ދިރާގު ދިވެހި ލީގުގައި ރޭ ވިޔަންސާ އަތުން 3- 1 އިން މޮޅުވެ ތާވަލުގެ ދެ ވަނަ މަގާމަށް މާޒިޔާ އަރައިފި އެވެ.
މުހައްމަދު ހުސެއިން ނިޔާޒް (ބޮކުރީ) އާއި އަހުމަދު މުހައްމަދު (އައްމަޑޭ) އަދި އަހުމަދު ރަޝީދު (އައްމަޑޭ) ގެ ލަނޑުތަކުން މާޒިޔާ މޮޅުވިއިރު އެ ޓީމު ދެ ވަނައިގައި އޮތީ 23 ޕޮއިންޓާ އެކު އެވެ. އެއް ވަނައިގައި 30 ޕޮއިންޓާ އެކު އޮތީ ނިއު ރޭޑިއަންޓެވެ. ވިކްޓަރީ 22 ޕޮއިންޓާ އެކު ތިން ވަނައިގައި އޮތްއިރު ހަތަރު ވަނައިގައި 21 ޕޮއިންޓާ އެކު އޮތީ ވީބީ އެވެ. މިރޭ ނިއު އަތުން ވީބީ މޮޅުވެއްޖެ ނަމަ އެ ޓީމަށް ދެ ވަނަ އަށް އެރޭނެ އެވެ.
އަނެއްކޮޅުން ރޭގެ މެޗުން ބަލިވުމުން ވިޔަންސާ އަށް ވަނީ ގަދަ ހަޔަކުން ފުރުސަތު ހޯދުމުގެ ދޮރު ވަރަށް ބޮޑަށް ހަނިވެފަ އެވެ. އެ ޓީމު އޮތީ ނުވަ ޕޮއިންޓާ އެކު ހަތް ވަނައިގަ އެވެ.
މާޒިޔާގެ ކޯޗު އިސްމާއިލް މަހެފޫޒް (އިންމަ) ބުނީ ތާވަލުގެ ދެ ވަނަ އަށް މި އެރީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ކަމަށާއި މިގޮތުގައި ހިފަހައްޓަން ވަރަށް މަސައްކަތް ކުރާނެ ކަމަށެވެ.
"މިރޭގެ މެޗުގައި ކުޅުމާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ. އެކަމަކު ފުރުސަތު ލިބި ބޭކާރުވެގެން ދިޔަ. އެހެން ނަމަވެސް ކުޅުންތެރިންގެ މަސައްކަތުން މި އޮތީ ދެ ވަނަ އަށް އަރާފައި. މި ސީޒަނަށް ތައްޔާރުވިއިރު ވެސް ބުނިން ދެވޭ އެންމެ ކުރިއަކަށް ދާން މަސައްކަތްކުރާށޭ. އެގޮތުން އަޅުގަނޑުމެންގެ ޓާގެޓަކީ ކުރިއަށް އޮތް ކޮންމެ މެޗެއް ވެސް ކާމިޔާބުކުރުން،" އިންމަ ބުންޏެވެ.
އޭނާ ބުނީ ޓީމުގެ ޑިފެންސް ބެލެހެއްޓި ޒުވާން ޑިފެންޑަރުންގެ ކުޅުމާ މެދު ހިތްހަމެޖެހޭ ކަމަށާއި އެ ކުޅުންތެރިންނަށް އިތުރު ފުރުސަތު ދޭނެ ކަމަށެވެ.
ވިޔަންސާގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނީ ބަލިވިޔަސް ޖުމްލަކޮށް ކުޅުމާ ދޭތެރޭ ހިތްހަމަޖެހޭ ކަމަށެވެ.
"ޖުމްލަކޮށް ކުޅުމާ ދޭތެރޭ ހިތްހަމަޖެހޭ. ފުރަތަމަ ހާފުގައި ދެ ގޯލް ވަނީ ކުޅުންތެރިޔަކު އަނިޔާވެގެން ފޭބި ގަޑީގައި ޑިސް އޯގަނައިޒްވެގެން. ފަހުން ރިކަވާވެގެން ރަނގަޅަށް ކުޅުނު. އެކަމަކު ލިބުނު ފުރުސަތުގެ ބޭނުން ނުކުރެވި ދިޔައީ،" ފެސްކޯ ބުންޏެވެ. "ސީޒަން ފެށީއްސުރެ އަހަރެމެންނަށް ދިމާވެފައިވަނީ ގޯލް ނުޖެހުމުގެ މައްސަލަ."
ރޭގެ މެޗުގައި މާޒިޔާ އަށް ލީޑު ނަގައިދިނީ 26 ވަނަ މިނެޓުގައި ބޮކުރީ އެވެ. އަރިމަތިން ހުރަސްކުރި ބޯޅަ އޭނާ ގޯލަށް ވައްދާލީ އޭވައިއެލްގެ ޑިފެންޑަރެއް ކައިރިން ނައްޓާލައިފަ އެވެ. އޭގެ ހަތަރު މިނެޓު ފަހުން މާޒިޔާގެ ލީޑު ފުޅާކޮށްދިނީ ނިއުގެ ކުރީގެ ކެޕްޓަން އައްމަޑޭވެ. ވިޔަންސާގެ ކީޕަރު ބޯ މަތިން އައްމަޑޭ ފޮނުވާލި ބޯޅަ އޭނާ ގޯލަށް ވައްދާލީ އެ ބޯޅަ ފެނު ޖެހުނު ވަގުތު ގޯލް ރޮނގު މަތިން ފޮނުވާލައިގެންނެވެ. ވިޔަންސާގެ ހަމައެކަނި ލަނޑު 41 ވަނަ މިނެޓުގައި ކާމިޔާބުކުރީ ޕެނަލްޓީއަކުން ކެޕްޓަން އަހުމަދު ޒާދެވެ. މިއީ އެ ޓީމުގެ އަހުމަދު ތަސްނީމް (ތައްތި) އަށް އޭރިއާ ތެރެއިން މާޒިޔާގެ ސަމްދޫހު މުހައްމަދު ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއެކެވެ.
ދެ ވަނަ ހާފުގައި، ނަތީޖާ ހަމަހަމަކުރަން ވިޔަންސާ އިން ކުރިއަރައި ފުރުސަތުތައް ތަނަވަސްކުރި ނަމަވެސް އަހުމަދު ރަޝީދު ވަނީ 88 ވަނަ މިނެޓުގައި މާޒިޔާގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށް އެ ޓީމަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފަ އެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ
0 comment