އޮލިމްޕިކް ގޭމްސްގައި ނެރެވުނު ނަތީޖާގެ ސަބަބުން އިތުރު ކުރިއެރުންތައް ހޯދޭނެ ކަމަށް ގަބޫލްކުރެވޭ ކަމަށް އޮލިމްޕިކްގައި ރާއްޖޭގެ 100 މީޓަރު ގައުމީ ރެކޯޑް މުގުރާލި ދުވުންތެރިޔާ އަހުމަދު އަޒްނީމް ބުނެފި އެވެ.
އަޒްނީމް ވަނީ މި އަހަރުގެ އޮލިމްޕިކްގައި ރާއްޖޭގެ 100 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް މުގުރާލުމުގެ އިތުރުން އޮލިމްޕިކްސްގެ އިވެންޓެއްގެ ޕްރިލިމިނަރީ ބުރުން ފުރަތަމަ ބުރަށް ކޮލިފައިވި އެތުލީޓުގެ ޝަރަފް ހޯދައިފަ އެވެ. އޮލިމްޕިކްގެ 100 މީޓަރުގެ ޕްރިލިމިނަރީ ބުރުގެ ތިން ވަނަ ހީޓުގައި ވާދަކޮށް އަޒްނީމް ގައުމީ ރެކޯޑް މުގުރާލީ 10.79 ސިކުންތުން ރޭސް ނިންމައިގެންނެވެ. އޭނާ ފުރަތަމަ ބުރަށް ކޮލިފައިވީ ހީޓުގެ ތިން ވަނަ ހޯދައިގެންނެވެ.
"އަސްލު ހިޔެއް ނުކުރަން ފުރަތަމަ ބުރަށް ދެވޭނެ ކަމަކަށް. މުބާރާތަށް ދިޔައިރު ޓާގެޓަކަށްވީ ގައުމީ ރެކޯޑް އާކުރަން. ފުރަތަމަ ބުރަށް ދެވޭނެކަމަކަށް އެއްގޮތަކަށް ވެސް ހިޔެއް ނުކުރަން،" އޮލިމްޕިކްގައި ވާދަކުރުމަށް ފަހު ރާއްޖޭގެ ކޮންޓިންޖެންޓާ އެކު ބުރާސްފަތި ދުވަހު އެނބުރި މާލެ އައުމަށް ފަހު އަޒްނީމް ، ،23 ބުންޏެވެ. "މިއަށްވުރެ ވެސް ކުރިއަށް ދެވިދާނެ ކަމަށް މިހާރު ގަބޫލްކުރަން. ކުރިން ގަބޫލެއް ނުކުރަން. އެކަމަކު ޓްރެއިނިންތައް ހެދިމާ ލިބޭ ކުރިއެރުމާ އެކު ގަބޫލްކުރަން މިއަށްވުރެ ބޮޑު ކުރިއެރުމެއް ލިބިދާނެ ކަމަށް."
ދެހާސް ދިހަ ވަނަ އަހަރުގެ ސާފް ގޭމްސްގެ ރިލޭގެ ލޯ މެޑަލް ހޯދި ޓީމުގައި ހިމެނޭ އަޒްނީމް އޮލިމްޕިކްގެ ފުރަތަމަ ބުރުގައި ވާދަކުރީ މި އަހަރުގެ އޮލިމްޕިކްގެ 100 މީޓަރާއި 200 މީޓަރުގެ ރިހި މެޑަލް ހޯދި ޖެމެއިކާގެ ޔޯހަން ބްލޭކާ އެކު އެވެ. އަޒްނީމް ބުނީ އެއީ އޭނާ އަށް ލިބުނު ވަރަށް ބޮޑު ފަހުރެއް ކަމަށެވެ.
"މިވީހާ ތަނަކަށް ނުލިބޭ ދުނިޔޭގެ އެންމެ ކުރީގައި އުޅޭ އެތުލީޓުންނާ އެކު ދުވެލާކަށް. މި ފަހަރު އެ ފުރުސަތު ލިބުމަކީ ރާއްޖެ އަށް ވެސް ލިބުނު ފަހުރެއް ކަންނޭނގެ. ދުނިޔޭގެ އެއްވަނަ ނުވަތަ ދެވަނައާ އެކު ދުވެލުމަކީ ވަރަށް ބޮޑު ޝަރެފެއް،" އަޒްނީމް ބުންޏެވެ.

0 comment