ދިރާގު ދިވެހި ލީގުގައި ރޭ އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އާއި ވިކްޓަރީ ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗު 1- 1 އިން އެއްވަރުވެ، ވިކްޓަރީ އަށް މުހިންމު ޕޮއިންޓްތަކެއް ގެއްލިއްޖެ އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ވިކްޓަރީގެ ފައުޒާން ހަބީބް ލަނޑެއް ޖަހައި އެ ޓީމަށް ލީޑު ހޯދައިދިން ނަމަވެސް، ދެވަނަ ހާފުގެ ކުރީކޮޅު އޭވައިއެލްގެ ކެމަރޫން ފޯވަޑް ބޯގާ ލޯގާ ސްޓެފާނޭ ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
މެޗުން ލިބުނު ޕޮއިންޓާއެކު ވިކްޓަރީ ލީގުގެ ދެވަނައިގައި އޮތީ 22 ޕޮއިންޓާ އެކު އެވެ. ލީގުގެ އެއްވަނައިގައި 30 ޕޮއިންޓާއެކު ނިއު ރޭޑިއަންޓް އޮތްއިރު، ތިން ވަނައިގައި ވީބީ އައްޑޫ އެފްސީ އޮތީ 21 ޕޮއިންޓާއެކު އެވެ. ލީގުގައި މާދަމާ ރޭ ވީބީ އާއި ނިއު ކުޅޭ މެޗުން ވީބީ ބަލިނުވެއްޖެ ނަމަ، އެ ޓީމަށް ތާވަލްގެ ދެވަނަ ލިބޭނެ އެވެ.
"ރިސަލްޓާ މެދު ހިތްހަމައެއްނުޖެހޭ އެއީ ވިކްޓަރީ މޮޅުވާން ވިސްނައިގެން ވަރަށް ރަނގަޅަށް ތައްޔާރުވެގެން އައި މެޗެއްގަ މިހާ އާދައިގެ ނަތީޖާއެއް ލިބުނީމަ އެއީ ހިތްހަމަނުޖެހުމެއް،" މެޗަށް ފަހު ވިކްޓަރީގެ ކޯޗު އަލީ ސުޒޭން ބުންޏެވެ. "ވިކްޓަރީ ފުރަތަމަ ފަށައިގެން ލިބުނު ވަރަށް ގިނަ އެއްޗެހި ނުޖެހިގެން ދިޔައީ. އޭވައިއެލް ވަރަށް ރަނގަޅަށް ކުޅުނު ދެވަނަ ހާފުގައި. ތަފާތަކީ އޭވައިއެލްގެ މަސައްކަތް ދެވަނަ ހާފުގައި މާ ރަނގަޅަށް ފެނިގެންދިޔައީ. ފަހު ހާފުގައި ވިކްޓަރީ އަށް ނުލިބޭ ރަނގަޅު ފުރުސަތެއް ވެސް. އޭވައިއެލް އަށް ލިބުނު ރަނގަޅު ދެ ފުރުސަތެއް."
ސުޒޭން ބުނީ ދެވަނަ ހާފުގެ ކުރީކޮޅު އޭވައިއެލް އިން އެއްވަރުކުރުމަކީ މެޗު އެނބުރުނު އެންމެ ބޮޑު އެއް ސަބަބު ކަމަށެވެ.
އޭވައިއެލްގެ ކޯޗު މުހައްމަދު އާތިފް (އާތި) ބުނީ މެޗުގައި އޭވައިއެލްގެ ކުޅުންތެރިން ދެއްކި ކުޅުމާމެދު ޝުކުރުވެރިވާ ކަމަށެވެ.
"ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. ވިކްޓަރީ އަކީ ފުޓްބޯޅައިގެ ބޮޑެތި ބާރުތަކުގެ ތެރެއިން ގަދަ ބާރެއް. އެ ބާރާއެކު ކުޅުނު މެޗުގައި ރިސަލްޓަށްވުރެ ބޮޑަށް ޖަހަން ލިބުނު ފުރުސަތުތަކަށް ބަލައިފި ނަމަ އޭވައިއެލް އަށް ކަންނޭނގެ ލިބުނީ. އެހެންވީމަ ބުނެވޭނީ މެޗުގެ ފުދޭވަރެއްގެ ކޮންޓުރޯލެއް އޭވައިއެލް އަށް ވެސް ލިބުނޭ. ވިކްޓަރީ އަށް ވެސް ކޮންޓުރޯލް ލިބުނު. ފަހު 20 އަކަށް މިނިޓު އޭވައިއެލްގެ އަތުގައި ކޮންޓުރޯލް އޮތީ." އާތި ބުންޏެވެ.
ީ ލީގުގެ ދެވަނަ ބުރުގައި އޭވައިއެލް އަށް އެއް މެޗު އޮތްއިރު، 12 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލްގެ ހަ ވަނައިގަ އެވެ. ލީގުގެ ދެ ވަނަ ބުރު ނިމޭއިރު ގަދަ ހައެއްގަ އޮންނަ ޓީމުތަކަށް ތިން ވަނަ ބުރުގެ ޖާގަ ލިބޭއިރު، ހަތް ވަނަ ޓީމާއި 8 ވަނަ ޓީމަށް ރެލިގޭޝަން ކުޅެންޖެހޭނެ އެވެ. ހަތް ވަނައިގައި އޮތް ވިޔަންސާ އަށް 8 ޕޮއިންޓް ލިބިފައިވާއިރު، ވެލެންސިއާ ތާވަލްގެ ފުލުގައި އޮތީ ހަތް ޕޮއިންޓާއެކު އެވެ.
އާތީ ބުނީ އޭވައިއެލް އަށް ގަދަ ހައެއްގެ އެއްވެސް ޔަގީންކަމެއް އަދި ނުލިބޭ ކަމަށާއި ބާކީ އޮތް މެޗުގައި ވެސް ރަނގަޅު ނަތީޖާއަކަށް މަސައްކަތްކުރަންޖެހޭނެ ކަމަށެވެ.
ީ ފުރަތަމަ ހާފު ޑޮމިނޭޓްކޮށްގެން ކުޅުނު ވިކްޓަރީ އަށް މެޗުގެ 26 ވަނަ މިނިޓުގައި ލީޑު ހޯދައިދިނީ ކުރިން ނިއު އަށް ކުޅުނު ފައުޒާނެވެ. ވިކްޓަރީގެ ކެމަރޫން ފޯވަޑް ހަންސްލޭ އަވީލޯ އޭވައިއެލްގެ ގޯލު ކުރިމައްޗަށް ތިރިތިރިން ހުރަސްކޮށްލި ބޯޅަ ފައުޒާން ވަނީ ފަސޭހަކަމާއެކު ގޯލަށް އަމާޒުކޮށްލައިފަ އެވެ. ފުރަތަމަ ހާފުގައި ވިކްޓަރީ އަށް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނެވެ.
ދެވަނަ ހާފު ފެށިތާ މިނިޓެއް ވެސް ނުވަނީސް ސްޓެފާނޭ ކާމިޔާބުކުރި ލަނޑާއެކު މެޗުގެ ނަތީޖާ އެއްވަރުވި އެވެ. އޭވައިއެލްގެ ބްރެޒިލް ފޯވަޑް އެވަޓަން ސޫޒާ ސަންތޯސް ދިން ޕާހަކަށް އަރައި، ސްޓެފާނޭ ވަރަށް ވިކްޓަރީގެ ގޯލްކީޕަރު ލެވެންޓް ވަންލީ ބޯ މަތިން ގޯލަށް ބޯޅަ އޮއްސާލައިފަ އެވެ. ފުރަތަމަ ހާފާ ހިލާފަށް ދެވަނަ ހާފުގައި އޭވައިއެލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނެވެ. އަދި ލަނޑުޖަހާނެ ގިނަ ފުރުސަތުތައް ވެސް އޭވައިއެލް އަށް ލިބުނެވެ.

2 comments