ފުޓްބޯޅަ

އޮއިއްޓޭ އާއި ފަދިއްކޮ ބީޖީ އަށް

މުހައްމަދު ހަމްދޫން
29 ޑިސެމްބަރ 2012 10:53 3 ކޮމެންޓު
 • ވީބީގެ ޕްރެކްޓިހުގައި އޮއިއްޓޭ (ކ) އާއި ފަރޭ (ވ) އާއި ފަދިއްކޮ (ވ- 2) އަދި އަޝްފާން ބައިވެރިވަނީ: މި ހަތަރު ކުޅުންތެރިން ވެސް އަންނަ ސީޒަނުގައި ފެންނާނީ ބީޖީން. --ހަވީރު ފައިލް ފޮޓޯ

ނިއު ރޭޑިއަންޓުގެ މުހައްމަދު ހުސެއިން (އޮއިއްޓޭ) އާއި ވީބީ އައްޑޫ އެފްސީގެ އާދަމް ފަޒީހް (ފަދިއްކޮ) އާއި މަޝްހޫރު އިތުރު ކުޅުންތެރިންތަކެއް އަންނަ އަހަރު ބީޖީ ސްޕޯޓްސް އަށް ކުޅެން ސޮއިކޮށްފި އެވެ.

ބީޖީގެ އޮފިޝަލަކު ބުނީ މި ދެ ކުޅުންތެރިންގެ އިތުރުން ސޮއިކުރީ ވިކްޓަރީގެ ޑިފެންޑަރު އިބްރާހިމް ސިނާޒް (ސިނާ) އާއި ވެލެންސިއާގެ ގޯލްކީޕަރު އިބްރާހިމް އިފްރާހު އަރީފާއި ވިޔަންސާގެ އަހުމަދު ޒާދު އާއި މަޒްހަރް އަބްދުﷲ އަދި ނިއުގެ ޒުވާން ފޯވާޑް މުހައްމަދު އިމްރާން (އިއްމި) އެވެ.

މީގެ ތެރެއިން އޮއިއްޓޭ އަކީ ފާއިތުވި ފަސް އަހަރު ވީބީ އަށް ކުޅުމަށް ފަހު ޖޫން ޓްރާންސްފާގައި ނިއު އަށް ބަދަލުވި ކުޅުންތެރިއެކެވެ. އީގަލްސް އިން 1998 ވަނަ އަހަރު ކެރިއަރު ފަށައި އޭގެ ފަހުން 1999 އިން ފެށިގެން 2005ގެ ނިޔަލަށް ނިއު އަށް ކުޅުނު ހުނަރުވެރި މިޑްފީލްޑަރު ވީބީ އަށް ބަދަލުވީ 2006 ވަނަ އަހަރު ވެލެންސިއާ އަށް ކުޅުމަށް ފަހު އެވެ. ދިވެހި ފުޓްބޯޅަ އަށް 50 އަހަރު ފުރިގެން 2000 ވަނަ އަހަރު ބޭއްވި ގޯލްޑަން ޖުބްލީ މުބާރާތާއި 2003ގެ ސާފް ޗެމްޕިއަންޝިޕުގައި ވެސް ގައުމީ ޓީމަށް ކުޅުނު އޮއިއްޓޭ މި އަހަރު ނިއު އަށް އަލުން ބަދަލުވެ ރަނގަޅު ކުޅުމެއް ދެއްކި އެވެ. ނިއު އިން ވިދާލި ފަދިއްކޮ ވީބީ އަށް ބަދަލުވުމުގެ ކުރިން ވިކްޓަރީ އަށް ވެސް ކުޅުނެވެ.

ފުރަތަމަ ޑިވިޝަންގައި އަލަށް ވާދަކުރުމަށް ތައްޔާރުވަމުންދާ ބީޖީން ވަނީ ގައުމީ ޓީމުގެ ފޯވަޑް އައްސަދު އަލީ (އަޑުބަރޭ) އާއި ވީބީގެ ދެ ޑިފެންޑަރުން ކަމަށްވާ އަހުމަދު އަޝްފާނާއި ފަރުހާދު އިސްމާއިލް (ފަރޭ) އާއި އީގަލްސްގެ އަހުމަދު ރިލްވާން (ރިލޭ) އަދި އެ ޓީމުގެ ގޯލްކީޕަރު މުހައްމަދު ޔަމާން އަދި ވިކްޓަރީގެ މިޑްފީލްޑަރު މުހައްމަދު ޝައްފާޒް (ސައްޕޭ) ގެނެސްފަ އެވެ.

މީގެ ތެރެއިން އަޑުބަރޭ އެންމެ ފުރަތަމަ ނިއު އަށް ސޮއިކުރި އިރު އޭނާ ބީޖީ އަށް ބަދަލުވީ ނިއު އިން ރިލީޒް ހޯދައިގެންނެވެ.

ބައިބަލާގެ ޗެމްޕިއަނުންގެ ގޮތުގައި މަޝްހޫރުވި ބީޖީ ފުރަތަމަ ޑިވިޝަނުން ޖާގަ ހޯދީ ދިވެހި ލީގު ކޮލިފިކޭޝަންގައި ފުރަތަމަ ޑިވިޝަނުގެ ވިޔަންސާ ފަހަތަށް ޖައްސާލުމަށް ފަހު އެވެ. ދެވަނަ ޑިވިޝަނަށް މި އަހަރު ބީޖީ ނުކުތީ ނިސްބަތުން ވަރުގަދަ ޓީމަކާ އެކު އެވެ. ބީޖީ އަށް މި އަހަރު ކުޅުނު ސްރީލަންކާގެ ތިން ކުޅުންތެރިންގެ ތެރޭގައި ލަންކާގެ ގައުމީ ޓީމުގެ ކުރީގެ ފޯވަޑް އީބީ ޗަންނަ ވެސް ހިމެނެ އެވެ.

ކިޔުންތެރިންގެ އިހުސާސް: މިއާޓިކަލް ކިޔާލުމުން ކުރެވުނީ ކޮން އިހުސާސެއް؟

 • 0%
  ދެރަވި
 • 0%
  އުފާވި
 • 0%
  ރުޅިއައި
 • 0%
  މައުލޫމާތު މުއްސަނދިވި

3 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait