ފިތުރު އީދު ދުވަހާ ގުޅުވައިގެން ބައިބަލާ އެސޯސިއޭޝަނުން ބާއްވާ ބައިބަލާ މުބާރާތުގެ ދެވަނަ ބުރުން ހަ ޓީމެއް ރޭ ޖާގަ ހޯދައިފި އެވެ.
މި މުބާރާތުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ، ދެވަނަ ބުރުން ޖާގަ ހޯދީ މަސްއޮޑި ސްޕޯޓްސް ކްލަބާއި ޔޫއެން ޕާކާއި ކުޑަ ހެންވޭރިއަންސް އާއި ބީޖީ ނިއު ޖެނެރޭޝަނާއި ލޮރެންޒޯ ހައިނަސް އަދި ޒެފްރޯލް ގޯޅި އެވެ.
މި މުބާރާތުގައި މިރޭ 10 މެޗު ކުޅޭ ގޮތަށް ވަނީ ޝެޑިއުލްކޮށްފަ އެވެ.
މިދިޔަ އަހަރުގެ މުބާރާތަށް ވުރެ އިތުރަށް މި ފަހަރު ދެ ޓީމު ބައިވެރިވެފައިވާއިރު ޗެމްޕިއަން ޓީމަށް 50،000ރ. ވަނީ ހުށަހަޅައިފަ އެވެ. މިއީ މިދިޔަ އަހަރަށް ވުރެ ދެ ގުނަ ބޮޑު އަދަދެކެވެ. ރަނަރަޕް ޓީމަށް 25،000ރ. އަދި ފެއާ ޕްލޭ ޓީމަށް 15،000ރ. ވަނީ ހުށަހަޅައިފަ އެވެ.
ހަ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ރާވައިފައިވާ ބައިބަލާ މުބާރާތް މި އަހަރު ސްޕޮންސާކޮށްފައިވަނީ ހެއާކެއާ އިންނެވެ. މި މުބާރާތުގެ މެޗުތައް ވީޓީވީން ލައިވްކޮށް ދައްކަ އެވެ.
ކުރިން ދިވެހިރާއްޖޭގެ އަޑުން ބާއްވަމުން އައި ބައިބަލާ މުބާރާތަކީ ޒުވާނުންގެ ތެރޭގައި ވަރަށް ފޯރިގަދަ މުބާރާތެކެވެ. އެގޮތުން ރޯދަ މަސް ފެށުމުގެ ކުރިން ޓީމުތައް މުބާރާތަށް ތައްޔާރުވާން ވަނީ ފަށައިފަ އެވެ. މިދިޔަ އަހަރުގެ މުބާރާތް ޓީސީ ސްޕޯޓްސް ކްލަބުން ކާމިޔާބުކުރިއިރު، 1996 ވަނަ އަހަރު ތައާރަފް ކުރި މުބާރާތުގެ ފުރަތަމަ ފަސް އަހަރު ތަށި ގެންދިޔައީ ބީޖީ އިންނެވެ. އަދި އޭގެ ފަހުން 2006 ވަނަ އަހަރާއި 2008 ވަނަ އަހަރު ވެސް ތަށި އުފުލާލީ ބީޖީ އެވެ.

ފޮޓޯ އިން ހަބަރު
0 comment