ކްލަބް އީގަލްސް

މާޒިޔާގެ އައްމަޑޭ އީގަލްސް އަށް ބަދަލުވެއްޖެ

ހަސަން ޝިފާން
05 ޑިސެމްބަރ 2013 14:36 1 ކޮމެންޓު
 • 2012 ވަނަ އަހަރުގެ އެފްއޭ ކަޕްގެ ފައިނަލްގައި އީގަލްސް ކޮޅަށް ލަނޑު ޖެހުމަށް ފަހު އައްމަޑޭ އުފާފާޅުކުރަނީ: އަންނަ އަހަރު އައްމަޑޭ ފެންނާނީ އީގަލްސް އިން. -- ހަވީރު ފައިލް ފޮޓޯ

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކެޕްޓަން އަހުމަދު ރަޝީދު (އައްމަޑޭ) އޭނާ ކުރިން ކުޅުނު ކްލަބް އީގަލްސް އަށް ބަދަލުވެއްޖެ އެވެ.

އީގަލްސްގެ ޖެނެރަލް ސެކްރެޓަރީ މުފާވިޒް ހާޝިމް (މުފާ) ބުނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން އައްމަޑޭ އީގަލްސް އަށް ބަދަލުވެފައިވާ ކަމަށާއި އައްމަޑޭ ކަހަލަ ގޯލާ ރައްޓެހި ފޯވަޑެއް ލިބުމަކީ އީގަލްސް އަށް ކުރިއެރުމެއް ކަމަށެވެ.

"އައްމަޑޭ އަކީ ރަނގަޅު ފޯވަޑެއް. އެހެންވެ ފޯވަޑް ލައިން ވަރުގަދަކުރަން ވިސްނާފައި އައްމަޑޭ ގެނައީ،" މުފާ ބުންޏެވެ.

އައްމަޑޭ ވަނީ 2005 ވަނަ އަހަރު އީގަލްސް ދެވަނަ ޑިވިޝަންގައި ވާދަކުރިއިރު، އެ ޓީމަށް ކުޅެފެ އެވެ.

ރާއްޖޭގެ ގައުމީ ޓީމަށް ވެސް ކުޅޭ އައްމަޑޭ މާޒިޔާއާ ގުޅުނީ 2007 ވަނަ އަހަރު އެވެ. އައްމަޑޭ ވަނީ އެ ޓީމަށް ކުޅުނު ހަ ސީޒަންގައި ގިނަ ލަނޑުތަކެއް ޖަހައިދީފަ އެވެ. މާޒިޔާ އިން 2012 ވަނަ އަހަރު އެފްއޭ ކަޕްގެ ފައިނަލްގައި އީގަލްސް ބަލިކޮށް، ފުރަތަމަ ފަހަރަށް އެ މުބާރާތް ކާމިޔާބުކުރީ އައްމަޑޭ ޖެހި ލަނޑުންނެވެ. އެއީ މާޒިޔާ އަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބެވެ.

މުފާ ބުނީ އީގަލްސް އިން މިހާރު ބަލަމުންދަނީ މިޑްފީލްޑަރަކާއި ޑިފެންޑަރަކަށް ކަމަށެވެ. އަދި މިދިޔަ ސީޒަންގައި އެ ޓީމަށް ކުޅުނު ގިނަ ކުޅުންތެރިން އަންނަ އަހަރު ވެސް ޓީމުން ފެންނާނެ ކަމަށް ބުންޏެވެ.

"މިހާރު މި ބަލަނީ މިޑްފީލްޑަރަކާއި ޑިފެންޑަރަކަށް. މިޑްފީލްޑަރާއި ޑިފެންޑަރެއް ހޯދުމަށް ފަހު ދެން ހިޔެއް ނުވޭ އިތުރު ކުޅުންތެރިއަކަށް ބަލާނެހެނެއް. މިދިޔަ ސީޒަންގައި ކުޅުނު ގިނަ ކުޅުންތެރިން ޓީމުގައި މަޑުކުރާނެ،" މުފާ ބުންޏެވެ.

މުފާ ބުނީ ބިދޭސީ ކުޅުންތެރިން ހޯދުމުގެ ވިސްނުމެއް ވެސް އީގަލްސް އިން ގެންގުޅޭ ކަމަށެވެ. އެކަމަކު ބިދޭސީ ކުޅުންތެރިންނަށް ވިސްނާނީ ގެންނަން ބޭނުންވާ ދިވެހި ކުޅުންތެރިންގެ ކަންތައްތައް ނިމުމުން ކަމަށް އޭނާ ބުންޏެވެ.

ކިޔުންތެރިންގެ އިހުސާސް: މިއާޓިކަލް ކިޔާލުމުން ކުރެވުނީ ކޮން އިހުސާސެއް؟

 • 0%
  ދެރަވި
 • 0%
  އުފާވި
 • 0%
  ރުޅިއައި
 • 0%
  މައުލޫމާތު މުއްސަނދިވި

1 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait