އެމްބީއޭ ޗެމްޕިއަންޝިޕުގެ ގްރޫޕް އެކެއްގައި އެމްއެސް ހެލްޕިން ހޭންޑް ސްޕޯޓްސް އެކަޑަމީ އަތުން ދިވެހި ސިފައިންގެ ކްލަބް ބޮޑު ތަފާތަކުން ރޭ މޮޅުވެއްޖެ އެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މެޗު ސިފައިން ކާމިޔާބުކުރީ 84- 42 ޕޮއިންޓުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސިފައިންގެ ކްލަބުގެ އިބްރާހިމް ރަޝްވާން އެވެ. އޭނާ 24 ޕޮއިންޓް އެއްކުރިއިރު އޭނާ އަކީ މެޗުގައި ސިފައިންނަށް އެންމެ ގިނަ ޕޮއިންޓް އެއްކޮށްދިން ކުޅުންތެރިޔާ ވެސް މެ އެވެ. އެމްއެސް އަށް އެންމެ ގިނަ ޕޮއިންޓް އެއްކޮށްދިނީ ނުވަ ޕޮއިންޓް ހޯދި މަފާޒް މުހައްމަދެވެ.
ސިފައިން ފުރަތަމަ ކުޅުނު މެޗުން ރެޑްލައިން ކްލަބް އަތުން ބަލިވިއިރު ދެ ވަނަ މެޗުން އެލްކިއު ސްޕޯޓްސް އަތުން ބޮޑު ތަފާތަކުން ވަނީ މޮޅުވެފަ އެވެ. އެމްއެސް ކުޅުނު ފުރަތަމަ މެޗުން އެލްކިއު އަތުން މޮޅުވިއިރު ރެޑްލައިން ކްލަބް އަތުން ވަނީ ބަލިވެފަ އެވެ.
މުބާރާތުގައި ބުރާސްފަތި ދުވަހުގެރޭ ކުޅޭނީ ގްރޫޕް އެކެއްގެ އެލްކިއު އާއި ރެޑްލައިން ކްލަބެވެ. ހުކުރު ދުވަހުގެރޭ ކުޅޭނީ ގްރޫޕް ދޭއްގެ ހަރިކޭން އާއި ކްލަބް އީގަލްސް އެވެ.
މުބާރާތުގެ ސެމީ އަށް ދާނީ ދެ ގުރޫޕްގެ އެއްވަނަ ޓީމާއި ދެވަނަ ޓީމެވެ. އެއްވަނަ ސެމީގައި ވާދަކުރާނީ ގުރޫޕް އެކެއްގެ އެއްވަނަ ޓީމާއި ގުރޫޕް ދޭއްގެ ދެވަނަ ޓީމެވެ. ދެވަނަ ސެމީގައި ކުޅޭނީ ގުރޫޕް ދޭއްގެ އެއްވަނަ ޓީމާއި ގުރޫޕް އެކެއްގެ ދެވަނަ ޓީމެވެ.
ފައިނަލް މެޗު އޮންނާނީ ސެޕްޓެމްބަރު 13 ވަނަ ދުވަހު އެވެ.

ފޮޓޯ އިން ހަބަރު
0 comment