އެތުލެޓިކްސް

ބޯލްޓުގެ ކޯޗުގެ އިރުޝާދު ރާއްޖޭގެ ދެ އެތުލީޓުންނަށް!

މުހައްމަދު ހަމްދޫން
06 ސެޕްޓެމްބަރ 2012 11:45 5 ކޮމެންޓު
  • ސާއިދު (ކ) އާއި އަޒުނީމް 2010 ގެ ސާފް ގޭމްސްގެ ރިލޭ އިން ހޯދި ލޯ މެޑަލާ އެކު: ތަމްރީނަށް މި މަހު ފުރާނެ. --ހަވީރު ފައިލް ފޮޓޯ

ދުނިޔޭގެ އެންމެ ބާރު ދުވުންތެރިޔާ ޖެމެއިކާގެ އުސެއިން ބޯލްޓަށް ކޯޗުކޮށްދޭ މަޝްހޫރު ގްލެން މިލްސްގެ އިރުޝާދުގެ ދަށުން ޖެމެއިކާގެ ވެރިރަށް ކިންގްސްޓަންގެ ހައި ޕާފޯމަންސް ސެންޓަރުގައި ތަމްރީން ހެދުމުގެ ފުރުސަތު ރާއްޖޭގެ ދެ އެތުލީޓުންނަށް އޮލިމްޕިކް ކޮމެޓީން ދީފި އެވެ.

ރާއްޖޭގެ އެންމެ ބާރު ދެ ދުވުންތެރިން ކަމަށްވާ އަހުމަދު އަޒްނީމާއި ހަސަން ސާއިދަށް މިދިޔަ އަހަރު ވެސް އޮލިމްޕިކް ކޮމެޓީން މި ފުރުސަތު ހޯދައިދިނެވެ. ނަމަވެސް އޭރު، ސާއިދު ވަޒީފާ އަދާކުރި އެމްއެންޑީއެފް އިން އަދި އަޒްނީމް ވަޒީފާ އަދާކުރި މޯލްޑިވްސް ޕޮލިސް ސާވިސް އިން ލީވް ހަމަނުޖެހުމުން ނުދެވުނީ އެވެ.

އޮލިމްޕިކް ކޮމެޓީގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މަރުޒޫގު (މަރޭ) މިއަދު ވިދާޅުވީ ޖެމެއިކާ އިން އަލުން މިހާރު ފުރުސަތު ލިބިފައިވާ ކަމަށާއި މި މަސް ނިމުމުގެ ކުރިން ފުރަން ޖެހޭނެ ކަމަށެވެ.

"މިދިޔަ އަހަރު ވެސް މި ފުރުސަތު ލިބުނު. ނަމަވެސް އޭރު ސާއިދާއި އަޒްނީމް ވެސް ވަޒީފާ އަށް ނުކުތް ދުވަސްކޮޅަށް ވުމުން ލީވް ހަމަނުޖެހުނީ. މި ފަހަރު އަލުން ފުރުސަތު ލިބުމާ އެކު ލީވް ހަމަޖެހޭނެ ކަމަށް މި ބަލަނީ. މި މަސް ނިމުމުގެ ކުރިން ފުރަން ޖެހޭ ދެ އެތުލީޓުން،" މަރުޒޫގު ވިދާޅުވި އެވެ.

މަރުޒޫގު ވިދާޅުވީ ދެ އެތުލީޓުންނަށް ހަތަރު އަހަރު ދުވަހު އެ ސެންޓަރުގައި ތަމްރީން ހެދުމުގެ ފުރުސަތު ލިބޭނެ ކަމަށާއި ނަމަވެސް ސާއިދާއި އަޒްނީމް ފުރަތަމަ ތަމްރީން ހަދާނީ އެއް އަހަރު ކަމަށެވެ.

"ފުރަތަމަ އެއް އަހަރުގެ ތަމްރީން ހަދާނީ. އެއަށް ފަހު ޕާފޯމަންސާއި އެހެނިހެން ކަންކަމަށް ބެލުމަށް ފަހު މުއްދަތު އިތުރުކުރާނީ. އެކަމަކު އޮލިމްޕިކް ކޮމެޓީގެ ވިސްނުން ހުރީ ހަތަރު އަހަރަށް ތަމްދީނުދޭ ގޮތަށް. ސަބަބަކީ މިއީ ވަރަށް ޒުވާން ދެ އެތުލީޓުންނަށް ވާތީ،" މަރުޒޫގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަދުން ނޫނީ ނުލިބޭނެ މި ފުރުސަތަކީ އޮލިމްޕިކް ކޮމެޓީން ވަރަށް މަސައްކަތްކޮށްގެން ހޯދި ފުރުސަތެއް ކަމަށެވެ. އަދި އެ އެތުލީޓުންނަށް ކުރަން ޖެހޭ ހަރަދެއް ކުރާނީ އޮލިމްޕިކް ކޮމެޓީން ކަމަށެވެ.

"ފައިސާ ދީގެން ވެސް ވަރަށް އުނދަގުލުން އެ ސެންޓަރުން ފުރުސަތު ލިބެނީ. ވަރަށް ނުލިބޭނެ ފުރުސަތެއް ރާއްޖެ އަށް މި ލިބުނީ. އެކަމަކު އަޅުގަނޑުމެން ކޮމެޓީން ވަރަށް މަސައްކަތްކޮށްގެން މި ފުރުސަތު ލިބުނީ. މިފަދަ ސެންޓަރަކުން ތަމްރީން ވުމުން އެ ދެ އެތުލީޓުންގެ ކުރިމަގަށް ބޮޑު ފައިދާއެއް ކުރާނެ،" މަރުޒޫގު ވިދާޅުވި އެވެ. "އަޅުގަނޑުމެން ޖެމެއިކާގެ އެތުލެޓިކްސް އެސޯސިއޭޝަނަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރަން."

ޖެމެއިކާގައި ތަމްރީން ހަދަމުން ދާއިރު އެ ގައުމުގައި ބާއްވާ މުބާރާތްތަކާއި ބައިނަލްއަގްވާމީ މުބާރާތްތަކުން ފުރުސަތު ލިބޭނެ އެވެ.

ރާއްޖެ އަށް އެތުލެޓިކްސް އިން ލިބުނު އެންމެ ބޮޑު ކާމިޔާބުކަމަށްވާ އެންމެ ފަހުގެ ސާފް ގޭމްސްގެ ރިލޭ އިން ލޯ މެޑަލް ހޯދި ޓީމުގައި ހިމެނުނު ދެ ދުވުންތެރިންނަކީ ރާއްޖޭގެ މިހާރު އެންމެ އުއްމީދީ ދެ ދުވުންތެރިންނެވެ. މީގެ ތެރެއިން އަޒްނީމް ވަނީ މި އަހަރުގެ އޮލިމްޕިކްގައި ރާއްޖޭގެ 100 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް މުގުރާލުމުގެ އިތުރުން އޮލިމްޕިކްސްގެ އިވެންޓެއްގެ ޕްރިލިމިނަރީ ބުރުން ފުރަތަމަ ބުރަށް ކޮލިފައިވި ފުރަތަމަ އެތުލީޓުގެ ޝަރަފް ހޯދައިފަ އެވެ.

ކިންގްސްޓަންގެ ހައި ޕާފޯމަންސް ސެންޓަރަކީ ބޯލްޓްގެ އިތުރުން އެތުލެޓިކްސް އިން ރަން މެޑަލް ހޯދާފައިވާ އެތައް އެތުލީޓުންނެއް ތަމްރީންވެފައިވާ ސެންޓަރެކެވެ. މި ސެންޓަރު ފާހަގަކުރެވެނީ ދުނިޔޭގެ ފެންވަރުގެ އެތުލީޓުން ތަމްރީންކުރާ ތަނެއްގެ ގޮތުގަ އެވެ. މި ސެންޓަރުގައި ތަމްރީން ދޭ މިލްސް ވަނީ ޖެމެއިކާގެ އޮލިމްޕިކް އެތުލެޓިކްސް ޓީމުގެ ހެޑް ކޯޗުކަން ކުރިން ކޮށްފަ އެވެ. ބޯލްޓުގެ އިތުރުން، މި ފަހަރުގެ އޮލިމްޕިކްސްގެ 100 މީޓަރާއި 200 މީޓަރުގެ ރިހި މެޑަލް ހޯދި ޖެމެއިކާގެ ޔޮހާން ބްލޭކް އަށް ވެސް އޭނާ އިރުޝާދު ދެ އެވެ.

5 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait