހާބުގައި ނައިބް ރައީސްގެ މަގާމަށް ކުރިމަތިލައްވައިގެން އައްލޯއަށް ވަނީ ނާކާމިޔާބުވެފަ އެވެ.

ހާފިޒު ވިދާޅުވީ މި މަހު 15 ވަނަ ދުވަހު ބޭއްވި އެގްޒެކެޓިވް ކޮމެޓީގެ ފުރަތަމަ ބައްދަލުވުމުގައި ބައެއް ކޮމެޓީތައް އުވާލައި އަދި ބައެއް ކޮމެޓީތަކަށް ބަދަލުގެނައުމަށް މަޝްވަރާކުރެވުނު ކަމަށާ އޭގެ ތަފްސީލް ފަހުން ހާމަކުރައްވާނެ ކަމަށެވެ.

1 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait