މި މަހު ބޭއްވުމަށް ހަމަޖެހިފައިވާ ނެހުރޫ ކަޕުން ކެންޔާ ގައުމީ ޓީމު ވަކިވެއްޖެ އެވެ.
އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް) އިންތިޒާމްކޮށްގެން 1982 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި މުބާރާތުން ކެންޔާ ވަކިވީ މި މަހުގެ 25 ވަނަ ދުވަހު ޖެމެއިކާއާ ދެކޮޅަށް އެމެރިކާގައި އެކުވެރިކަމުގެ މެޗެއް ކުޅެން ބޭނުންވާތީ އެވެ.
"އެމެރިކާގައި މި މަހުގެ 25 ވަނަ ދުވަހު އެކުވެރިކަމުގެ މެޗެއް ކުޅެންބޭނުންވާތީ އަހަރެމެން ނެހުރޫ ކަޕުން ވަކިވާން ނިންމައިފިން. ކެންޔާގެ ފުޓްބޯލް ފެޑެރޭޝަންގެ އެގްޒެކެޓިވް ކޮމެޓީން މި ގޮތަށް ނިންމީ. ކޮމެޓީ އަށް ފެންނަ ގޮތުގައި އިންޑިއާއާ ދެކޮޅަށް ކުޅުމަށް ވުރެ ޖެމެއިކާއާ ދެކޮޅަށް ކުޅެގެން ކެންޔާގެ ރޭންކިން މައްޗަށް ދާނީ،" ގޯލް ޑޮޓް ކޮމްއާ ވާހަކަދައްކަމުން ކެންޔާގެ ފުޓްބޯލް ފެޑެރޭޝަން ޕްރެސް އޮފިސާ ބުންޏެވެ.
މި މަހުގެ 22 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ނެހުރޫ ކަޕްގައި ބައިވެރިވާނެ ކަމަށް ދިވެހިރާއްޖެ އާއި ސީރިއާ އަދި ކެމަރޫން އިން ވަނީ ބުނެފަ އެވެ. ކެމަރޫން އިން ނިންމާފައިވަނީ އެ ގައުމުގެ ލީގުގައި ކުޅޭ ކުޅުންތެރިން ހިމަނައިގެން ނެހުރޫ ކަޕަށް ގައުމީ ޓީމެއް ނެގުމަށެވެ.
މި މުބާރާތުގައި ޖޯޑަން އިން ބައިވެރިވާނެ ކަމަށް ކުރިން ބުނި ނަމަވެސް، އެ ގައުމުން މުބާރާތަށް 19 އަހަރުން ދަށުގެ ޓީމު ފޮނުވަން ބޭނުންވުމުން އިންޑިއާގެ ފުޓްބޯލް ފެޑެރޭޝަނުން އެގޮތަށް ގަބޫލެއް ނުވި އެވެ. މި އަހަރު މުބާރާތުގައި ބައިވެރިވުމުގެ ދައުވަތު އިންޑިއާ އިން ފޮނުވި ބައެއް ގައުމުތަކުގެ ތެރޭގައި ތައިލޭންޑާއި މެލޭޝިއާ އާއި ފިލިޕީންސް އާއި ކޮސްޓަ ރީކާ އާއި ޒެމްބިއާ އަދި ނައިޖީރިއާ ހިމެނެ އެވެ.
1 comment