ބާސްކެޓްބޯޅަ އެސޯސިއޭޝަނުގެ ކޯޗާސް ކޮމިޝަނުގެ އިންތިހާބު ހޮނިހިރު ދުވަހުގެ ރޭ އޮންނައިރު ހަމަ އެރޭ ޓީރެކްސްގެ ތުރީ އޮން ތުރީ ސްޓްރީޓް ޗެލެންޖުގެ ފައިނަލް އޮތުމުން ދެ އިވެންޓް ފުށުއަރައިފި އެވެ.
ކޮމިޝަނުގެ އިންތިހާބުގައި ވޯޓު ލާ މެމްބަރުންގެ ތެރެއިން ދެ ބައި ކުޅަ އެއް ބައި ޓީރެކްސްގެ އިވެންޓުގައި ހަރަކާތްތެރިވާނެ އެވެ. އިންތިހާބު މިދިޔަ ހަފުތާގައި ބާއްވަން ފުރަތަމަ ޝެޑިއުލް ކުރި ނަމަވެސް އަންނަ ހަފުތާ އަށް ފަސްކުރީ މާ ކުރު މުއްދަތެއްގެ ނޯޓިސް އެއް ދިނުމުން ބައެއް ކޯޗުން އެކަމަށް އެދުމުން ކަމަށް އެސޯސިއޭޝަނުން ބުންޏެވެ.
ޓީރެކްސްގެ ރައީސް އިބްރާހިމް ނާހިދު މިއަދު ވިދާޅުވީ އިންތިހާބުގެ ތާރީހު އިއުލާންކުރުމުގެ ކުރިން ވެސް ތުރީ އޮން ތުރީ މުބާރާތް އޮންނާނެ ތާރީހު އެސޯސިއޭޝަން އެންގި ކަމަށެވެ.
"އެސޯސިއޭޝަނުން އިންތިހާބުގެ ތާރީހެއް އިއުލާންކުރުމުގެ ކުރިން އަޅުގަނޑުމެން އެސޯސިއޭޝަނަށް އެންގިން އަޅުގަނޑުމެންގެ މުބާރާތް މިވެނި ތާރީހެއްގައި އޮންނާނެޔޭ. އަޅުގަނޑުމެންނަށް އެއްބާރުލުން ދެއްވާނެ ކަމަށް އުއްމީދުކުރަމޭ،" ނާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިންތިހާބު ފަސްކޮށްދިނުމަށް އެދި ސިޓީ ފޮނުވާފައިވާ ކަމަށާއި ނަމަވެސް ފަސް ކޮށްދެވެން ނެތް ކަމަށް އެސޯސިއޭޝަނުން ބުނެފައިވާ ކަމަށެވެ.
ބާސްކެޓްބޯޅަ އެސޯސިއޭޝަނުގެ ނައިބް ރައީސް އަލީ ނަސީރު ވިދާޅުވީ އިންތިހާބު މިހާރު އެއް ފަހަރު ފަސްކޮށްދީފައިވާ ކަމަށާއި ވަކި ކޯޗުންތަކެއް ބޭނުންވާ ގޮތަށް ބަދަލުކުރުން އެއީ އިންސާފަކަށް ވެސް ނުވާނެ ކަމަށެވެ.
"ހަގީގަތުގައި ވަކި ބަޔަކު ބޭނުންވާ ގޮތަށް ބަދަލުކުރުން އެއީ އިންސާފަކަށް ނުވާނެ. އެކަމަކު ވެސް އަޅުގަނޑުމެން އެއް ފަހަރު ފަސްކޮށްދީފިން،" ނަސީރު ވިދާޅުވި އެވެ. "ކޯޗުންނަށް ވެސް ފަސޭހައީ ރޭގަނޑު ކަމަށް ވުމުން ރޭގަނޑު ބާއްވަނީ. އަނެއްކާ އެސޯސިއޭޝަނުން ވެސް ބަލަން ޖެހޭ ކަންތައްތަކެއް ހުންނާނެ. އެ ހުރިހާ ކަމަކަށް ބެލުމަށް ފަހު ހޮނިހިރު ދުވަހުގެރޭ 30: 10 ގައި ބާއްވަން އަޅުގަނޑުމެން ނިންމީ. އަޅުގަނޑުމެން އޮންނާނީ ފަސް ދުވަސް ކުރިން ނޯޓިސް ދީފައި މި ފަހަރު،" ނަސީރު ވިދާޅުވި އެވެ.
ކޯޗާސް ކޮމިޝަނަށް އިންތިހާބުކުރަނީ ރައީސަކާއި ހަތަރު މެމްބަރުންނެވެ. އެކްސްކޯ އިން ވެސް ހަތަރު މެމްބަރުން އައްޔަންކުރާނެ އެވެ.
ނާހިދު ވިދާޅުވީ މިހާރު މަސައްކަތްކުރަނީ ރާޅުގަނޑުގައި ކުރިއަށްގެންދާ މުބާރާތުގެ ފައިނަލް މެޗު އެހެން ރެއަކަށް ބަދަލުކުރަން ކަމަށާއި ނަމަވެސް ގިނަ ބަޔަކު ރާޅުގަނޑު ބުކްކޮށްފައި ވުމުން އެހެން ރެއަކަށް ބަދަލުކުރަން ދަތި ކަމަށެވެ.
ޓީރެކްސްގެ އިވެންޓަކާ ދިކާމޮށް އިންތިހާބު ބާއްވަނީ ޓީރެކްސް އަށް ނިސްބަތްވާ ފަރާތްތަކަށް ފުރުސަތު ނުދޭން ކަމަށް އެ ކްލަބުން ތުހުމަތުކުރެ އެވެ. އެސޯސިއޭޝަނުގެ މިހާރުގެ ހިންގާ ކޮމެޓީ މިދިޔަ މޭ މަހު އިންތިހާބުކުރިއިރު ހިންގާ ކޮމެޓީއަށް، ރާއްޖޭގެ އެންމެ ހަރަކާތްތެރި ތިން ކްލަބް ކަމަށްވާ ޓީރެކްސް އާއި ކަސްޓަމްސް އަދި ވިކްޓަރީ ނުހޮވަ އެވެ.
ވަތަނިއްޔާ އިން ސްޕޮންސާކޮށްފައިވާ ޓީރެކްސްގެ ތުރީ އޮން ތުރީ ޗެލެންޖް މިދިޔަ ހަފުތާ ބަންދުގައި ފަށާފައިވާއިރު ފުރަތަމަ ބުރުގެ ބާކީ މެޗުތައް ބުރާސްފަތި ދުވަހުގެރެ އާއި ހުކުރު ދުވަހުގެރޭ އޮންނާނެ އެވެ. ސެމީ ފައިނަލާއި ފައިނަލް އޮންނާނީ ހޮނިހިރު ދުވަހުގެރެ އެވެ. މުބާރާތުގެ ސީނިއާ ބައިގައި ފިރިހެން 12 ޓީމު އަންހެން ހަތަރު ޓީމު ވާދަކުރެ އެވެ. ޖޫނިއާ ބައިގައި ވާދަކުރަނީ ފިރިހެން ހަ ޓީމާއި އަންހެން ހަތަރު ޓީމެވެ. މުބާރާތާއެކު ތުރީ ޕޮއިންޓް ޝޫޓިން ޗެލެންޖާއި ސްކިލް ޗެލެންޖް އަދި ޑަންކް ޖެހުމުގެ ޕްރޮގްރާމްތަކެއް ކުރިއަށްދެ އެވެ. މި އިވެންޓްތަކުގެ ކޯ ސްޕޮންސަރުންނަކީ ހަންރެޑް ޕްލަސް އާއި އަލްކަޓެލް އަދި ޕެނެސޮނިކެވެ.
0 comment