ފުޓްބޯޅަ

އިސްކަންދަރުގެ މިރާޝް ބާސެލޯނާގައި ތަމްރީން ހަދަނީ

މުހައްމަދު ހަމްދޫން
02 އޯގަސްޓް 2012 13:00 12 ކޮމެންޓު
  • މިރާޝް މިދިޔަ އަހަރު އިންޓަ ސްކޫލް ފައިނަލަށް ފަހު އިސްކަންދަރުގެ ޗެމްޕިއަން ޓްރޮފީ އާއި މޮޅު ކުޅުންތެރިޔާގެ އެވޯޑާ އެކު: އުއްމީދީ ކުޅުންތެރިއެއް. --ހަވީރު ފައިލް ފޮޓޯ

އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި އިސްކަންދަރު ސްކޫލުން މިދިޔަ ދެ އަހަރު ވިދާލި ފޯވާޑް މުހައްމަދު މިރާޝް އިމްތިޔާޒް (އާޝް) ސްޕެއިނުގެ ބާސެލޯނާގެ 13 އަހަރުން ދަށުގެ ޕޫލަކާ އެކު ޓްރެއިނިން ހެދުމަށް ސްޕެއިނަށް ހިނގައްޖެ އެވެ.

އިސްކަންދަރު ސްކޫލުގެ ސްޕޯޓްސް ހެޑް ޔޫސުފް އަޒީމް (ޔޫއްޓޭ) މިއަދު ބުނީ ޖުލައި 25 ވަނަ ދުވަހު އުމުރުން 13 އަހަރުގެ މިރާޝް ބާސެލޯނާ އަށް ދިޔައީ އޭނާގެ ބެލެނިވެރިން ހޯދި ފުރުސަތެއްގައި ބެލެނިވެރިންނާ އެކު ކަމަށެވެ. އަދި ތިން ހަފުތާގެ މި ތަމްރީންތަކުން ފާސްވާ ކުދިންނަށް ބާސެލޯނާގެ ޔޫތު ޓީމުން ފުރުސަތު ލިބޭނެ ކަމަށެވެ.

"މިއީ އޭނާގެ ބެލެނިވެރިން އަމިއްލަ އަށް ހޯދި ފުރުސަތެއް. ބެލެނެވެރިން ހުރިހާ ހަރަދެއް ވެސް ކުރީ. މިރާޝްއާ އެއްކޮށް ބެލެނެވެރިން ދިޔަ. މި ތަމްރީންތަކުން ފާސްވާ ކުދިންނަށް އެ ކްލަބުގެ ޔޫތު ޓީމަކުން ފުރުސަތު ވެސް ލިބޭނެ،" ކުރިން ނިއު ރޭޑިއަންޓް، ވެލެންސިއާ، ހުރާ އަދި ވިކްޓަރީ އަށް ކުޅުނު ޔޫއްޓޭ ބުންޏެވެ.

މިދިޔަ އަހަރާއި މި އަހަރުގެ އިންޓަ ސްކޫލުގެ 13 އަހަރުން ދަށުގެ ބައި އިސްކަންދަރަށް ކާމިޔާބުކޮށްދިނުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރި ކުޅުންތެރިޔާގެ ހުނަރު އެންމެ ބޮޑަށް ފާހަގަކުރެވުނީ މިދިޔަ އަހަރު އެވެ. އޭނާގެ ކޮއްޓުމާއި ނެއްޓުމާއި ޕާސްތައް އަދި ޝޮޓްތައް އެ އުމުރުގެ އެހެން ކުދިންނާ މާބޮޑަށް ވެސް ތަފާތެވެ.

ތަޖުރިބާކާރު ކޯޗު ހީނާ އަހުމަދު ސަލީމް ހިންގާ އެކަޑަމީގައި އުމުރުން ހަތަރު އަހަރުން ފެށިގެން ތަމްރީންވަމުން އަންނަ މިރާޝް ވަނީ ސިންގަޕޫރުގައި ހުންނަން މެންޗެސްޓާ ޔުނައިޓެޑުގެ އެކަޑަމީގައި އަމިއްލަ ގޮތުން ތަމްރީންތައް ހަދައިފަ އެވެ. މެންޗެސްޓާގެ އެކަޑަމީ އަށް މިރާޝް ކޮންމެ އަހަރަކު ކަހަލަ ގޮތަކަށް ދާ އިރު އެ ތަނުގައި ކުޅޭއިރު ގަދަ ތިން ކުޅުންތެރިންގެ ތެރޭގައި އޭނާ ހިމެނެ އެވެ.

ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު ޔޫއްޓޭ ކުރިން "ހަވީރަ"ށް ދިން އިންޓަވިއުއެއްގައި ބުނީ އިސްކަންދަރުގެ ގްރޭޑް ހަތެއްގައި ތައުލީމު ހާސިލްކުރަމުން އަންނަ މިރާޝް އަށް ރާއްޖޭގެ ސްޓާރަކަށް ވެވިދާނެ ކަމަށާއި އޭނާއާ މެދު ބޮޑު ުުއުއްމީދެއް ކުރެވޭ ކަމަށެވެ.

"އާޝް އަކީ ރާއްޖޭގެ ސްޓާރަކަށް ވެވިދާނެ ކުޅުންތެރިއެއް. ޑިސިޕްލިން ވެސް ވަރަށް ރަނގަޅު. ހުރިހާ ގޮތަކަށް ބަލާއިރު އޭނާ އަކީ ވަރަށް މޮޅު ކުޅުންތެރިއެއް. ފުޓްބޯޅަ އަށް ވެސް ވަރަށް ބޮޑަށް އޭނާ ޝައުގުހުރޭ،" ޔޫއްޓޭ ބުންޏެވެ.

12 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait